ދީނީ ނަޞޭޙަތްދިނުމުގެ ޕްރޮގްރާމު ފެށިއްޖެ


              ށ.އަތޮޅު ރަށްރަށުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ދީނީ ނަޞޭޙަތްދިނުމުގެ ޕްރޮގްރާމެއް ފެށިއްޖެއެވެ.

              މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ށ.އަތޮޅުކައުންސިލާއި، ރަށްރަށުގެ ރަށުކައުންސިލްތައް ގުޅިގެން ކުރިޔަށްގެންދެވޭ މި ޕްރޮގްރާމުގައި ރަށްރަށުގެ ސްކޫލުތަކުގެ ގްރޭޑް 7 ން ފެށިގެން މަތީގެ ދަރިވަރުންނަށާއި، ބެލެނިވެރިންނާއި، ޢާއްމު ރައްޔިތުންނަށް ދީނީ ނަޞޭޙަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަހުގެ 15 އިން 22 އަށް ކުރިޔަށްގެންދެވޭ މި ޕްރޮގްރާމުގައި ދަރުސް ދެއްވާނީ އައްޝައިޙް ޢަބްދުﷲ ޞިއްދީޤާއި، އައްޝައިޙް ޙަސަން ތަޢުފީޤެވެ. މި ބޭފުޅުން ދަރުސްދެއްވާގޮތަށް ހަމަޖެހިފައިވަނީ  “ޢަޤީދާ ހަރުދަނާކުރުމާއި، އިސްލާމީ ޝަރީޢަތުގެ މަޤާޞިދު” އާއި، “އިސްލާމްދީނާމެދު ކުރެވޭ ކުށްހީތައް” މި މަޢުޟޫޢުތަކަށް ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ށ.އަތޮޅަށް އަމާޒުކޮށްގެން ހިންގޭ މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް މާއުނގޫދޫ، ފުނަދޫ، ކޮމަންޑޫގައި ދީނީ ނަޞޭޙަތްދިނުން ކުރިޔަށް ގެންދެވިފައިވާއިރު މި ޕްރޮގްރާމުގައި ގިނަ ޢަދަދެއްގެ ޢާއްމު ރައްޔިތުންނާއި، ސްކޫލުތަކުގެ ދަރިވަރުންނާއި، ބެލެނިވެރިން ބައިވެރިވެފައިވެއެވެ.