ވިޔަވަތި ޤުރުއާން މުބާރާތް ފެށިއްޖެ


ށ.އަތޮޅު ކައުންސިލްގެ 2019 އަހަރުގެ ވިޔަވަތި ޤުރުއާން މުބާރާތް ފުނަދޫގައި ފެށިއްޖެއެވެ.

ފުނަދޫ ސްކޫލުގައި މިއަދު 14:00ގައި ފެށުނު މި މުބާރާތް ޤުރުއާންގެ ބަރަކާތުން ފައްޓަވައިދެއްވީ އަލްޙާފިޡް އަލްޤާރީ މުޙައްމަދު އިބްރާހީމްއެވެ. މި ރަސްމިއްޔާތުގައި ށ.އަތޮޅުކައުންސިލްގެ ނާއިބުރައީސް ޢަބްދުﷲ ނާހިދާއި، ފުނަދޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އިބްރާހީމް ޝަރީފް ވާހަކަދެއްކެވިއެވެ.

ށ.އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ކުރިޔަށްގެންދެވޭ މި މުބާރާތުގައި ށ.އަތޮޅުގެ 12 ސްކޫލަކުން 102 ދަރިވަރުން ބައިވެރިވެ ވާދަކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ށ.އަތޮޅުމަދަރުސާ އާއި، ގޮއިދޫ ސްކޫލާއި، ފޭދޫ ސްކޫލާއި، ފީވަކު ސްކޫލާއި، ބިލެތްފަހީ ސްކޫލާއި، ފޯކައިދޫ ސްކޫލާއި، އަލްމަދަރުސަތުލް މުނައްވަރާ އާއި، ޅައިމަގު ސްކޫލާއި، ށ.އަތޮޅު ތަޢުލީމީ މަރުކަޒާއި، މާއުނގޫދޫ ސްކޫލާއި، ފުނަދޫ ސްކޫލާއި، މިލަންދޫ ސްކޫލެވެ.

މި މުބާރާތުގައި ފޮތުން ކިޔެވުމުގެ ގޮފިންނާއި، ހިތުން ކިޔެވުމުގެ ގޮފިން 6 ގިންތިއަކުން ވާދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު 2019 އޭޕްރީލް 19ވަނަ ދުވަހުގެރޭ 10:00 އާ ހަމައަށް 7 ދަންފަޅިއެއްގައި ދަރިވަރުންގެ ކިޔެވުންތައް ކުރިޔަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

  • ފުރަތަމަ ދަންފަޅި، 18 އެޕްރީލް 2019 ބުރާސްފަތި، ފޮތުން ކިޔެވުން ވިދިވިދިގެން 5 ފޮތް 14:00- 15:20
  • 2ވަނަ ދަންފަޅި، 18 އެޕްރީލް 2019 ބުރާސްފަތި، ފޮތުން ކިޔެވުން، ވިދިވިދގެން 5 ފޮތް 16:15- 17:30
  • 3ވަނަ ދަންފަޅި 18 އެޕްރީލް 2019 ބުރާސްފަތި، ފޮތުން ކިޔެވުން، ވިދިވިދިގެން 10ފޮތް 20:30- 22:30
  • 4ވަނަ ދަންފަޅި، 19 އެޕްރީލް 2019 ހުކުރު، ހިތުން ކިޔެވުން، ވިދިވިދިގެން 2ފޮތް    8:30- 10:30
  • 5ވަނަ ދަންފަޅި، 19 އެޕްރީލް 2019 ހުކުރު، ހިތުން ކިޔެވުން، ވިދިވިދިގެން 4، 6ފޮތް  14:30- 15:15
  • 6ވަނަ ދަންފަޅި، 19 އެޕްރީލް 2019 ހުކުރު، ފޮތުން ކިޔެވުން، ވިދިވިދިގެން 15ފޮތް   16:15- 17:15
  • 7ވަނަ ދަންފަޅި، 19 އެޕްރީލް 2019 ހުކުރު، ފޮތުން ކިޔެވުން، ވިދިވިދިގެން 15ފޮތް   20:30- 22:00

މިމަހުގެ 18 އިން 20ށް ކުރިޔަށްގެންދެވޭ މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގަންނަވަނީ އަލްޤާރީ މުޙައްމަދު ތައުފީޤް ޢަލީ އާއި، އަލްޤާރީ މުޙައްމަދު ނަޢީމު އަޙްމަދު ފިކްރީ އާއި،  އަލްޙާފިޡް އަލްޤާރީ މުޙައްމަދު އަޙްމަދެވެ.

މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ށ. އަތޮޅުގައި ކީރިތި ޤުރުއާން ތަޖުވީދުގެ ހަމަތަކުން އުނގެނުމާއި، އުނގައްނައިދިނުމުގައާއި،  ތަރުތީލްކޮށް ކިޔެވުމުގެ ޤާބިލްކަން ދެއްކުމުގައި ވާދަވެރި މާޙައުލެއް އުފެއްދުމާއި، އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި، ފެތުރުމަށް މަސައްކަތް ކުރުމާއި، ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި އަތޮޅު ތަމްޘީލުކުރާނެ ޤާބިލް ޖީލެއް ބިނާކުރުމެވެ.