ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އާއި، ށ.އަތޮޅުކައުންސިލާ ގުޅިގެން މިމަހުގެ 12 އިން 22 އަށް ށ.ފުނަދޫގައި ކުރިޔަށްގެންދެވުނު “އޭ.އެފް.ސީ/އެފް.އޭ.އެމް “ސީ” ސެޓްފިކެޓް ކޯޗިންގ ކޯސް” ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.
ށ.އަތޮޅު ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި ރޭ 8:30ގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނާއިބުރައީސާ އަލްފާޟިލާ ޢާއިޝަތު ނާޒިމާއެވެ.
ކީރިތި ޤުރުއާންގެ މޫރިތި އާޔަތްތަކުން މި ޖަލްސާ ފައްޓަވައިދެއްވީ ކޯހުގެ ބައިވެރިޔާ ޙުސައިން ސައިފެވެ. ށ.އަތޮޅުކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޢާރިފު ވާހަކަފުޅުދެއްކެވިއިރު އެފް.އޭ.އެމްގެ ފަރާތުން ވާހަކަފުޅުދެއްކެވީ ކޯޗް މުޙައްމަދު އާދަމްއެވެ. އަދި ޝަފްވެރި މެހުމާނުގެ ވާހަކަފުޅަށްފަހު ބައިވެރިންގެ ފަރާތުން ވާހަކަދެއްކެވީ މުޙައްމަދު ފައުޒާންއެވެ.
ށ.އަތޮޅުގައި ދިރިއުޅެމުންދާ 25 އަހަރާއި، 50 އަހަރާ ދެމެދުގެ މީހުންނަށް އަމާޒުކޮށްގެން ހިންގުނު މިކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވާ 24 ފަރާތަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ޝަފްވެރިމެހުމާން އަލްފާޟިލާ ޢާއިޝަތު ނާޒިމާއެވެ. ކޯސް ކުރިޔަށްގެންދިއުމުގައި އެހީތެރިވެފައިވާ ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ށ.ފުނަދޫ ދާއިރާގެ އަތޮޅުކައުންސިލް މެންބަރު އަދި ޕްރޮގްރާމު ކޯޑިނޭޓަރ އަޙްމަދު ފާއިޒެވެ.
ށ.އަތޮޅުގެ މީހުން އުޅޭ ކޮންމެ ރަށެއްގައި އެފް.އޭ.އެމް “ސީ” ލައިސަންސް އޮތް ކޯޗަކު ތަމްރީނުކުރުމާއި، ހުނަރުވެރި ކޯޗުންތަކެއް އުފެދި ފުޓްބޯޅައިގެ ދާއިރާއިން އަތޮޅަށް އިތުރު ކުރިއެރުންތަކާއި، ކާމިޔާބީ ލިއްބައިދިނުމުގެ މަޤްޞަދުގައި ކުރިޔަށްގެންދެވުނު މި ކޯހުގައި ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފޯކައިދޫ، ނަރުދޫ، މަރޮށި، މާއުނގޫދޫ، ފުނަދޫ، މިލަންދޫން ކޯޗުންވަނީ ތަމްރީނުވެފައެވެ.