ށ.އަތޮޅު ކައުންސިލްގެ މި އަހަރުގެ ވިޔަވަތި ޤުރުއާން މުބާރާތް މިރޭ 9:00ގައި މި އަތޮޅު ކޮމަންޑޫގައި ފަށައިފިއެވެ.
ށ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިޔަށްގެންދެވޭ މި މުބާރާތް ޤުރުއާންގެ ބަރަކާތުން ފައްޓަވައިދެއްވީ އަލްއުސްތާޛު އަޙްމަދު ޢަލާއެވެ. މި ރަސްމިއްޔާތުގައި ކޮމަންޑޫ ކައުންސިލްގެ ރައީސް މުޙައްމަދު މުފީދާއި، ށ.އަތޮޅުކައުންސިލްގެ ނާއިބުރައީސް ޢަބްދުﷲ ނާހިދު ވާހަކަފުޅުދެއްކެވިއެވެ.
މި މުބާރާތުގައި ކަނޑިތީމު، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، ޅައިމަގު، ކޮމަންޑޫ، ފުނަދޫ، މިލަންދޫ ކައުންސިލް އިދާރާއިން ބައިވެރިވެ ވާދަކުރާނެވެ.
ށ.އަތޮޅުގެ ކައުންސިލްތަކަށް އަމާޒުކޮށްގެން ބާއްވޭ މި މުބާރާތުގައި 8 ޢުމުރުފުރާއަކުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން ޖުމުލަ 92 ފަރާތަކުން ބައިވެރިވެ ވާދަކުރާނެއެވެ.
މި މުބާރާތުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި ހުންނެވީ ރ. ހުޅުދުއްފާރު އޯކިޑްވިލާ އަލްއުސްތާޛު މުޙައްމަދު ވަޙީދެވެ. އޭގެ އިތުރުން ފަނޑިޔާރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަނަވަނީ ސ.ހިތަދޫ ސާޔާ އަލްޙާފިޡް އިބްރާހީމް ޒުހައިރާއި، މާލޭ މ. ރީޙުއްޞަބާ އަލްއުސްތާޛް އަޙްމަދު ޢަލާއެވެ.
މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ށ.އަތޮޅުގެ ދަރިވަރުންނަށް ކީރިތި ޤުރުއާން ތަޖުވީދުގެ ހަމަތަކުން އުނގެނުމާއި، އުނގަންނައިދިނުމުގަޔާއި، ތަރުތީލުކޮށް ކިޔެވުމުގެ ޤާބިލުކަން ދެއްކުމުގައި ވާދަވެރި މާޙައުލެއް އުފެއްދުމާއި، އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމަށް މަސައްކަތްކުރުމާއި، ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި އަތޮޅު ތަމްސީލުކުރާނެ ޤާބިލު ޖީލެއް އުފެއްދުމެވެ.