ރަށުކައުންސިލްތަކުގެ މޮނިޓަރިންގ ދަތުރު ފަށައިފި


ށ.އަތޮޅުގެ ރަށުކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކޮށް އެ ކައުންސިލްތައް ހިންގާނުހިނގާ ގޮތް ބެލުމަށް މި އަހަރުގެ ބަޖެޓްގައި ހިމެނިގެން ކުރިޔަށްގެންދެވޭ ރަށުކައުންސިލްތައް މޮނިޓަރކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި ޕްރޮގްރާމުގެ ފެށުމުގެ ގޮތުން މި ދިޔަ ބުރާސްފަތި ދުވަހު ފުނަދޫ ކައުންސިލް މޮނިޓަރކުރެވިފައިވާއިރު މިފެށޭ ހަފުތާގެ ތެރޭގައި 6 ރަށެއް މޮނިޓަރކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.  މި ގޮތުން މި މަހުގެ 12 އިން 14 އަށް ފީވައް، މިލަންދޫ، ނަރުދޫ، ބިލެތްފަހި، ފޭދޫ، ފޯކައިދޫ ކައުންސިލް އިދާރާއަށް ޒިޔާރަތްކޮށް މޮނިޓަރކުރުމުގެ މަސައްކަތްކުރުމަށްވަނީ ހަމަޖެހިފައެވެ.

އިދާރީ 4 މުވައްޒަފުންނާއި، ކައުންސިލަރުން ހިމެނޭ ދެ ޓީމަކުން ކުރިޔަށްގެންދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ބެލުމަށް ހަމަޖެހިފައިވަނީ ކައުންސިލުން ހިންގާ ޙަރަކާތްތަކާއި، ކައުންސިލް ހިނގާނުހިނގާގޮތާއި، ރަށުކައުންސިލްތަކުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރާއި، އިދާރާއަށް ލިބޭ ފައިސާ އާއި، ޚަރަދުކުރާ ފައިސާ އާއި، އިދާރާ ހިންގުމަށް ރޭވިފައިވަނީ ޤާނޫނާއި، ޤަވާޢިދާ އެއްގޮތަށްތޯ އާއި، ކައުންސިލްގެ އިދާރީ ހިންގުމުގެ ލިޔެކިއުންތަކާއި، ކޮމެޓީތައް ހިނގާނުހިނގާ ގޮތާއި، ކައުންސިލް ބިއުރޯގެ މަސައްކަތްތަކާއި، ކައުންސިލުން ފާސްކުރަންޖެހޭ ލިޔެކިއުންތަކާއި، ކައުންސިލުން ފޮނުވަންޖެހޭ ޕްލޭންތަކާއި، ރިޕޯޓްތަކާއި، ރަށްވެހިކަމުގެ ލިޔެކިއުންތަކާއި، މުވައްޒަފުންނާ ގުޅުންހުރި އެންމެހާ ކަންތައްތަކާއި، ބަޖެޓްގެ ކަންކަމާއި، ޕްރޮކިއުމެންޓުގެ ކަންކަމާއި، އިޖްތިމާޢީ ރައްކާތެރިކަމާއި، ބަޖެޓްކުރެވުނު ޕްރޮގްރާމުތަކުގެ ކަންކަމެވެ.

ކޮންމެ އަހަރަކު އެއް ފަހަރު ކުރިޔަށްގެންދެވޭ މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ގެ 8ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުރިޔަށްގެންދެވޭ ޕްރޮގްރާމެކެވެ. މި އަހަރުގެ މިދަތުރުގައި ކައުންސިލްގެ 2020ވަނަ އަހަރުގެ ބަޖެޓަށް ޚިޔާލާ މަޝްވަރާ ހޯދުމުގެ ބައްދަލުވުންތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.