ރަށުކައުންސިލުތައް މޮނިޓަރކުރުމުގެ މަސައްކަތް ފަށައިފި


ށ.އަތޮޅު ރަށުކައުންސިލްތައް މޮނިޓަރކުރުމުގެ މަސައްކަތް 2020 ނޮވެންބަރު 30 ވަނަ ދުވަހު ފަށައިފިއެވެ.

ޤާނޫނީގޮތުން ރަށުކައުންސިލްތަކުން ފުރިހަމަކުރަންޖެހޭ ކަންކަމާއި، އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ބަލުމަށް ކުރެވޭ މިދަތުރުގައި މިހާތަނަށް ޅައިމަގު، މާއުނގޫދޫ، ކޮމަންޑޫ، މަރޮށި، ނަރުދޫ ކައުންސިލް މޮނިޓަރކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މީގެ އިތުރުން މިމަހުގެ 7، 8، 10، 13، 14 ވަނަ ދުވަހު މޮނިޓަރިން ދަތުރުތައް ކުރިޔަށްގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން މާދަމާ މިލަންދޫ، ނޫމަރާ  އަދި މިމަހުގެ 8ވަނަ ދުވަހު  ފޭދޫ، ބިލެތްފަހި ކައުންސިލް އިދާރާ މޮނިޓަރކުރުމަށް ހަމަޖެހިފައިވާއިރު، 10ވަނަ ދުވަހު މޮނިޓަރ ކުރުމަށް ހަމަޖެހިފައިވަނީ ފޯކައިދޫ އާއި، ފީވަކު ކައުންސިލް އިދާރާއެވެ. މީގެ އިތުރުން މިމަހުގެ 13ވަނަ ދުވަހު ކަނޑިތީމު، ގޮއިދޫ ކައުންސިލް އިދާރާ މޮނިޓަރކުރުމަށް ހަމަޖެހިފައިވާއިރު 14ވަނަ ދުވަހު މޮނިޓަރކުރުމަށް ތާވަލުކުރެވިފައިވަނީ ފުނަދޫ ކައުންސިލް އިދާރާއެވެ.

ދެ ޓީމަކަށް ބަހާލައިގެން ކުރިޔަށްގެންދެވޭ މިދަތުރުގައި އިދާރީ 4 މުވައްޒަފުންގެ އިތުރުން ދާއިރާގެ ކައުންސިލް މެންބަރާއި، އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ ގެންދަވަނީ ބައިވެވަޑައިގަންނަވަމުންނެވެ.

ކޮންމެ އަހަރަކު އެއް ފަހަރު ކުރިޔަށްގެންދެވޭ މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ގެ 8ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ރަށުކައުންސިލްތަކުގެ ފައިސާއާ ބެހޭ މުއާމަލާތްތަކާއި، އިދާރީ ލިޔެކިއުންތައް ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ރަށުކައުންސިލްތަކުގެ ހިންގާ ޤަވާޢިދާ ކުރިޔަށްދޭތޯ ބެލުމަށާއި، އިދާރީ ކަންކަން ހަރުދަނާކޮށް ހިންގުމަށް ބާރުއެޅުމުގެ ގޮތުން ކުރިޔަށްގެންދެވޭ ޕްރޮގްރާމެކެވެ.  މިދަތުރުތަކުގައި މޮނިޓަރިންގެ އިތުރުން ގެމެން ޕޯޓަލްގެ (ވިހާ މަރުވާ) ތަމްރީނުތައްވެސް ކުރިޔަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.