ށ. އަތޮޅު ރަށްރަށުގެ ރަށްވެހި ތަރައްޤީގެ މަޝްރޫޢުތަކަށް މާލީއެހީ ދޫކުރުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.
ރަށުކައުންސިލްތަކުން ރަށްވެހި ތަރައްޤީއަށް ރާވައި، ހިންގާ އެކިއެކި ޕްރޮގްރާމުތަކަށް މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިޔަށްގެންދާ މި ޕްރޮގްރާމުގެ ދަށުން އިއްޔެ ވަނީ ފޯކައިދޫ، ކޮމަންޑޫ ކައުންސިލުން ޕްރަޕޯސަލް ހުށަހަޅާފައިވާ ޕްރޮގްރާމުތަކަށް މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ ފަހުމުނާމާގައި ސޮއިކޮށްފައެވެ. މިގޮތުން ފޯކައިދޫކައުންސިލާއެކު ވެވުނު ފަހުމުނާމާގައި ފޯކައިދޫ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރާޝިދު ސޮއިކުރެއްވިއިރު ކޮމަންޑޫ ކައުންސިލާއެކު ވެވުނު ފަހުމުނާމާގައި ސޮއިކުރެއްވީ ކައުންސިލް މެންބަރު މުޙައްމަދު ސުޖުއާންއެވެ. އަދި މި ދެ ފަރުމުނާމާގައިވެސް އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފެވެ.
ކައުންސިލްގެ މިއަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިޔަށް ގެންދެވޭ މި ޕްރޮގްރާމުގެ ދަށުން މިއަހަރު މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ރަށްވެހި ތަރައްޤީގެ ޕްރޮގްރާމުތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ކަނޑައެޅިފައިވާ ތާރީޚުގައި އެކަމަށް އެދި ހުށަހަޅާފައިވާ ކައުންސިލްތަކަށެވެ. އެގޮތުން މިއަހަރު މާލީއެހީ ދިނުމަށް ހަމަޖެހިފައިވަނީ ކަނޑިތީމު، ގޮއިދޫ، ފޯކައިދޫ، ނަރުދޫ، ޅައިމަގު، ކޮމަންޑޫ، މިލަންދޫ ކައުންސިލަށެވެ.
ބަޖެޓުގެ %50 ހުރިހާ ރަށަކަށް ހަމަހަމަކޮށް، އަނެއް %50 އާބާދީގެ ނިޞްބަތުން ބަހާގޮތަށް ކުރިޔަށްގެންދެވުނު މި ޕްރޮގްރާމަށް 212,387.60 ރުފިޔާ ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ.