ކޮވިޑް-19 ވިޔަވަތި އިމަރޖެންސީ ފަންޑު އުފައްދައިފި


ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަން ށ.އަތޮޅުގެ ބައެއް ރަށްރަށުގައި ފެތުރެން ފެށުމާ ގުޅިގެން މި ވަބާއިން ރައްކާތެރިވުމަށް ރަށްރަށުގައި ޤާއިމުކުރެވިފައިވާ އެމަޖެންސީ އޮޕަރޭޓިންގ ސެންޓަރުތަކާއި، ސޯޝަލް ސަޕޯޓް ޑެސްކުތަކުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެ، ބާރުވެރިކުރުމުގެ ގޮތުން ށ.އަތޮޅުކައުންސިލުން ކޮވިޑް 19 ވިޔަވަތި އިމަރޖެންސީ ފަންޑެއް އުފެއްދުމަށް ނިންމައިފިއެވެ.

2020 މެއި 2ވަނަ ދުވަހުގެ މެންދުރުފަހު 1:00ގައި ކޮންފަރެންސްކޮށް ބޭއްވުނު އެ ކައުންސިލްގެ ތިންވަނަ ދައުރުގެ 146ވަނަ ޢާއްމު ޖަލްސާގައި މި ފަންޑު ހުޅުވުމަށް ފާސްކުރެވިފައިވަނީ ކައުންސިލްގެ އިއްތިފާޤުންނެވެ. މި ޖަލްސާގައި މި ފަންޑުން ޚަރަދު ކުރެވޭނެ ގޮތުގެ އުޞޫލެއް އެކުލަވާލާފައިވާއިރު މި ފަންޑަށް 250,000.00  (ދެލައްކަ ފަންސާސްހާސް) ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅުއްވާފައެވެ.

މި ބަލިން ރަށުގެ ރައްޔިތުން ރައްކާތެރިކޮށް ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނުމަށްޓަކައި ރަށްރަށުގައި އުފެދިފައިވާ އެމަޖެންސީ އޮޕަރޭޓިންގ ސެންޓަރތަކުގައާއި، ސޯޝަލް ސަޕޯޓް ޑެސްކްތަކުގައި ވޮލަންޓިއަރުންގެ ގޮތުގައި  ޒުވާނުންނާއި، ސަރުކާރުގެ މުވައްޒަފުން ދަނީ ޙަރަކާތްތެރިވަމުންނެވެ.