ށ.އަތޮޅު ކައުންސިލްގެ އިންތިޚާބީ ރައީސާއި، މެންބަރުންނަށް “ކައުންސިލަރުންގެ ދައުރު ބަދަލުވުމުގެ މަރުޙަލާގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލި އިންތިޤާލީ ކޮމެޓީގެ ރިޕޯޓް” އިއްޔެ ހިއްސާކޮށްފިއެވެ.
އިއްޔެ ހެނދުނު 10:00 ގައި އޮންލައިންކޮށް ކުރިޔަށްގެންދެވުނު މި ބައްދަލުވުމުގައި މި ރިޕޯޓް ޙިއްސާކޮށްދެއްވީ އިންތިޤާލީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެ ކައުންސިލްގެ ޑިރެކްޓަރޖެނެރަލް މުޙައްމަދު ޙަމީދާއި، އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޙަސަނާއި، ޙަމްދޫން ނަސީމެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ ތިންވަނަ ދައުރުގެ ރައީސް މުޙައްމަދު ޢާރިފް އާއި، ހަތަރުވަނަ ދައުރުގެ އިންތިޚާބީ ރައީސް މުޙައްމަދު ޝިޔާމުގެ އިތުރުން ތިންވަނަ ދައުރުގެ ނާއިބުރައީސް ޢަބްދުﷲ ނާހިދާއި، ކައުންސިލް މެންބަރުން ވާހަކަފުޅުދެއްކެވިއެވެ.
ކައުންސިލްގެ ރައީސާއި، މެންބަރުންގެ ވާހަކަފުޅުގައި އައު ކައުންސިލްގެ ރައީސާއި، މެންބަރުންނަށް މަރުޙަބާދެންނެވިއެވެ. އޭގެ އިތުރުން ހުރިހާ ރަށަކަށް ހަމަހަމަވާ ގޮތުގެމަތީން ކަންކަން އިންތިޒާމުކޮށް ކުރިޔަށްގެންދެވިފައިވާ ގޮތާއި، ވޭތުވެދިޔަ ދައުރުތަކުގައި ޚާއްޞަ އިސްކަމެއް ދީގެން ކުރިޔަށްގެންދެވިފައިވާ ދާއިރާތަކާއި، ފަސްމަގުގައި ކައުންސިލްގެ ހިންގުން މިހާރަށްވުރެ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދެއްކެވިއެވެ. އަދި ކައުންސިލްގެ ރައީސާއި މެންބަރުން ގުޅިގެން އަތޮޅުގެ ތަރައްޤީއަށް މަސައްކަތްކުރުމުގެ މުހިންމު ފާހަގަކުރައްވައި ވާހަކަފުޅުދެއްކެވިއެވެ.