ށ. ކޮމަންޑޫ ކައުންސިލް އިދާރާގެ މުވައްޒަފުން ތަޖުރިބާ ދަތުރެއްގައި މިމަހުގެ 27 އިން 28 އަށް އަތޮޅުކައުންސިލަށް ޒިޔާރަތްކޮށްފިއެވެ.
މި ޒިޔާރަތުގައި ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި ކޮމަންޑޫ ކައުންސިލް އިދާރާގެ ފުޓްސަލް ޓީމާއި، އަތޮޅުކައުންސިލާއި ފުނަދޫ ކައުންސިލް ހިމެނޭ ޓީމަކާއެކު އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅުމާއި، އަތޮޅުކައުންސިލްގެ ދުވަހު މަސައްކަތްތައް ކުރެވެމުންދާ ގޮތާއި، ކައުންސިލްގެ މީޓިންގތައް ކުރިޔަށް ގެންދާގޮތާއި، ޕްރޮކިއުމެންޓް މަސައްކަތްތަކާއި، ފައިސާއާ ބެހޭ މަސައްކަތްތަކާއި، އެޗްއާރު ޔުނިޓުގެ މަސައްކަތްތައް ކުރާ ގޮތްތައް ގާތުން ބަލައި، މުވައްޒަފުންނާ ވަކިން ސުވާލުކޮށް މަޢުލޫމާތު ހޯދައި، އަދި ކޮމަންޑޫ ކައުންސިލުން މަސައްކަތްކުރާ ގޮތުގެ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކޮމަންޑޫ ކައުންސިލުގެ އެސް.އެމް.ޓީ އާއި، އިދާރީ މުވައްޒަފުންނާއި، އަދި ށ.އަތޮޅުކައުންސިލްގެ އެސް.އެމް.ޓީ އާއި، އިދާރީ މުވައްޒަފުން ހިމެނޭ ބައްދަލުވުމެއް އަތޮޅުކައުންސިލުގައި ބޭއްވިފައިވާއިރު، ޓީމުގެ ބޭފުޅުންވަނީ ފުނަދޫ ކައުންސިލްގެ އެސް.އެމް.ޓީ އާއި، އިދާރީމުވައްޒަފުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއެކު ބައްދަލުވުމެއް ބާއްވައި އިދާރީ ކަންކަން ހިނގާގޮތާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސައްކަތްތަކާއި، ކައުންސިލުން ހިންގާ ޕްރޮގްރާމުތަކުގެ މަޢުލޫމާތު ހޯދާފައެވެ.
ށ.ކޮމަންޑޫ ކައުންސިލްގެ މިޓީމުގައި ކައުންސިލްގެ ރައީސް މުޙައްމަދު ސިނާނާއި، ނާއިބުރައީސާއި، ކައުންސިލްގެ މެންބަރުންނާއި، އިދާރީ މުވައްޒަފުންނާއެކު ޖުމުލަ 18 މުވައްޒަފުން ހިމެނެއެވެ.