ޑިވިޜަން ކޮމާންޑަރ، ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޝަރީފް މިއަދު ށ.އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
އެ މަނިކުފާނުގެ މި ބައްދަލުކުރެއްވުމުގައި ޕޮލިހާއި، އަތޮޅުކައުންސިލާ ދެމެދު ގާތް ގުޅުމެއް ބޭއްވުމާއި، އަތޮޅުގައި ހުރި މައްސަލަތަކުގެ މައްޗަށް ދެ ފަރާތުގެ ދެމެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އެގޮތުން ށ.ފޭދޫގައި ޕޮލިސް ޕޯސްޓެއް އެޅުމުގެ މައްސަލަ އާމެދު މަޝްވަރާކޮށް، އެ މައްސަލަ އަވަސް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަ ދެކެވުނެވެ.
މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި ށ. އެޓޮލް ކޮމާންޑަރ މުޙައްމަދު ޢަބްދުއްރަޙްމާން އާއި، ށ.ފުނަދޫ ޕޮލިސް ސްޓޭޝަން އިންޗާޖު އާދަމް ޙަލީމު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ށ.އަތޮޅު ކައުންސިލްގެ ފަރާތުން ރައީސް މުޙައްމަދު ޢާރިފް އާއި، ނާއިބުރައީސް ޢަބްދުﷲ ނާހިދުއާއި، ކައުންސިލް މެންބަރުންގެ އިތުރުން ޒިންމާދާރުވެރިޔާ މުޙައްމަދު ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.