ވިޔަވަތި މަހާސިންތާ އޮން ޕްރޮޕޯސަލް ރައިޓިންގ” ނަމުގައި ށ.އަތޮޅު ކައުންސިލާއި، ލޯކަލް ގަވަރމެންޓް އޮތޯރިޓީއާ ގުޅިގެން 2018 އޭޕްރީލް 28 ފެށުނު، މަހާސިންތާ އިއްޔެ ނިމިއްޖެއެވެ.
މަހާސިންތާ ނިންމުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތު، ކީރިތި ޤުރްއާންގެ މޫރިތި އާޔަތްތަކުން ފަށްޓަވައިދެއްވީ އަލްޤާރީ އިބްރާހީމް މުޙައްމަދެވެ. ރަސްމިއްޔާތުގައި ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފް ދެއްކެވި ވާހަކަފުޅުގައި މިފަދަ މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިން، ފުރިހަމައަށް ބައިވެރިވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ފެސިލިޓޭޓަރގެ ވާހަކަފުޅުގައި ކައުންސިލްތަކުން ސަމާލުކަންދޭންވީ ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ކައުންސިލްތަކަކީ ކަމެއްޖެހުމުގެކުރިން އެކަމާ ވިސްނައިގެން ކަންތައްތައް ކުރާ ކައުންސިލްތަކަކަށް ވާންޖެހޭކަމަށް ވިދާޅުވިއެވެ.
ށ.ފުނަދޫ ވިލާކޮލެޖް ލޭކްސައިޑް ކެމްޕަހުގައި ކުރިޔަށްގެންދެވުނު މި މަހާސިންތާގައި އަތޮޅުގެ ހުރިހާ ރަށުކައުންސިލްތަކުންނާއި، އަތޮޅު ކައުންސިލުން ބައިވެރިވެ، ފުރިހަމަ ކޮށްފައިވާ 32 ފަރާތަކަށް ހަދާނީލިއުން ޙަވާލުކޮށްދެއްވާފައިވެއެވެ. ފުރަތަމަ 7 ރަށުގެ ބައިވެރިންނަށް ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ ށ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޢާރިފެވެ. ދެވަނަ 7 ރަށުގެ ބައިވެރިންނަށް ހަނދާނީލިއުން ޙަވާލުކޮށްދެއްވީ މަހާސިންތާގެ ފެސިލިޓޭޓަރ އަދި އެލްޖީއޭގެ ޑިރެކްޓަރޖެނެރަލް އަލްފާޟިލް ސަމްޢޫން އާދަމެވެ.
މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ތަރައްޤީގެ މަޝްރޫޢުތައް ރާވައި ހިންގުމަށް ކައުންސިލްތަކުގެ ޤާބިލުކަން އިތުރުކޮށް ރަށުކައުންސިލްތަކުގެ އެހީތެރިކަމާއެކު ރަށްރަށުގައި އުފެދިފައިވާ ކުލަބު ޖަމްޢިއްޔާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ކުލަބު ޖަމްޢިއްޔާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ދައުރުފުޅާކުރުމެވެ.
ވިޔަވަތި މަހާސިންތާއަކީ ށ.އަތޮޅުގެ ރަށުކައުންސިލްތަކަށް އަމާޒުކޮށްގެން ށ.އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު 1 ފަހަރު ބާއްވަމުންއަންނަ މަހާސިންތާއެކެވެ.