ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ ށ ގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައިފި


        ޔޫތުމިނިސްޓްރީގެ އެޑިޝަނަލް ކޯޑިނޭޓަރ އަލްފާޟިލް އިސްމާޢީލް އިބްރާހީމް ށ.އަތޮޅުގެ 14 ރަށަށް ޒިޔާރަތްކުރައްވައިފިއެވެ.

      މިދިޔަ މަހުގެ 31 ން  މި ޖޫންމަހުގެ 4 ގެ ނިޔަލަށް މިއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން ށ.އަތޮޅުގައި  ފެށިފައިވާ މަޝްރޫޢުތަކުގެ ޙާލަތު ބައްލަވާލައްވައި، އެކަންތައްތަކުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން ނިންމަންޖެހޭ ކަމަކީ ކޮބައިތޯ ބެލުމަށް ރަށުކައުންސިލްތަކާއެކު މަޝްވަރާކުރެއްވިއެވެ. ހަމައެއާއެކު  މަޝްރޫޢުތައް ކުރިޔަށްގެންދިއުމާއި، އަތޮޅުގެ ކުޅިވަރުގެ ކަންކަން ރަނގަޅަށް ކުރިޔަށްގެންދިއުމަށްޓަކައި ކަންކަން އިންތިޒާމުކުރެވިދާނެ ގޮތްތަކާއި، ފެށިފައިވާ މަޝްރޫޢުތަކުގެ ޙާލަތު އަތޮޅުކައުންސިލުން ހޯއްދަވައި، އެ މަޝްރޫޢުތަކާ ބެހޭގޮތުން ށ. އަތޮޅުކައުންސިލާއެކު މަޝްވަރާކުރައްވާފައިވެއެވެ. އަދި އޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ޒުވާނުންގެ މަރުކަޒުތަކަށް އަދި އަތޮޅު ހުރިހާ ރަށަކަށް ކުޅިވަރު ތަކެތި ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.