ށ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފް އެ އިދާރާގެ އިދާރީ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.
ރޭ 9:00 ގައި އަތޮޅުވެހި 2ގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މި އަހަރަށް ތާވަލުކުރެވިފައިވާ ގިނަ މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާތީ އެންމެހާ މުވައްޒަފުންނަށް ޝުކުރުއަދާކުރެއްވިއެވެ. މިހާރު ފެށިފައިވާ ށ.އަތޮޅުކައުންސިލް އިދާރާގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންގެ ތެރެއިން އިތުރު ތަޢުލީމާއި، ތަމްރީނަށް ބޭނުންވާ މުވައްޒަފުންނަށް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ތެރެއިން ކުރިޔަށްއޮތް 2019ވަނަ އަހަރުގެ ނިޔަލަށް އެކަން ޙާޞިލްވެގެންދާނެކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައވާފައިވާއިރު، ފެށޭ އަހަރުގެ ތެރޭގައި މުވައްޒަފުންގެ މޯޓިވޭޝަން އިތުރުކުރުމަށް ރޭވިފައިވާ ކަންކަމުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި އޭގެއިތުރުން އެ އިދާރާގެ އިދާރީ ހިންގުމުގެ ތެރޭގައި ހުރި ބައެއް މައްސަލަތަކާއި، ކައުންސިލްގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ކޮންމެ މުވައްޒަފަކަށް ވެސް ފަރުދީގޮތުން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވައި، އޮފީހުގެ މާހައުލުގެ ތެރެއިން މުވައްޒަފުންގެ ތެރޭގައި ހުރި މައްސަލަތަކާއި، ދަތިތައް އޮޅުންފިލުއްވެވިއެވެ.
ށ.އަތޮޅުކައުންސިލްގެ އިދާރީ އުޞޫލުގައިވާ ގޮތުގެމަތީން މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް މިއަހަރު ދެވަނައަށް ބޭއްވޭ މި ބައްދަލުވުމުގައި ކައުންސިލްގެ ނާއިބުރައީސް ޢަބްދުﷲ ނާހިދުއާއި، ކައުންސިލަރ ސައުދުﷲ ޢުޘްމާން އާއި، ކައުންސިލަރ އަޙްމަދު ފާއިޒާއި، ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.