މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ “ވިޔަވަތި” އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
ށ.އަތޮޅު ކައުންސިލްގެ ވެބްސައިޓް www.shaviyani.gov.mv ގައި ޢާއްމު ކުރައްވާފައިވާ އިޢުލާނުގައިވަނީ “ވިޔަވަތި އިނާމު ދިނުމުގެ ސިޔާސަތު 2019″ ގެ ދަށުން ” ހިތްވަރު ދިނުމާއި، އަގުވަޒަންކުރުމާއި، ޝަރަފްއެރުވުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ވިޔަވަތި އިނާމު ދިނުމުގެ ރަސްމިއްޔާތު 2019، ނޮވެންބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އިނާމު ދިނުމުގެ ސިޔާސަތުގެ ދަށުން މި އިނާމަށް ޝަރުޠު ހަމަވާ ށ.އަތޮޅުގެ ސަރުކާރުގެ މުއައްސަސާތަކަށާއި، ށ.އަތޮޅު ސްކޫލުތަކުގައި ކިޔަވައިދެއްވި އެދުރުންނަށާއި، ޞިއްޙީ ދާއިރާ އާއި، އިޖުތިމާޢީ ދާއިރާތަކުގައި ޚިދުމަތްކުރައްވަމުން ގެންދަވާ ޚިދުމަތްތެރިންނަށާއި، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ކާމިޔާބީތައް ޙާޞިލުކޮށްފައިވާ ފަރާތްތަކަށް އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
މި އިނާމަށް ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭ ސުންގަޑިއަކީ 2019 ސެޕްޓެންބަރު 15 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކަމަށް އެ އިޢުލާނުގައި ހާމަކޮށް، އެޕްލިކޭޝަން ފޯމު ފުރިހަމަކުރައްވައި ހާޑްކޮޕީ ށ.އަތޮޅުކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އެދިފައިވާއިރު، އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވަން ބޭނުންވެލައްވާ ފަރާތްތަކުން award@shaviyani.gov.mv އަށް މެއިލްކުރެއްވުމަށް އެދިފައިވެއެވެ.
މި އިނާމަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު ށ.އަތޮޅުކައުންސިލުގެ ކައުންޓަރުން ލިބެންހުރިއިރު، އެޕްލިކޭޝަން ފޯމާއި، ” އިނާމު ދިނުމުގެ ސިޔާސަތު 2019″ އެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އިޢުލާނުގައި ހާމަކޮށްފައިވެއެވެ.