މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ށ.އަތޮޅާއި، ނ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުނަދޫ އަށް ވަޑައިގެން ށ.އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ހަވީރު 4:00 ގައި ށ.އަތޮޅު ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ށ.އަތޮޅުގައި އެއަރޕޯޓެއް އެޅިގެންދާއިރު މުޖްތަމަޢަށް ކުރާނެ ނޭދެވާ އަސަރުތަކާއި، ނޭދެވޭ މައްސަލަތަކާ އެކަންކަން ހައްލުކުރުމުގެ ގޮތުން ޕޮލިސް ސަރވިސް އިން ކައިރި މުޝްތަޤުބަލެއްގައި ކުރަން ރާވާފައިވާ ކަންތައްތައް ހިއްސާކުރެއްވިއެވެ. އަދި ށ.އަތޮޅުގައި ހުރި މައްސަލަތަކާ ބެހޭގޮތުން މަޢުލޫމާތު ބަދަލުކުރެވި، އެކަންކަން ހައްލުކުރުމުގެ މައްޗަށް މަޝްވަރާކުރެވުނެވެ. އޭގެ އިތުރުން ށ.އަތޮޅު ފޭދޫގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުކުރުމުގެ މުހިންމު ކަމާއި، އެކަން އަވަސްކުރުމަށްޓަކައި ކަންތައްކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
އެ މަނިކުފާނުގެ މިދަތުރުފުޅުގައި ށ. އަތޮޅާއި، ނ. އަތޮޅުގައި ހުރި ޕޮލިސް ސްޓޭޝަންތަކާއި، އެ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކޮށް ފުލުހުންގެ ޚިދުމަތުގެ ތެރެއިން ރަނގަޅުކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ އާއި، ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކުރެވޭނީ ކޮންކޮން ގޮތްތަކަކުންތޯ އާއި، ކުރު ރާސްތާއާއި، ދުރުރާސްތާގައި މިކަންތަކަށް ކުރެވޭނީ ކޮންކަމެއްތޯ ބަލާލައި އެކަމުގެ މަޢުލޫމާތު ސާފުކުރުމުގެ ގޮތުން ކުރެވޭ ދަތުރެކެވެ. މި ދަތުރުފުޅުގައި ފުނަދޫގެ އިތުރުން މާއުނގޫދޫ، ކޮމަންޑޫ، މިލަންދޫ، ފީވައް، ފޯކައިދޫ، ފޭދޫ ކަނޑިތީމަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާއިރު މި މަހުގެ 14ވަނަ ދުވަހުގެ މެންދުފަހާ ހަމައަށް އެ ރަށްރަށުގެ ކައުންސިލާއި، ފުލުހުންގެ ޕޯސްޓުތަކުގެ މުވައްޒަފުންނާ ބައްދަލުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.