2020ވަނަ އަހަރަށް ލަފާކުރާ ށ.އަތޮޅުކައުންސިލްގެ ބަޖެޓުގައި ހިމަނާނެ ޕްރޮގްރާމުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ފުނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ނިމިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވިއްޖެއެވެ.
ށ.އަތޮޅު ސްޓޭޓް ހައުސްގައި ކުރިޔަށްގެންދެވުނު މި ބައްދަލުވުމުގައި ފުނަދޫގެ މުއްސަސަތާތަކުންނާއި، ޖަމްޢިއްޔާތަކާއި، މަސައްކަތްތެރިންނާއި، ވިޔަފާރިވެރިންނާއި، އިސްރަށްވެހިން ބައިވެރިވެލައްވާފައިވެއެވެ.
އަތޮޅުތެރޭގެ ރަށްރަށުގެ ރަށުކައުންސިލްތައް މޮނިޓަރކުރުމަށް މި ފެށުނު ހަފުތާއާއި، ކުރިޔަށް އޮތް ހަފުތާގައި ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ މި މަޝްވަރާ ބައްދަލުވުންތަކުގައި އެ ރަށެއްގެ ރަށުކައުންސިލް އިދާރާއިން ކައުންސިލް މެންބަރުންނާއި، ޒިންމާދާރުވެރިޔާ ހިމެނޭގޮތަށް 4، ޕޮލިސް ސްޓޭޝަނުން 1، އިސްކޫލުން 1، ޞިއްޙީމަރުކަޒުން 1، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން 1، ކޮންމެ ކުލަބު ޖަމްޢިއްޔާއަކުން 1 ނުވަތަ ޒުވާނުންގެ ތެރެއިން 2، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން 2، ވިޔަފާރީގެ ދާއިރާއިން 2، އިސް ރަށްވެހިންގެ ތެރެއިން 2 މީހުން ބައިވެރިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.