މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 2018ވަނަ އަހަރު ބަޖެޓްކޮށްފައިވާ ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން މުވައްޒަފުން ތަމްރީނުކުރުމަށް ވިލާކޮލެޖާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
މިމަހުގެ 21 ގައި ވިލާކޮލެޖުގައި ބޭއްވުނު ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ވިލާގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަޙްމަދު އަންވަރެވެ. ށ.އަތޮޅު ކައުންންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަލްފާޟިލް މުޙައްމަދު ޢާރިފްއެވެ.
މި ޕްރޮގްރާމުގެ ދަށުން 2018ވަނަ އަހަރު ޔުނިވަރސިޓީ ޕްރިޕަރޭޓަރީ ޕްރޮގްރާމަކާއި، ޑިޕްލޮމާ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޯސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވިލާކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަޙްމަދު އަންވަރު ވިދާޅުވީ މި މަހުގެ ތެރޭގައި އެ ދެ ކޯސް ފަށާނެކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކޯސްތައް ށ.ފުނަދޫގައި ހުންނަ ވިލާކޮލެޖް ލޭކް ސައިޑް ކެމްޕަހުގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާއިރު މި ކޯސްތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ކޯސް ފީ ކުޑަކުރުމުގެ އިތުރުން ކިޔެވެނި އެހީގެ ނަމުގައި ލޯން ޕްރޮގްރާމެއް ވަނީ ހުޅުވާލެވިފައެވެ.