ކެޝުއަލް ޑޭ ފާހަގަކުރަން ފެށިއްޖެ


ށ.އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ ކެޝުއަލް ޑޭ  ފާހަގަކުރަން ފެށުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު 8:00 ގައި ބާއްވައިފިއެވެ.

މުވައްޒަފުންނަށް ޓީޝާޓަކާއި، ހެދުމެއް ތަޢާރަފުކޮށް ކެޝުއަލް ހެދުމުގައި ބޭއްވުނު ރަސްމިއްޔާތުގައި ހުރިހާ މުވައްޒަފުންގެ ފޮޓޯއަކާއި، އަންހެން ފިރިހެން މުވައްޒަފުންގެ ގްރޫޕް ފޮޓޯ ނަގައި، ފޮޓޯ ސެޝަނެއް ވަނީ ކުރިޔަށްގެންދެވިފައެވެ.

“މުވައްޒަފުން ރަސްމީގަޑީގައި ހެދުންއެޅުމުގެ މިންގަނޑު (އުޞޫލު)ގެ ދަށުން ކެޝުއަލް ޑޭ އެއްގެ ގޮތުގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަސް ހަމަޖައްސަވައި، ހުރިހާ މުވައްޒަފުންވެސް އެ ދުވަހު ކެޝުއަލް ޔުނީފޯމުގައި އޮފީހަށް ޙާޟިރުވުމަށް 2019 އޮގަސްޓް 19 ގައި ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފްވަނީ ހަމަޖައްސަވާފައެވެ.

“މުވައްޒަފުން ރަސްމީގަޑީގައި ހެދުން އެޅުމުގެ މިންގަނޑު” މި އުޞޫލު އެކުލަވާލުމުގެ މަޤްޞަދަކީ ރަސްމީގަޑީގައި އަދި ރަސްމީގަޑީގެ ބޭރުން ވެސް މުވައްޒަފުން އިދާރާ ތަމްސީލުކުރާއިރު ހެދުން ބަހައްޓާގޮތުން މުވައްޒަފުންނާއި އިދާރާއާމެދު ރަނގަޅު ތަޞައްވުރެއް ޢާއްމުންގެ ތެރޭގައި އުފެއްދުމާއި، މުވައްޒަފުން މަސައްތަކަށް ލޯބިޖެއްސުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން އަށަގެންނެވުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅުމެވެ.