ށ.އަތޮޅު ކައުންސިލުން މިއަހަރު ބަޖެޓް ކުރެވިފައިވާ ވިޔަވަތި ޤުރުއާން މުބާރާތް 2019 ބޭއްވުމަށް ށ.ފުނަދޫ ސްކޫލާއެކު ފަހުމުނާމާގައި އިއްޔެ ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ށ.އަތޮޅުކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު ބައްދަލުވުމުގައި ފަހުމުނާމާގައި ށ.ފުނަދޫ ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ޝިރާޖެވެ. އަދި އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކައުންސިލްގެ ނާއިބުރައީސް އަލްފާޟިލް ޢަބްދުﷲ ނާހިދެވެ.
ވިޔަވަތި ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށް 2019 މާރިޗު 31 ގައި ބޭއްވުނު މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ ތިންވަނަ ދައުރުގެ 95ވަނަ ޢާއްމު ޖަލްސާއިން، އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ތިން މެންބަރުންގެ އިއްތިފާޤުންނެވެ.
މިއަހަރުގެ މުބާރާތުގައި ށ.އަތޮޅު މަދަރުސާ އާއި، ށ.ގޮއިދޫ ސްކޫލާއި، ފޭދޫ ސްކޫލާއި، ށ.ފީވަކު ސްކޫލާއި، ށ.ބިލެތްފަހި ސްކޫލާއި، ށ.ފޯކައިދޫ ސްކޫލާއި، އަލްމަދަރުސަތުލް މުނައްވަރާ އާއި، ށ.ޅައިމަގު ސްކޫލާއި، ށ.އަތޮޅުތަޢުލީމީ މަރުކަޒާއި، ށ.މާއުނގޫދޫ ސްކޫލާއި، ށ. ފުނަދޫ ސްކޫލާއި، ށ. މިލަންދޫ ސްކޫލުން ޖުމުލަ 102 ދަރިވަރުން ބައިވެރިވެ ކިޔަވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ށ. ފުނަދޫ ސްކޫލުން ތައްޔާރީތައް ފެށިފައިވާއިރު މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޭޕްރީލް މަހުގެ 18 އިން 20ށް ށ.ފުނަދޫ ސްކޫލުގައެވެ.