ށ.އަތޮޅުކައުންސިލުން ހިންގާ ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން މައި ކޮލެޖުގައި ހިންގާ ކޯސްތަކުގެ ތެރެއިން އެޑްވާސް ލެވެލްގެ ކޯސްތަކާއި، ޑިގްރީ ލެވެލްގެ ކޯސްތަކުގެ ތެރެއިން ށ.އަތޮޅުކައުންސިލުން ކަނޑައަޅާ ކޯސްތަކެއް ށ.އަތޮޅުގައި ހިންގުމަށް އެ ކައުންސިލާއި، މައި ކޮލެޖާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިރޭ 9:30 ގައި ށ.އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތުގައި އެއްބަސްވުމުގައި ށ.އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފެވެ. މައި ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ރެކްޓަރ ލަމްޔާ ޢަބްދުލްހާދީ އެވެ.
މި އެއްބަސްވުމުގެ ދަށުން ފުނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުގެ އޮރިއެންޓޭޝަން ޕްރޮގްރާމު މިރޭ ކުރިޔަށްގެންގޮސްފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.