އަތޮޅުގޭ ގޯތިތެރޭގެ ބައެއް މަސައްކަތްތަކާއި، ބަދިގެ ހިމެނޭ ޢިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ޙަވާލުކޮށްފި


އަތޮޅުގޭ އާބާތުރަ ފިލުވުމުގެ ގޮތުން އަތޮޅޭގެ ގޯތިތެރޭގެ ބައެއް މަސައްކަތްތަކާއި، އަތޮޅުގޭ ބަދިގެ ހިމެނޭ ޢިމާރާތް މަރާމާތުކުރުމުގެ މަސައްކަތް އައި.އޭ.އާރު އިންވެސްޓްމަންޓާ މިއަދު ޙަވާލުކޮށްފިއެވެ.

ށ.އަތޮޅު ކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ށ.އަތޮޅު ކައުންސިލްގެ ފަރާތުން އެގްރިމެންޓްގައި ސޮއިކުރެއްވީ ށ.މިލަންދޫ ދާއިރާގެ އަތޮޅު ކައުންސިލް މެންބަރ ސަޢުދުﷲ ޢުޘްމާނެވެ. އައި.އޭ.އާރުގެ ފަރާތުން ސޮއިކުރެއްވީ ށ.ފުނަދޫ ރޯޒްލީން އިބްރާހީމް އާދަމެވެ.

ށ.އަތޮޅު ކައުންސިލުން ބަލަހައްޓަމުންގެންދާ ށ.އަތޮޅުގޭ މަރާމާތުކުރުމުގެ މަސައްކަތް އައި.އޭ.އާރު އިންވެސްޓްމަންޓާ ޙަވާލުކުރެވިފައިވަނީ ހުކުރު ދުވަސް ނުހިމަނައި،  45 ދުވަހުގެ މުއްދަތުގައި މަސައްކަތް ނިންމާ ޙަވާލުކުރާ ގޮތަށެވެ. މައިގަނޑު 3 މަސައްކަތެއް ހިމެނޭގޮތަށް އެ އިންވެސްޓްމަންޓާ ޙަވާލުކުރެވުނު މި މަސައްކަތުގެ ޖުމުލަ އަގަކީ 675,840.00 ރުފިޔާއެވެ.

އަތޮޅުގޭ މަރާމާތުކުރުމުގެ މަސައްތަކުގެ ތެރެއިން އަތޮޅުގޭ ޢިމާރާތުގެ މަސައްކަތް މިއަހަރުގެ ކުރީކޮޅު ކުރެވިފައިވާއިރު މަރިޔާދުގެ މަރާމާތުކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގެ ތެރޭގައި ހަވާލުކުރެވި، އެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ކުރިޔަށްއޮތް 7 ދުވަހުގެ ތެރޭގައި މިއަދު ޙަވާލުކުރެވުނު މަސައްކަތްތައް ފެށިގެންދާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.