ރާއްޖޭގެ 11 އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީކުރާނެ ރަށްތަކެއް ކަނޑައެޅުމަށް ސަރުކާރުން ހިންގަވާ މަސްރޫޢުގެ ދަށުން ށ.އަތޮޅުގެ އެންވަޔަރަންމަންޓް އެންޑް ސޯޝަލް އެސެސްމެންޓެއް ހެދުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށްޓަކައި ސީ.ޑީ.އީ ޕްރައިވެޓް ލިމިޓެޑުން މިހިނގާ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހު އަތޮޅުކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
ސީ.ޑީ.އީގެ ފަރާތުން ހާލާ ކުރިޔަށްގެންދަވާ މި ސަރވޭގެ ދަށުން ށ.އަތޮޅުކައުންސިލާ ބައްދަލުކުރައްވައި އަތޮޅުގެ ފަޅުރަށްރަށާއި، ފަޅުތަކާއި، ފަރުތަކާއި، ގިރިތަކާއި، ކަނޑުއޮޅިތަކާއި، ގޮނޑުދޮށްތަކުގެ މަޢުލޫމާތާއި، އަތޮޅުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކާއި، ފަޅުރައްތައް ބޭނުންކުރެވެމުންދާ ގޮތުގެ މަޢުލޫމާތާއި، މީހުން ދިރިއުޅޭ ރަށްރަށުގެ ވަނަވަރު ހޯއްދަވާފައިވާއިރު، ށ.އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރަން ބޭނުންވާ ރަށްތަކުގެ މަޢުލޫމާތު ވެސް ވަނީ ހޯއްދަވާފައެވެ. މީގެއިތުރުން ފުނަދޫގެ ކަމުވޮށިވެގެންވާ މީހުންނާ ބައްދަލުކުރައްވައި ކަމާގުޅޭ މަޢުލޫމާތު ހޯއްދެވިއެވެ.
މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފްގެ އިތުރުން ކައުންސިލް މެންބަރުންނާއި، އިދާރީ އިސްވެރިން ބައިވެރިވެލެއްވިއެވެ.
ފަތުރުވެރިކަން ތަރައްޤީކުރާނެ ރަށްތަކެއް ކަނޑައެޅުމަށްޓަކައި ހއ. ، ހދ.، ށ.، ނ.، ރ.، މ.، ފ.، ތ.، ލ.، ގއ.، ގދ.، މި 11 އަތޮޅުގެ އެންވަރަންމަންޓް އެންޑް ސޯޝަލް އެސެސްމެންޓް ހެދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި، ސީ.ޑީ.އީ ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.