ށ.އަތޮޅުގެ ރަށުކައުންސިލްތަކަށް ހޯސްޓްކުރުމަށް ފުރުޞަތު ހުޅުވާލެވުނު، 2017ވަނަ އަހަރުގެ ވިޔަވަތި ޤުރުއާން މުބާރާތް ށ. ކޮމަންޑޫގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ވިޔަވަތި ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށް 2017 އޮކްޓޯބަރ 19 ގައި ބޭއްވުނު މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ ތިންވަނަ ދައުރުގެ 18ވަނަ ޢާއްމު ޖަލްސާއަށް އެޖެންޑާކޮށް، ށ.ކޮމަންޑޫގައި ބޭއްވުމަށް ނިންމާފައިވަނީ ކޮމަންޑޫ ކައުންސިލް އިދާރާއިން ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލް ރަނގަޅުވުމާއި، ހަމައެކަނި ޕްރޮޕޯސަލް ހުށަހަޅުއްވާފައިވަނީ އެކައުންސިލުން ކަމަށްވާތީކަމުގައި ށ.އަތޮޅުކައުންސިލް އިދާރާއިން މަޢުލޫމާތު ދެއްވައެވެ. އަދި މި ޖަލްސާގައި ށ.ކޮމަންޑޫ ކައުންސިލަށް މި މުބާރާތް ހޯސްޓްކުރުމަށް ފުރުޞަތު ދިނުމަށް ފެންނަކަމަށް ހާޟިރުވެވަޑައިގެންނެވި 3 މެންބަރުން ވަނީ ވޯޓްދެއްވާފައެވެ.
މި މުބާރާތް ށ.ކޮމަންޑޫގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ނޮވެމްބަރ މަހުގެ 16 އިން 19 އަށް ކަމުގައި ށ.އަތޮޅުކައުންސިލް އިދާރާއިން މަޢުލޫމާތު ދެއްވައެވެ.