ށ.ފުނަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި


ށ.ފުނަދޫގައި ތަރައްޤީކޮށްފައިވާ ފުނަދޫ އެއަރޕޯޓަށް މިއަދު ހެނދުނު 8:10 ގައި ޓެސްޓްފުލައިޓް ޖައްސައިފިއެވެ.

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ބޯޓުގައި ފުނަދޫ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމުން ރަށުގެ ރައްޔިތުންނާއި، ސަރުކާރުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފައެވެ.

50 މީހުންނާއެކު މޯލްޑިވިއަން ބޯޓުގައި ކުރި މިދަތުރުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިޝަންގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުހައިރާއި، ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް ބޭފުޅުންނާއި، އައިލެންޑް އޭވިއޭޝަންގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ދަތުރުގެ ބައިވެރިންނަށް މަރުޙަބާ ކިއުމުގެ ގޮތުން ޤައުމީ ކުލަތަކުގެ ހެދުން ބޭނުންކުރުމުގެ އިތުރުން އެއަރޕޯޓް ބޭރުގައި ވަރަށް ފުރިހަމަ ސަޔެއް ރައްޔިތުން ވަނީ އިންތިޒާމުކޮށްފައެވެ.

މި އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް މި އަންނަ މަހުގެ 1 ގައި ފެށުމަށް މަސައްކަތްކުރަމުންދާއިރު އެއަރޕޯޓް ހުޅުވުމުން ށ.އަތޮޅު މުޅިރާއްޖެއަށް ހުޅުވިގެންދާނެކަމަށް ރައްޔިތުން ފާހަގަކުރެއެވެ.

ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ތަރައްޤީކޮށްފައިވާ މި އެއަރޕޯޓް ރަންވޭގެ ދިގުމިނުގައި 1200 މީޓަރު ހުންނައިރު ފުޅާމިނުގައި 30 މީޓަރު އަދި ޓެކްސީވޭގައި 90 މީޓަރު ހުރެއެވެ. އަދި އެއަރޕޯޓް އޭޕްރަންގެ ދިގުމިނުގައި 150 މީޓަރު ހުންނައިރު ފުޅާމިނުގައި ހުންނަނީ 50 މީޓަރެވެ. އެއަރޕޯޓުގައި މިހާރު ނުނިމިވަނީ އަލިފާންނިއްވާ ޓަވަރުގެ މަސައްކަތެވެ.