ޞިއްޙީ ދާއިރާއިން ހިންގޭ ޕްރޮގްރާމުތަކަށް މާލީއެހީ ދިނުމުގެ ފަހުމުނާމާގައި ސޮއިކޮށްފި


ޞިއްޙީދާއިރާގެ ތަރައްޤީއަށާއި، ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން މި އަހަރު ހިންގޭ ޕްރޮގްރާމުތަކަށް މާލީ އެހީދިނުމަށް ށ.އަތޮޅުކައުންސިލާއި، ށ.ފުނަދޫ އަތޮޅުހޮސްޕިޓަލާ ދެމެދު ވެވޭ ފަހުމުނާމާގައި އިއްޔެ ސޮއިކޮށްފިއެވެ.

އިއްޔެ ހެނދުނު ށ.އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތުގައި ށ.ފުނަދޫ އަތޮޅުހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ ހެލްތު ސަރވިސް އަލްފާޟިލް އަޙްމަދު ޒުމްރަތެވެ. ށ.އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނާއިބުރައީސް ޢަބްދުﷲ ނާހިދެވެ.

މި ޕްރޮގްރާމުގެ ދަށުން ށ.ފުނަދޫ އަތޮޅުހޮސްޕިޓަލް މެދުވެރިކޮށް އެ ދާއިރާގެ މުއައްސަސާތަކަށް ހުޅުވާލެވުނު ފުރުޞަތުގައި ޕްރަޕޯސަލް ހުށަހަޅާފައިވާ 9 ޕްރޮގްރާމަކަށް، 9 މުއައްސަސާއަކަށް މާލީއެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ބިލެތްފަހީ ޞިއްޙީމަރުކަޒާއި، ފޯކައިދޫ ޞިއްޙީމަރުކަޒާއި، މާއުނގޫދޫ ޞިއްޙީމަރުކަޒާއި، ކަނޑިތީމު ޞިއްޙީމަރުކަޒާއި، މަރޮށީ ޞިއްޙީމަރުކަޒާއި، ކޮމަންޑޫ ޞިއްޙީމަރުކަޒާއި، ނޫމަރާ ޞިއްޙީމަރުކަޒާއި، މިލަންދޫ ޞިއްޙީމަރުކަޒުގެ އިތުރުން ށ.ފުނަދޫ އަތޮޅުހޮސްޕިޓަލް ހިމެނެއެވެ.

ދުޅަހެޔޮ ވެއްޓެއް ބިނާކުރުމާއި، ޢާއްމު ޞިއްޙަތު ރައްކާތެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ށ.އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ މުއައްސަސާތަކުން ހިންގާ އެކިއެކި ޕްރޮގްރާމުތައް ހިންގުމަށް ލުޔެއް ހޯދައިދީ، އެފަދަ ޕްރޮގްރާމުތައް ހިންގުމަށް ހިތްވަރުދިނުމާއި، އެފަދަ ޕްރޮގްރާމުތައް ހިންގޭނެ މަގު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިޔަށްގެންދެވޭ މި ޕްރޮގްރާމަށް 70,000.00 (ހަތްދިހަހާސް ރުފިޔާ) ރުފިޔާގެ ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.