ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު 6:00 ގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ށ.އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވައިފިއެވެ.
ޤައުމީ ރޫޙު އާލާކުރުމުގެ މަޤުޞަދުގައި ށ.ފުނަދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން ބޭއްވުނު މި ރަސްމިއްޔާތު ކީރިތި ޤުރުއާންގެ ބަރަކާތުން ފަށްޓަވައި ދެއްވީ އަލްޤާރީ އިބްރާހީމް މުޙައްމަދެވެ. ޤައުމީ ދިދަ ނަންގަވައިދެއްވީ ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމެވެ. ރަސްމިއްޔާތު ނިމިގެން ދިޔައީ ރަސްމިއްޔާތުގައި ބައިވެރިވި އެންމެހާ ޙާޟިރީން ބައިވެރިވާ ޤައުމީ ސަލާމްކިއުމުންނެވެ.
މި ރަސްމިއްޔާތުގައި ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމުގެ އިތުރުން ފުނަދޫ ކައުންސިލް އިދާރާ އާއި ށ.ފުނަދޫ އަތޮޅުހޮސްޕިޓަލާއި، ފުނަދޫ ޗިލްޑްރަންސް ސަރވިސް ސެންޓަރާއި، ފުނަދޫ ސްކޫލާއި، ފެނަކަ ކޯޕަރޭޝަނާއި، ބޭންކް އޮފް މޯލްޑިވްސް ފުނަދޫ ބްރާންޗުގެ މުވައްޒަފުންނާއި، އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.