ށ.އަތޮޅުގެ ރަށުކައުންސިލްތަކުގެ އިދާރީ މަސައްކަތްތައް ކުރިޔަށްދާގޮތް ބެލުމަށްޓަކައި މި އަހަރު ބަޖެޓްކޮށްފައިވާ ރަށުކައުންސިލްތައް މޮނިޓަރކުރުމުގެ ޕްރޮގްރާމު މިއަދު ފެށިއްޖެއެވެ.
ދެ ޓީމަކަށް ބަހާލައިގެން ކުރިޔަށްގެންދާ މިދަތުރުގައި މިއަދު މޮނިޓަކުރުމަށް ހަމަޖެހިފައިވަނީ ނޫމަރާ، ފީވައް، މިލަންދޫ، ނަރުދޫ ކައުންސިލްގެ އިދާރާއެވެ. މާދަމާ ކަނޑިތީމު، ގޮއިދޫ، ފޭދޫ، ބިލެތްފަހި ކައުންސިލް މޮނިޓަރކުރުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ދަތުރު 2018 ޖެނުއަރީ 3ގައި މޮނިޓަރކުރުމަށް ހަމަޖެހިފައިވަނީ ޅައިމަގު، މާއުނގޫދޫ ފުނަދޫ ކައުންސިލް އިދާރާއެވެ. އަދި ފަހު ދަތުރު 2018 ޖެނުއަރީ 4ވަނަ ދުވަހު މަރޮށި، ކޮމަންޑޫ، ފޯކައިދޫ ކައުންސިލް އިދާރާ މޮނިޓަރކުރާގޮތަށް ވަނީހަމަޖެހިފައެވެ.
މި ޓީމުތަކުގައި އިދާރީ 8 މުވައްޒަފުންނާއި، އަތޮޅުކައުންސިލްގެ 2 މެންބަރުންނާއި، ޒިންމާދާރުވެރިޔާ ބައިވެރިވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮންމެ އަހަރަކު އެއްފަހަރު ކުރިޔަށްގެންދެވޭ މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނުނު ނަންބަރު 2010/7 ގެ 8ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ރަށުކައުންސިލް އިދާރާތަކުގެ ފައިސާއާ ބެހޭ މުއާމަލާތްތަކާއި، އިދާރީ ލިޔެކިއުންތައް ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ރަށުކައުންސިލްތަކުގެ ހިންގާ ޤަވާޢިދާ އެއްގޮތަށް ކުރިޔަށް ދޭތޯ ބެލުމަށާއި، އިދާރީ ކަންކަން ހަރުދަނާކޮށް ހިންގުމަށް ބާރުއެޅުމުގެ ގޮތުން ކުރިޔަށްގެންދެވޭ ޕްރާމެކެވެ.