ރަށުކައުންސިލްތަކުގައި ޑިޖިޓަލް ނޯޓިސްބޯޑު ޤާއިމުކުރުމަށް ބޭނުންވާ ބައެއް ތަކެތި ގެނައުމަށް ވިލެޖް އިންވެސްޓާ ޙަވާލުކޮށްފި


        ށ.އަތޮޅުގެ ރަށްރަށުގެ ރަށުކައުންސިލްތަކުގައި ޑިޖިޓަލް ނޯޓިސްބޯޑު ޤާއިމުކުރުމަށް ބޭނުންވާ  ޓީވީ އާއި، މިނީ ޕީސީ ހޯދުމަށް ވިލެޖް އިންވެސްޓްމަންޓާއި، އަތޮޅުކައުންސިލާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

      މިއަދު މެންދުރުފަހު އަތޮޅުކައުންސިލް އިދާރާގައި ބޭއްވުނު މި ރަސްމިއްޔާތުގައި ށ.އަތޮޅުކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފްއެވެ. ވިލެޖް އިންވެސްޓްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އިބްރާހީމް ސައިފްއެވެ.

       އެގާރަ ދުވަހުގެ މުއްދަތަށް ޙަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ 198,000.00 (އެއްލައްކަ ނުވަދިހަ އަށްހާސް) ރުފިޔާއެވެ.

      ރަށުކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ޒަމާނީ ފެންވަރެއްގައި ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މިއަހަރަށް ބަޖެޓްކުރެވިފައިވާ ޕްރޮގްރާމުތަކުގެ ތެރެއިން މި ޕްރޮގްރާމަކީ ރަށުކައުންސިލްތަކާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.