ވިޔަވަތި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި


ށ.އަތޮޅުގެ 2019ވަނަ އަހަރުގެ ވިޔަވަތި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި، ވަނަވަނަ ޙާޞިލުކުރި ދަރިވަރުންނާއި،  ޓީމުތަކަށް އިނާމު ދިނުމުގެ ޚާއްޞަ ޖަލްސާ މިއަދު ހެނދުނު ފުނަދޫ ސްކޫލުގައި ބާއްވައިފިއެވެ.

ކީރިތި ޤުރުއާންގެ ބަރަކާތުން ފެށިގެން ދިޔަ މިޖަލްސާ ޝަރަފްވެރިކޮށްދެއްވީ ށ.އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޢާރިފްއެވެ. ފަނޑިޔާރުންގެ ފަރާތުން އަލްއުސްތާޛު މުޙައްމަދު ތަޢުވީޤް ޢަލީ ދެއްކެވި ވާހަކަފުޅުގައި،  ދަރިވަރުންގެ ކިޔެވުންތަކުގައި ހުރި މައްސަލަތަކާއި، ޤުރުއާން ކިޔެވުން އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެމައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ. މި ޖަލްސާގައި ޝަރަފްވެރި މެހުމާން އަލްފާޟިލް މުޙައްމަދު ޢާރިފް އާއި، ށ.ފުނަދޫ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ޝިރާޖުގެ ވާހަކަފުޅުގައި މުބާރާތް ކުރިޔަށްގެންދެވުނުގޮތާއި، މުބާރާތުގެ ކަންތައްތައް ކުރިޔަށްގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގު ވަޒަންކޮށް ޝުކުރުއަދާކުރެއްވިއެވެ.

ޖުމުލަ 12 ސްކޫލުން 102 ދަރިވަރުން ވާދަކުރި މި މުބާރާތުގައި، ފަނޑިޔާރުކަން ކޮށްދެއްވިފަރާތްތަކަށާއި، ފުނަދޫ ސްކޫލަށް ޝުކުރުގެ ލިއުން ޙަވާލުކޮށްދެއްވީ ށ.އަތޮޅު ކައުންސިލްގެ ނާއިބުރައީސް އަލްފާޟިލް ޢަބްދުﷲ ނާހިދެވެ. މުބާރާތުގެ ފޮތުން ކިޔެވުމުގެ ގޮފިން ގަދަ 5ވަނަ ޙާޞިލުކޮށްފައިވާ ދަރިވަރުންނަށް ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ،  މިލަންދޫ ދާއިރާގެ ށ.އަތޮޅުކައުންސިލް މެންބަރު އަލްފާޟިލް ސަޢުދުﷲ ޢުޘްމާނެވެ. ފޮތުން ކިޔެވުމުގެ ގޮފިން ގަދަ 5 ދަރިވަރުންނަށް ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ ފުނަދޫ ދާއިރާގެ އަތޮޅުކައުންސިލް މެންބަރު އަލްފާޟިލް އަޙްމަދު ފާއިޒެވެ. ފޮތުން ކިޔެވުމުގެ ގޮފިން ގިންތިތަކުން ވަނަވަނައަށް އައި ދަރިވަރުންނަށް ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމް ހަނދާނީލިއުމާއި، ޓްރޮފީ ޙަވާލުކޮށްދެއްވިއިރު، ހިތުން ކިޔެވުމުގެ ގޮފިން  ގިންތިތަކުން ވަނަވައަށް އައި ފަރާތްތަކަށް ހަނދާނީލިއުމާއި، ޓްރޮފީ ޙަވާލުކޮށްދެއްވީ ފުނަދޫ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ޝިރާޖެވެ. މުޅި މުބާރާތުގެ ފޮތުން ކިޔެވުމުގެ ގޮފިންނާއި، ހިތުން ކިޔެވުމުގެ ގޮފިން 1ވަނަ ދެވަނަ 3ވަނަ ޙާޞިލުކުރި ދަރިވަރުންނަށް ހަނދާނީ ލިއުމާއި، ޓްރޮފީ ޙަވާލުކުރުމާއި، މުބާރާތުގެ އެންމެ މޮޅު 3 ޓީމަށް ހަނދާނީ ލިއުމާއި، ޓްރޮފީއާއި، ފައިސާގެ އިނާމު ޙަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާން ށ.އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޢާރިފެވެ.

މުޅި މުބަރާތުގެ ފޮތުން ކިޔެވުމުގެ ގޮފިން އެންމެ މޮޅު  5 ދަރިވަރުންގެ ގޮތުގައި ށ.ފުނަދޫ ސްކޫލުގެ ދަރިވަރު ށ.ފުނަދޫ ހިރިޔާ ޢާއިޝަތު ޢިނާން ރަމްޒީ އާއި، ށ.މިލަންދޫ ސްކޫލުގެ ދަރިވަރު މިލަންދޫ ސަންޝައިން އާމިނަތު ރައިސާ ރަޝީދު އާއި، ށ.ފުނަދޫ ސްކޫލުގެ ދަރިވަރު ފުނަދޫ ރޯޒީ ޢާއިޝަތު ހަނާން ޝަރީފް އާއި، މާއުނގޫދޫ ސްކޫލުގެ ދަރިވަރު މާއުނގޫދޫ ފަރުމާ ޢާއިޝަތު އިމްސާ އާއި، ށ.މިލަންދޫ ސްކޫލުގެ ދަރިވަރު މިލަންދޫ ގްރީންގާޑަން ޙަލީމަތު ޖުނާނާ ހޮވިފައިވާއިރު ހިތުން ކިޔެވުމުގެ ގޮފިން 5 ވަނަ ޙާޞިލުކޮށްފައިވަނީ ށ.އަތޮޅު މަދަރުސާގެ ދަރިވަރު ށ.ކަނޑިތީމު ވައިމަތީގޭ އަޒުލީލާ އިބްރާހީމް ރަޝީދާއި، އެ  މަދަރުސާގެ ދަރިވަރު ކަނޑިތީމު އޯޝަންވިލާ މަލާކް އަޙްމަދު ފައިޞަލް އާއި، ށ.ފޭދޫ ސްކޫލުގެ ދަރިވަރު އެރަށު މޫންލައިޓް މުޙައްމަދު ރަޒާން އާއި، ށ.ފޯކައިދޫ ސްކޫލުގެ ދަރިވަރު  ފޯކައިދޫ މަރާމް އާޔާ ބިންތު މުޙައްމަދާއި، ށ. މިލަންދޫ ސްކޫލުގެ ދަރިވަރު އެރަށު ހެރީޕީލް ޢާއިޝަތު ޝިރްފާ ބިންތް މުޙައްމަދު ޝަފާޛް އެވެ.

މުޅި މުބާރާތުން ފޮތުން ކިޔެވުމުގެ ގޮފިން 1ވަނަ، ށ.ފުނަދޫ ސްކޫލުގެ ދަރިވަރު ޢާއިޝަތު ޢިނާން ރަމްޒީ ޙާޞިލުކޮށްފައިވާއިރު، އެ ގޮފިން 2ވަނަ ޙާޟިލުކޮށްފައިވަނީ  މިލަންދޫ ސްކޫލުގެ ދަރިވަރު އެރަށު ސަންޝައިން އާމިނަތު ރައިސާ ރަޝީދެވެ. އަދި 3ވަނަ ޙާޞިލުކޮށްފައިވަނީ ފުނަދޫ ސްކޫލުގެ ދަރިވަރު އެރަށު ރޯޒީ ޢާއިޝަތު ޙަނާން ޝަރީފެވެ. މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން 1ވަނަ ޙާޞިލުކޮށްފައިވަނީ ށ.އަތޮޅު މަދަރުސާގެ ދަރިވަރު ކަނޑިތީމު  ވައިމަތީގޭ އަޒުލީލާ އިބްރާހީމް ރަޝީދެވެ. އަދި ދެވަނަ އެ މަދަރުސާގެ ދަރިވަރު އެރަށު އޯޝަންވިލާ މަލާކު އަޙްމަދު ފައިޞަލް ޙާޞިލުކޮށްފައިވާއިރު ތިންވަނަ ޙާޞިލުކޮށްފައިވަނީ ށ.ފޭދޫ ސްކޫލުގެ ދަރިވަރު އެރަށު މޫންލައިޓް މުޙައްމަދު ރަޒާންއެވެ.

ހިތުން ކިޔެވުމުގެ ގޮފިން ވިދިވިދިގެން 2 ފޮތުގެ ގިންތިން 1ވަނަ ށ. އަތޮޅު މަދަރުސާގެ ދަރިވަރު ށ. ކަނޑިތީމު އޯޝަންވިލާ މަލާކު އަޙްމަދު ފައިޞަލް ޙާޞިލުކޮށްފައިވާއިރު، ދެވަނަ ޙާޞިލުކޮށްފައިވަނީ ށ.ފޭދޫ ސްކޫލުގެ ދަރިވަރު އެރަށު މޫންލައިޓް މުޙައްމަދު ރަޒާން އެވެ. އަދި 3ވަނަ ޙާޞިލުކޮށްފައިވަނީ ށ. މިލަންދޫ ސްކޫލުގެ ދަރިވަރު އެރަށު ހެރީޕީލް ޢާއިޝަތު ޝިރްފާ ބިންތް މުޙައްމަދު ޝަފާޛް އެވެ. އަދި މި ގޮފީގެ 4 ފޮތުގެ ގިންތިން 1ވަނަ ށ. މިލަންދޫ ސްކޫލުގެ ދަރިވަރު އެރަށު ނޫއަލި ޢާއިޝަތު ޝަބާ ޙާޞިލުކޮށްފައިވާއިރު ދެވަނަ ޙާޞިލުކޮށްފައިވަނީ ށ.އަތޮޅު މަދަރުސާގެ ދަރިވަރު، ކަނޑިތީމު މޭރީ މުޙައްމަދު ޖަޒްލާން އެވެ. މި ގޮފީގެ 6 ފޮތުގެ ގިންތިން 1ވަނަ ށ. އަތޮޅު މަދަރުސާގެ  ދަރިވަރު ކަނޑިތީމު ވައިމަތީގޭ އަޒްލީލާ އިބްރާހީމް ރަޝީދު ޙާޞިލުކޮށްފައިވާއިރު، 2ވަނަ ޙާޞިލުކޮށްފައިވަނީ ށ.ފޯކައިދޫ ސްކޫލުގެ ދަރިވަރު ފޯކައިދޫ މަރާމް  އާޔާ ބިންތް މުޙައްމަދެވެ. މި ގިންތިން 3 ވަނަ ޙާޞިލުކޮށްފައިވަނީ ށ. މިލަންދޫ ސްކޫލުގެ ދަރިވަރު އެރަށު ޗަމަން ޢާއިޝަތު ނައުޝާ އިސްމާޢީލެވެ.

ފޮތުން ކިޔެވުމުގެ ގޮފިން ވިދިވިދިގެން 5 ފޮތުގެ ގިންތިން 1ވަނަ ޙާޞިލުކޮށްފައިވަނީ ށ. މިލަންދޫ ސްކޫލުގެ ދަރިވަރު އެރަށު ސަންޝައިން އާމިނަތު ރައިސާ ރަޝީދެވެ. ދެވަނައަށް ށ. މިލަންދޫ ސްކޫލުގެ ދަރިވަރު އެރަށު ގްރީންގާރޑަން ޙަލީމަތު ޖުނާނާ އާއި، ށ.މާއުނގޫދޫ ސްކޫލުގެ ދަރިވަރު އެރަށު ފަރުމާ ޢާއިޝަތު އިމްސާ ޙާޞިލުކޮށްފައިވާއިރު، 3ވަނަ ޙާޞިލުކޮށްފައިވަނީ ށ.އަތޮޅުމަދަރުސާގެ ދަރިވަރު ކަނޑިތީމު ދިލްޝާދުގޭ ޖިވާ ޝަމީމްއެވެ.  އަދި މި ގޮފީގެ 10 ފޮތުގެ ގިންތިން ށ.ފުނަދޫ ސްކޫލުގެ ދަރިވަރު އެރަށު ހިރިޔާ ޢާއިޝަތު ޢިނާން ރަމްޒީ 1ވަނަ ޙާޞިލުކޮށްފައިވާއިރު ދެވަނަ ޙާޞިލުކޮށްފައިވަނީ ށ.ފޯކައިދޫ ސްކޫލުގެ ދަރިވަރު އެރަށު ޢާއިލީހަނދާން ޢާއިޝަތު އިބްރާހީމާއި، ށ.ފީވަކު ސްކޫލުގެ ދަރިވަރު އެރަށު ނިޢުމަތް ޢާއިޝަތު އިމްނާ ޢަލީއެވެ. އަދި 3ވަނަ ޙާޞިލުކޮށްފައިވަނީ ފޯކައިދޫ ސްކޫލުގެ ދަރިވަރު ހދ. މަކުނުދޫ ނެސްޓް ޖަންނަތު ޝަރީފެވެ. މި ގޮފީގެ ވިދިވިދިގެން 15 ފޮތުގެ ގިންތިން ށ.ފުނަދޫ ސްކޫލުގެ ދަރިވަރު އެރަށު ރޯޒީ ޢާއިޝަތު ޙަނާން ޝަރީފް ޙާޞިލުކޮށްފައިވާއިރު، 2 ވަނަ އަށް ހޮވިފައިވަނީ ށ. ގޮއިދޫ ސްކޫލުގެ ދަރިވަރު އެރަށު ނޫތަރި އާމިނަތު އައިނީއެވެ. މި ގިންތިން 3ވަނަ ޙާޞިލުކޮށްފައިވަނީ ށ. މިލަންދޫ ސްކޫލުގެ ދަރިވަރު އެރަށު މެޑޯޒް ޙަސަން އަވްސަމްއެވެ.

މި މުބާރާތުގެ 1ވަނަ ޙާޞިލުކޮށް، ދިހަހާސް ރުފިޔާގެ ފައިސާގެ އިނާމް ޙާޞިލުކޮށްފައިވަނީ މިލަނދޫ ސްކޫލެވެ. ދެވަނަ ޓީމުގެ މަޤާމު ޙާޞިލުކޮށް ހަތްހާސް ރުފިޔާގެ ފައިސާގެ އިނާމު ފޯކައިދޫ ސްކޫލުން ޙާޞިލުކުރިއިރު، ތިންވަނަ މަޤާމު ޙާޞިލުކޮށް ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމު ޙާޞިލުކުރީ ށ. އަތޮޅުމަދަރުސާއެވެ.

މިމަހުގެ 18 އިން 20ށް ކުރިޔަށްގެންދެވުނު ވިޔަވަތި ޤުރުއާން މުބާރާތް  ބޭއްވިފައިވަނީ ށ.އަތޮޅުކައުންސިލާއި، ފުނަދޫ ސްކޫލާ ގުޅިގެންނެވެ.