ހޯމް އެފެއާޒުގެ ނާއިބު އަލްފާޟިލް މޫސާ ފަތުޙީ އާދަމް އިއްޔެ ހަވީރު 4:45ގައި ފުނަދޫއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ށ.ފުނަދޫގައި މީހުން އާބާދުވިތާ ފަންސާސް އަހަރު ފުރުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ. ޓީމުގެ ފަރާތުން ށ.ފުނަދޫގެ ކަމުވޮށިވެގެންވާ މީހުންނާ ބައްދަލުކުރައްވައި ފުނަދޫގައި މިރަސްމިއްޔާތު ބޭއްވުމަށްޓަކައި ހޯމް މިނިސްޓްރީން ދެއްވަން ހަމަޖެހިފައިވާ އެހީތެރިކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ފުނަދޫގައި މީހުން އާބާދުވެގެންދިޔަ ގޮތާއި، ފުނަދޫގައި އިޖްތިމާޢީ ކަންކަން ކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ފަސްމަގުގައި ލިބިފައިހުރިގޮތާއި، ށ.އަތޮޅަކީ އޮންނަ އަތޮޅެއްކަން ސަރުކާރަށާއި، މުޅި ރާއްޖެއަށް ދެއްކުމަށްޓަކައި އަތޮޅުގައި ތިއްބެވި ވެރިން އެއް އަމާޒަކަށް މަސައްކަތްކުރައްވައި އަތޮޅަށް ކުރިއެރުން ހޯއްދަވައިދެއްވާފައިވާ މިންވަރުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
މި ޓީމުގެ ފަރާތުން ވަނީ 2016ވަނަ އަހަރު އަތޮޅުގޭގެ މަރާމާތު މަސައްކަތްތައް ކޮށްފައިވާ ގޮތާއި، އަތޮޅުގެއާއި، މަރިޔާދުގޭގައި އިތުރަށް ކުރަންހުރި މަރާމާތުތައް ބައްލަވާލައްވާފައެވެ.
ހޯމް މިނިސްޓްރީގެ ނާއިބުގެ އިތުރުން މިޓީމުގައި އެ މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރ އަލްފާޟިލް މޫސާ ރަމީޒު އާއި، އަލްފާޟިލް މުޙައްމަދު އާދަމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިސްޙާޤް އަޙްމަދާއި، ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް ޢައްބާސް މުޙައްމަދު ހިމެނިވަޑައިގަންނަވައެވެ.
ފުނަދޫ މީހުން އާބާދުވިތާ 50 އަހަރު ފުރޭ އަހަރަކީ މިއަންނަ 2018ވަނަ އަހަރަށްވީއިރު އެ އަހަރު ވެގެންދާނީ ށ.އަތޮޅުއޮފީސް ފުނަދުއަށް ބަދަލުވިތާ 50 އަހަރުފުރޭ ރިހިޔޫބީލް އަހަރުކަން ފާހަގަކޮށްލަންޖެހެއެވެ.