ކައުންސިލްގެ މަސައްކަތްތަކާ ގުޅޭގޮތުން ތަޖުރިބާ ހޯދުމާއި، ހިއްސާކުރުމަށް ފާދިއްޕޮޅު އަތޮޅުކައުންސިލުން އިއްޔެ ށ.ފުނަދުއަށް ކުރި ޒިޔާރަތުގައި ށ.އަތޮޅުކައުންސިލާއި، އެ ކައުންސިލްގެ ޓީމާ ދެމެދު ތަޖުރިބާ ހޯދުމާއި، ހިއްސާކުރުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
ފާދިއްޕޮޅު އަތޮކައުންސިލާއި، އެ އަތޮޅު ހިންނަވަރާއި، ނައިފަރާއި، ކުރެއްދޫ އޮޅުވެލިފުށީ ކައުންސިލުން ޖުމުލަ 22 މުވައްޒަފުން ހިމެނޭ ޓީމާއެކު ބޭއްވުނު ބައްދަލުވުމުގައި 2018ވަނަ އަހަރު ހިންގުނު ޙަރަކާތްތަކުގެ މަޢުލޫމާތާއި، 2019ވަނަ އަހަރު ފާސްކުރެވުނު ބަޖެޓާ ބެހޭ މަޢުލޫމާތާއި، މުވައްޒަފުންގެ އެޕްރައިސަލްތަކާއި، ވަޒީފާބަޔާންތަކާ ގުޅޭ މަޢުލޫމާތާއި، މޮނިޓަރިންގ މަސައްކަތްތައް ކުރިޔަށްގެންދެވޭ ގޮތުގެ މަޢުލޫމާތާއި، މަރާމާތާއި، ތަންތަން ސާފުތާހިރުކުރުމުގެ މަސައްކަތްތައް އިންތިޒާމުކޮށް ހިންގާގޮތާ ގުޅޭ ތަޖުރިބާ އާއި، މަޢުލޫމާތު ދެ ފަރާތުން ހިއްސާކުރެއްވިއެވެ.
ށ.އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އިއްޔެ 10:00 އިން 12:20 އަށް ކުރިޔަށް ގެންދެވުނު ބައްދަލުވުމުގައި ށ.އަތޮޅުކައުންސިލްގެ ފަރާތުން ރައީސް މުޙައްމަދު ޢާރިފް އާއި، ޒިންމާދާރުވެރިޔާ މުޙައްމަދު ޙަމީދުގެ އިތުރުން ކައުންސިލް މެންބަރުންނާއި، އިދާރީ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޅ.އަތޮޅުކައުންސިލްގެ ޓީމުން މިކުރި ޒިޔާރަތުގައި ށ.އަތޮޅުކައުންސިލް އިދާރާއަށް ޒިޔާރަތްކޮށް އިދާރީ މަސައްކަތުގެ މާހައުލު ގާތުން ބެލުމުގެ އިތުރުން ށ.ފުނަދޫ ކައުންސިލާ ބައްދަލުކޮށް، ފުނަދޫގެ ޚާއްޞަ ތަންތަން ބައްލަވާލައްވާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.