ފޭދޫ ކައުންސިލުން ހިންގާ ތިން ޕްރޮގްރާމަކަށް މާލީއެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ށ.އަތޮޅުގެ ރަށްރަށުގެ ރަށްވެހި ތަރައްޤީއަށާއި، އިޖުތިމާއީ ތަރައްޤީގެ ޕްރޮގްރާމްތަކަށް މާލީއެހީ ދިނުމުގެ ޕްރޮގްރާމުގެ ދަށުން ފޭދޫ ކައުންސިލް އިދާރާއިން ހުށަހަޅާފައިވާ ތިން ޕްރޮޕޯސަލަކަށް މާލީއެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މެންދުރުފަހު 1:00 ގައި އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ފަރާތުން އެގްރިމެންޓްތަކުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމެވެ. ފޭދޫ ކައުންސިލް އިދާރާގެ ފަރާތުން ސޮއިކުރެއްވީ ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމްއެވެ.

ރަށްވެހި ތަރައްޤީއާއި، އިޖްތިމާޢީ ތަރައްޤީއަށް ރަށުކައުންސިލްތަކުން ރާވައި ހިންގާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިޔަށްގެންދެވޭ މި ޕްރޮގްރާމުގެ ދަށުން ކުރިޔަށް އޮތް 3 މަސްދުވަހުގެ މުއްދަތުގައި ކުރުމަށް އަތޮޅުކައުންސިލާއި، ފޭދޫ ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ފޭދޫގައި ޢާއްމު ޞިއްޙަތަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގުމަށާއި، ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގުމަށާއި، ފޭދޫ ޕްރީސްކޫލް ޤާއިމުކޮށް ޚިދުމަތްދިނުމުގެ މަސައްކަތްކުރުމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ހުރިހާ ރަށަކަށް މާލީއެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ނަރުދޫ ކައުންސިލުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް މާލީއެހީ ދިނުމުގެ އެއްބަސްވުންތަކުގައި  މި ދިޔަ މަހުގެ 8ވަނަ ދުވަހު ސޮއިކުރެވިފައިވާކަމަށް ށ.އަތޮޅުކައުންސިލުން މަޢުލޫމާތުދެއްވައެވެ.