ކޮމަންޑޫ ކައުންސިލުން މިއަހަރު ހިންގާ 14 ޕްރޮގްރާމަކަށް މާލީއެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ށ.އަތޮޅު ކައުންސިލްގެ ބަޖެޓުގެ ތެރޭގައި ހިމެނޭ ށ.އަތޮޅުގެ ރަށްރަށުގެ ރަށްވެހި ތަރައްޤީއަށާއި، އިޖުތިމާއީ ތަރައްޤީގެ ޕްރޮގްރާމްތަކަށް މާލީއެހީ ދިނުމުގެ ޕްރޮގްރާމުގެ ދަށުން ކޮމަންޑޫ ކައުންސިލުން މިއަހަރު ހިންގުމަށް ކަނޑައަޅައި ޕްރަޕޯސަލް ހުށަހަޅާފައިވާ 13 ޕްރޮގްރާމަކަށް މާލީއެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ށ. އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އިއްޔެ ހެނދުނު 10:50 ގައި ދެ ކައުންސިލް ދެމެދުގައި ބޭއްވުނު މުވައްޒަފުންގެ ބައްދަލުވުމުގައި އެ އެގްރިމެންޓްތަކުގައި އަތޮޅުކައުންސިލް އިދާރާގެ ފަރާތުން  ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމެވެ. ކޮމަންޑޫ ކައުންސިލް އިދާރާގެ ފަރާތުން ސޮއިކުރެއްވީ ކޮމަންޑޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސިނާނެވެ.

ކޮމަންޑޫ ކައުންސިލް އިދާރާއަށް މާލީއެހީދިނުމަށް ހަމަޖެހިފައިވާ އަދި އެރަށްރަށުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުތަކުގެ ތެރޭގައި ށ.ކޮމަންޑޫ އަކިޑް ޖަމްޢިއްޔާގެ ހޯލުގައި 2 ފާޚާނާ އާއި، ވޮޝްރޫމެއް ހެދުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މަޢުލޫމާތު ބޯޑް ބެހެއްޓުމާއި، ޙިމާޔަތްކުރެވިފައިވާ ދިރޭތަކެތި ރައްކާތެރިކުރުމަށާއި، ކޮމަންޑޫގެ ވަށައިގެން ގަސްއިންދުމުގެ ޕްރޮގްރާމެއް ހިންގުމާއި، ށ.ކޮމަންޑޫގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމާއި، ކޮމަންޑޫގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ މަޢުލޫމާތު ބޯޑުތަކެއް ބެހެއްޓުމާއި، ކޮމަންޑޫގައި ހެލްތު ސްކްރީނިން ޕްރޮގްރާމެއް ހިންގުމާއި، ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމާއި، ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކެއް ކޮމަންޑޫ ޞިއްޙީމަރުކަޒުގައި ފެށުމާއި، ގެވެށި އަނިޔާ ހުއްޓުވުމަށް ބޯޑުތަކެއް ބެހެއްޓުމާއި، ކޮމަންޑޫގައި ނިޔަމި ސެޓްފިކެޓް ކޯހެއް ހިންގުމާއި، ކޮމަންޑޫގެ އެކި ހިސާބުގައި ނޯޓިސްބޯޑް ބެހެއްޓުމާއި، ޕޮޒިޓިވް ޕޭރެންޓިން އަށް ބެލެނިވެރިން ހޭލުންތެރިކުރުވުމާއި، ށ.އަތޮޅު ތަޢުލީމީ މަރުކަޒަށް ޝޮޓްތްރޫ ޕްރޮޖެކްޓަރއެއް ހޯދުމުގެ ޕްރޮގްރާމެއް ހިމެނެއެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ ރަށްވެހި ތަރައްޤީއާއި، އިޖްތިމާޢީ ތަރައްޤީއަށް ރަށުކައުންސިލްތަކުން ރާވައި ހިންގާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީ ރަށުކައުންސިލްތައް ޙަރަކާތްތެރިކުރުވައި ބާރުވެރިކުރުވުމެވެ.