ލާމަރުކަޒީ ދުވަހާއި، ށ.އަތޮޅުކައުންސިލްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިޔަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިރޭ ބޭއްވިއްޖެއެވެ.
ށ.ފުނަދޫ ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި، ޓީޗަރުންނަށް ޚާއްޞަކޮށްގެން ކުރިޔަށްގެންދެވުނު މި ސެޝަންގައި މަޢުލޫމާތު ހިއްސާކުރެއްވީ ށ.އަތޮޅު ކައުންސިލްގެ ޑިރެކްޓަރޖެނެރަލް އަލްފާޟިލް މުޙައްމަދު ޙަމީދުއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ހެޔޮވެރިކަމުގެ މައިގަނޑު އަސާސްތަކާއި، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ށ. ކައުންސިލްގެ ނާއިބުރައީސް އަލްފާޟިލް ޢަބްދުﷲ ނާހިދު އާއި، ކައުންސިލް މެންބަރުންނާއި، އިދާރީ އިސްވެރިން ބައިވެރިވެލެއްވިއެވެ.
ލާމަރުކަޒީ ދުވަހާއި، ށ.އަތޮޅުކައުންސިލްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުތަކުގެ ތެރެއިން މާދަމާ ރޭ މުވައްޒަފުންގެ މެދުގައި ކުއިޒް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.