ށ.އަތޮޅުގެ ރަށުކައުންސިލްތަކުގެ އިދާރީ މަސައްކަތްތައް ކުރިޔަށްދާގޮތް ބެލުމަށްޓަކައި މި އަހަރު ބަޖެޓްކޮށްފައިވާ ރަށުކައުންސިލްތައް މޮނިޓަރކުރުމުގެ މަސައްކަތް އިއްޔެ ފެށިއްޖެއެވެ.
ދެ ޓީމަކަށް ބަހާލައިގެން ކުރިޔަށްގެންދެވޭ މިދަތުރުގައި އިއްޔެ މޮނިޓަރކުރެވިފައިވަނީ ގޮއިދޫ، ކަނޑިތީމު، ފީވައް، މިލަންދޫ ކައުންސިލްގެ އިދާރާއެވެ.
އިދާރީ ތިން މުވައްޒަފުންނާއި، ދާއިރާގެ ކައުންސިލަރ ހިމެނޭގޮތަށް ކުރިޔަށްގެންދެވޭ މިދަތުރުގައި އިއްޔެ ކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު އެއް ޓީމުން ނޫމަރާ، ނަރުދޫ ކައުންސިލް މޮނިޓަރކުރުމަށް ހަމަޖެހިފައިވާއިރު ދެވަނަ ޓީމުން މޮނިޓަރކުރުމަށް ހަމަޖެހިފައިވަނީ ޅައިމަގު، މާއުނގޫދޫ ކައުންސިލް އިދާރާއެވެ.
ކޮންމެ އަހަރަކު އެއް ފަހަރު ކުރިޔަށްގެންދެވޭ މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ގެ 8ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ރަށުކައުންސިލްތަކުގެ ފައިސާއާ ބެހޭ މުއާމަލާތްތަކާއި، އިދާރީ ލިޔެކިއުންތައް ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ރަށުކައުންސިލްތަކުގެ ހިންގާ ޤަވާޢިދާ ކުރިޔަށްދޭތޯ ބެލުމަށާއި، އިދާރީ ކަންކަން ހަރުދަނާކޮށް ހިންގުމަށް ބާރުއެޅުމުގެ ގޮތުން ކުރިޔަށްގެންދެވޭ ޕްރޮގްރާމެކެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު މޮނިޓަރިންގައި ރަށުކައުންސިލްތަކަށް ޕޮއިންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.