ށ.އަތޮޅު ކައުންސިލްގެ 2018ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށްފި


މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 2018ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށްފިއެވެ.

 

މިއަދު ހެނދުނު ށ.އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު  އެ ކައުންސިލްގެ 3ވަނަ ދައުރުގެ 32ވަނަ ޢާއްމު ޖަލްސާގައި 2018 އަހަރަށް ލަފާކުރާ ށ.އަތޮޅުކައުންސިލްގެ ބަޖެޓް، އިދާރީ ޔުނިޓުން ހުށަހަޅާފައިވާ ގޮތަށް ފާސްކޮށް އަދި އެޤާނޫނުގެ 97ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތީން އެކުލަވާލެވުނު ބަޖެޓް ސްޓޭޓްމަންޓާއި، ކައުންސިލުން ހިންގާ ވިޔަފާރިތަކާ ގުޅޭ ހިސާބުތައް ޞައްޙަކަމަށް ފާސްކުރައްވާފައިވަނީ ޖަލްސާއަށް ޙާޟިރުވެވަޑައިގެންނެވި 3 މެންބަރުންގެ އިއްތިފާޤުންނެވެ.

 

މި ބަޖެޓުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ކައުންސިލުން ކުރާ ޚަރަދުތަކަށް ޒިންމާވެ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި އަތޮޅު ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ހަމަހަމަކަމާއެކު ދިނުމަށާއި، ރަށުކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށާއި، އަތޮޅު ރައްޔިތުންނަށް ދުޅަހެޔޮ އަމާން ވެއްޓެއް ޤާއިމުކުރުމަށްކަމަށް އެކައުންސިލްގެ ބަޖެޓް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

 

މި ޖަލްސާ އަޑުއެހުމަށްޓަކައި ށ.ފުނަދޫގައި ހުރި ދައުލަތުގެ މުއައްސަސާތަކާއި، ށ.ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިސްވެރިންނާއި، އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުން ޙާޟިރުވެލެއްވިއެވެ.