ވިޔަވަތި އިނާމު ފަރުމާކޮށްގެން -/10,000 ރުފިޔާ ހޯދުމުގެ ފުރުޞަތު


              ށ.އަތޮޅު ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ކޮންމެ 3 އަހަރަކުން 1 އަހަރު ބާއްވަމުންގެންދާ ވިޔަވަތި އިނާމު ދިނުމުގެ ރަސްމިއްޔާތަށް ބޭނުންވާ އެވޯޑްތަކާއި، ބެކްޑްރޮޕް ފަރުމާކޮށްދިނުށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

              ފުރުޞަތު ހުޅުވާލައި އެ އިދާރާއިން ގެޒެޓްގައި ޝާއިޢުކުރި ނަންބަރު IUL)227-PR/227/2018/52)  އިޢުލާނުގައި ވަނީ ތަކެތި ފަރުމާކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2018 އޮކްޓޯބަރު 25 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ނަންނޯޓް ކުރެއްވުމަށެވެ. މިގޮތުން އެފަރާތެއްގެ ނަމާއި، ގުޅޭނެ ފޯނު ނަންބަރު އެ އިދާރާގެ މެއިލް (award@shaviyani.gov.mv) އަށް ފޮނުވުމަށާއި،  ނަންނޯޓް ކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބޭއްވޭ ޓެލެ-ކޮންފަރެންސެއް 2018 އޮކްޓޯބަރު 28 ވާ އާދީއްތަ ދުވަހުގެ 13:00 ގައި އޮންނާނެކަމަށް ލިއުއްވާފައިވެއެވެ.

              މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދެވޭ މި މުބާރާތުގައި ޢުމުރުން 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް ބައިވެރިވެވޭނެ ކަމަށާއި، 1 ވަނައަށް ހޮވޭ ފަރުމާތައް ހުށައަޅާ ފަރާތަކަށް 10,000/- ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު  ކަނޑައެޅިފައިވާ ތާރީޚުގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުން ހުށައަޅުއްވާ ފަރުމާތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެ އިޢުލާނުގައި ފާހަގަކުރައްވާފައިވެއެވެ.

              ށ.އަތޮޅު ކައުންސިލްގެ ވިޔަވަތި އިނާމު ދިނުމުގެ ހަފްލާއަކީ  ށ. އަތޮޅުގެ ސްކޫލްތަކުގައި ކިޔެވުމަށް ހިތްވަރު ދިނުމަށާއި، އަތޮޅުގެ ދަރިވަރުންނަކީ ރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ މޮޅު ދަރިވަރަކަށްވުމަށް ހިތްވަރުދިނުމަށާއި، އަތޮޅުގެ މުއައްސަސާތަކުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހިތްވަރުދިނުމަށާއި، މަދަނީ ޚިދުމަތްތެރިންގެ ގޮތުގައި އަތޮޅު އަދި ޤައުމީ ފެންވަރުގައި ފާހަގަ ކުރެވޭ ފަދަ ޚިދުމަތެއް ފޯރުކޮށްދެއްވާ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކޮށް ހިތްވަރުދިނުމަށާއި، ދަރުމަވެރިން އަތޮޅަށް ކޮށްދެއްވާ ޚިދުމަތުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމަށާއި، ރާއްޖެ އާއި ދުނިޔޭގައި އަތޮޅަށް ރީތިނަން ހޯދައިދޭ އަތޮޅުގެ ދަރިންނަށް ޝަރަފް އެރުވުމުގެ މަޤްޞަދުގައި ކޮންމެ 3 އަހަރަކުން 1 އަހަރު ބޭއްވޭ ހަފްލާއެކެވެ.