މިއަހަރުގެ ވިޔަވަތި އަހަރީ ޙަފްލާ ބާއްވައިފި


ށ.އަތޮޅު ކައުންސިލް އިދާރާގެ ވިޔަވަތި އަހަރީ ޙަފްލާ 2018 މި ދިޔަ ހުކުރު ވިލޭރޭ ބާއްވައިފިއެވެ.

      ށ. ފުނަދޫ ސްކޫލުގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރ އަލްއުސްތާޛު ޢަބްދުލްޢަޒީރު ޖަމާލު ޢަބޫބަކުރެވެ.

       ކީރިތިޤުރުއާނުގެ ބަރަކާތުން މި ޖަލްސާ ފަށްޓަވައިދެއްވީ އަލްޤާރީ އިބްރާހީމް މުޙައްމަދެވެ. އެންމެހާ ޙާޟިރީންނާ މުޚާތަބުކުރައްވައި ޝަރަފްވެރި މެހުމާނު ދެއްކެވި ވާކަފުޅުގައި މުވައްޒަފުން އިޙްލާޞްތެރިކަމާއެކު ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބާރުއަޅުވައި، 2017ވަނަ އަހަރު އެކި ވަނަތަކަށް ހޮވުނު މުވައްޒަފުންނަށް މަރުޙަބާ ވިދާޅުވިއެވެ. ހަމައެއާކު އެމަނިކުފާނުގެ ދާއިރާއިން، އިދިކޮޅު ޕާޓީއެއް އޮތުމުގެ މުހިންމު ކަމުގެ މައްޗަށް ދަލީލި ދައްކަވައި ވާކަހަފުޅުދެއްކެވިއެވެ. ށ.އަތޮޅު ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ޝަރަފްވެރި ވަނަތައް ޙާޞިލުކުރި މުވައްޒަފުންނަށް މަރުޙަބާ ވިދާޅުވެ، އެ ކައުންސިލުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އެންމެހާ މުވައްޒަފުންނަށް ޝުކުރުއަދާކުރެއްވިއެވެ.

      ކައުންސިލަށް ދިގުމުއްދަތަށް ޚިދުމަތްކޮށްދެއްވި މުވައްޒަފުންނާއި، އަހަރުގެ އެންމެ ޚިދުމަތްތެރި މުވައްޒަފުން ފާހަގަކޮށް އެ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، ހިތްވަރުދިނުމުގެ މަޤްޞަދުގައި ބޭއްވުނު މި ޙަފްލާގައި 10 އަހަރު ޚިދުމަތް ކޮށްފައިވާ މުވައްޒަފަކަށް ޚިދުމަތުގެ ލޯފިލާ އާއި، 15 އަހަރު ޚިދުމަތްކޮށްފައިވާ ތިން މުވައްޒަފުންނަށް ޚިދުމަތުގެ ރިހިފިލާ އާއި، 20 އަހަރު ޚިދުމަތްކޮށްފައިވާ ތިން މުވައްޒަފުންނަށް ޚިދުމަތުގެ ރަންފިލާ ޙަވާލުކުރައްވާފައިވެއެވެ. މީގެއިތުރުން އަހަރުގެ ޚިދުމަތްތެރި ކަމުގެ އިނާމު އެކި ދާއިރާތަކުން ޙާޞިލުކުރި މުވައްޒަފުންނަށް އެވޯޑާއި، ފައިސާގެ އިނާމު ޙަވާލުކޮށްދެއްވިއެވެ. އަހަރުގެ ވިޔަވަތި މުވައްޒަފުގެ އެވޯޑް ޙާޞިލުކުރީ ފުނަފަތި ފާމަސީގެ ފާމަސިސްޓް ފަޒުނާ މުޙައްމަދެވެ. އަހަރުގެ ހީވާގި މުވައްޒަފަގެ އެވޯޑް، މަސައްކަތު ފާޠިމަތު އަޙްމަދާއި، ޑްރައިވަރު މުޙައްމަދު ޙަސަން ޙާޞިލުކޮށްފައިވާއިރު އަހަރުގެ އެންމެ ޚިދުމަތްތެރި މުވައްޒަފުގެ އެވޯޑް ޙާޞިލުކޮށްފައިވަނީ ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޝާމިޔާ ޙަސަނާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ އަޤްލީމާ ޢަބްދުއްޞަމަދެވެ. އަހަރުގެ ލާމަސީލު މުވައްޒަފަކަށް ހޮވިފައިވަނީ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަޙްމަދު ޢީސާއެވެ. ހަމައެއާއެކު މި ރަސްމިއްޔާތުގައި ށ.އަތޮޅު ކައުންސިލަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ދެއްވާފައިވާ ފަރާތްތަކާއި، އަތޮޅުކައުންސިލްގެ ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންނަށާއި، ވިޔަފާރިވެރިންނަށް ޝުކުރުވެރިކަމުގެ ލިއުން ޙަވާލުކުރައްވާފައިވެއެވެ.

        މި ޙަފްލާގައި މުވައްޒަފުންނާއި، މުވައްޒަފުންގެ ޢާއިލާތަކާއި، ފުނަދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި، ވިޔަފާރިވެރިންނާއި، އަތޮޅުކައުންސިލަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވާފައިވާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.