ށ.އަތޮޅާއި، ރ. އަތޮޅު ރަށްރަށްރަށަށް އަމާޒުކޮށްގެން މުދިމުންނާއި، ޚަޠީބުން ތާޒާކުރުމުގެ 12 ވަނަ މަސައްކަތު ބައްދަލުވުން 2018 ސެޕްޓެމްބަރ 9ވަނަ ދުވަހުގެ ރޭ ފެށިއްޖެއެވެ.
ވިލާކޮލެޖް ލޭކް ސައިޑް ކެމްޕަހުގައި ކުރިޔަށްގެންދެވޭ މި މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވުނު ރަސްމިއްޔާތު ކީރިތި ޤުރުއާންގެ މޫރިތި އާޔަތްތަކުން ފަށްޓަވައިދެއްވީ އަލްޤާރީ އިބްރާހީމް މުޙައްމަދެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާން ށ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފްގެ ވާހަކަފުޅުގައި ފަސްމަގުގައި މުދިމުން އަދާކުރަމުންދިޔަ ދައުރާއި، މިޒަމާނުގެ ދައުރާމެދު ވަރަށް ތަފްޞީލުކޮށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި މުދިމުންގެ ކިބައިގައި ހުންނަންޖެހޭ ރިވެތި ސިފަތަކުގެ މައްޗަށް ބައްލަވާލައްވައި ކުޑަކުދިންނަށް ބަންގިގޮވަން ދަސްކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ އިދާރީ ހިންގުމާ ބެހޭ މަޢުލޫމާތު ހިއްސާކުރުމާއި، މޮސްކް މެނޭޖްމަންޓާއި، ޤުރުއާނާއި، ފިޤުހު އަދި ދިވެހިބަސް ކިއުމާއި، ހުށަހެޅުމުގެ ހުނަރު މުދިމުންނާއި، ޚަޠީބުންނަށް ދަސްކޮށްދިނުމަށް ކުރިޔަށްގެންދެވޭ މި މަސައްކަތު ބައްދަލުވުން ފެސިލިޓޭޓް ކޮށްދެއްވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސަޢީދު އާއި، ޑެޕިއުޓީ މިނިސްޓަރ ޢަބްދުލްޣަފޫރު އަޙްމަދާއި، އައްޝައިޚް އަޙްމަދު މައުމޫނާއި، އައްޝައިޚް އިބްރާހީމް އަޙްމަދެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ށ.އަތޮޅު ކައުންސިލް ގުޅިގެން 2018 ސެޕްޓެމްބަރ 9 ން 13 އަށް ބޭއްވޭ މި ބައްދަލުވުމުގައި ރ. އަތޮޅާއި، ށ.އަތޮޅުގެ ރަށްރަށުން 61 އިމާމުންނާއި، ޚަޠީބުން ބައިވެރިވެލައްވާފައި ވެއެވެ.