1441ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު 6:00ގައި ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ފުނަދޫ ސްކޫލުގެ އެސެމްބްލީ އޭރިޔާގައި ބޭއްވުނު މިރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ ށ.އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޢާރިފްއެވެ. އަދި ދިދަ ނެގުމުގެ ކަންތައް ކުރިޔަށް ގެންގޮސްދެއްވާފައިވަނީ ފުނަދޫ ސްކޫލުގެ ކެޑޭޓް ކޯޕްސްގެ މުދައްބިރުންނެވެ. ކީރިތި ޤުރުއާންގެ ބަރަކާތުން ރަސްމިއްޔާތު ފައްޓަވައިދެއްވީ ފުނަދޫ ސްކޫލުގެ ގްރޭޑް 6 ގެ ދަރިވަރު މުޙައްމަދު އާނީ ޢަބްދުއްރަޙްމާނެވެ. ޤައުމީ ދުވަހާ ގުޅޭގޮތުން ވާހަކަދެއްކެވީ ފުނަދޫ ސްކޫލުގެ ގްރޭޑް 8 ގެ ދަރިވަރު ފާޠިމަތު މައިހާ ލަޠީފެވެ. މި ރަސްމިއްޔާތު ނިމިގެންދިޔައީ ޤައުމީ ސަލާމުންނެވެ.
ޤައުމީ ކަންކަމާމެދު ވިސްނައި ތިމާ ޤައުމަށްޓަކައި ކޮށްދެވިދާނެ ކަންކަމާމެދު ނަޒަރުހިންގައި ޤައުމީ ލޯތްބާއި، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ބޭއްވުނު މިރަސްމިއްޔާތުގައި ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފް އާއި، ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމްގެ އިތުރުން ށ.ފުނަދޫ އަތޮޅުހޮސްޕިޓަލާއި،ށ.ފުނަދޫ ޕޮލިސް ސްޓޭޝަނާއި، ފުނަދޫ ސްކޫލާއި، ފުނަދޫ އިޖްތިމާޢީ މަރުކަޒާއި، ބޭންކް އޮފް މޯލްޑިވްސް ފުނަދޫ ބްރާންޗުގެ އިސްވެރިންނާއި، މުވައްޒަފުންނާއި، ފުނަދޫ ސްކޫލުގެ މުދައްރިސުންނާއި، އެ ސްކޫލުގެ ކެޑޭޓް ކޯޕްސްގެ މެންބަރުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނާއި، ޢާއްމު ރައްޔިތުން ބައިވެރިވެފައިވެއެވެ.
ރަސްމިއްޔާތަށްފަހު ވަޑައިގެންނެވި ބޭފުޅުންގެ ޝަރަފުގައި ބޭއްވުނު ބިލެތްމީރުކޮށްލުމެއް ފުނަދޫ ސްކޫލު ހޯލުގައި ބޭއްވުނެވެ.