2018ވަނަ އަހަރުގެ ވިޔަވަތި ޤުރުއާން މުބާރާތް މި އަތޮޅު ފޯކައިދޫގައި ފެށިއްޖެއެވެ.
މިރޭ 9:00ގައި ށ.ފޯކައިދޫ ސްކޫލުގައި ފެށުނު މި މުބާރާތުގައި ށ.އަތޮޅުގެ 11 ސްކޫލަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ށ.އަތޮޅު މަދަރުސާއާއި، ފޭދޫ ސްކޫލާއި، ފީވަކު ސްކޫލާއި، ބިލެތްފަހީ ސްކޫލާއި، ފޯކައިދޫ ސްކޫލާއި، މަރޮށި އަލްމަދަރުސަތުލް މުނައްވަރާ އާއި، ޅައިމަގު ސްކޫލާއި، ށ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ށ.މާއުނގޫދޫ ސްކޫލާއި، ށ.ފުނަދޫ ސްކޫލާއި، ށ.މިލަންދޫ ސްކޫލެވެ.
ށ.އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ބޭއްވޭ މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން 6 ގިންތިއަކުން ޖުމުލަ 88 ދަރިވަރުން ބައިވެރިވެފައިވާއިރު ފޮތުން ކިޔެވުމުގެ ގޮފިން 66 ދަރިވަރުންނާއި، ހިތުން ކިޔެވުމުގެ ގޮފިން 22 ދަރިވަރުން ވާދަކުރާނެއެވެ.
މި ރޭގެ ދަންފަޅީގައި ފޮތުން ކިޔެވުމުގެ ބައިން ވިދިވިދިގެން 10ފޮތް ބަލައިގެން ކިޔެވުމުގެ ގިންތީގެ 15 ބައިވެރިން ކިޔަވާފައިވެއެވެ.
މި ފަހަރުގެ މުބާރާތުގައި ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކުރައްވާފައިވަނީ އަލްޤާރީ މުޙައްމަދު ތައުފީޤު ޢަލީ އާއި، އަލްޤާރީ މުޙައްމަދު ޢަބްދުލް ޙަމީދާއި، އަލްޤާރީ މުޙައްމަދު ނަޢީމު އަޙްމަދު ފިކްރީ އެވެ.
މިއީ، ށ.އަތޮޅުގައި ކީރިތި ޤުރުއާން ތަޖުވީދުގެ ހަމަތަކުން އުނގެނުމާއި، އުނގައްނައިދިނުމުގަޔާއި، ތަރުތީލުކޮށް ކިޔެވުމުގެ ޤާބިލުކަން ދެއްކުމުގައި ވާދަވެރި މާޙައުލެއް އުފެއްދުމާއި، އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމާއި، ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި އަތޮޅު ތަމްސީލުކުރާނެ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު އެއް ފަހަރު އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދެވޭ މުބާރާތެކެވެ.