ށ.އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ފޮތް، ލައިސަންސް ކާޑަށް ބަދަލުކުރުމުގެ އިމްތިޙާނު ހެދުމަށް ހިންގާ ޕްރޮގްރާމު މިރޭ ފެށުމަށް ވާންޖެހޭ ތައްޔާރީތައް މުޅިން ނިމިފައިވާ ކަމަށް ށ.އަތޮޅު ކައުންސިލުން ހާމަކުރައްވައިފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީއާއި، ށ.އަތޮޅު ކައުންސިލާ ގުޅިގެން މިމަހުގެ 19 އިން 20 ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމު ކުރިޔަށްދާނީ އަތޮޅުގެ 4 ދާއިރާގެ ތެރެއިން އެންމެ ގިނައިން ބައިވެރިވެފައިވާ ރަށެއްގައެވެ. މިގޮތުން ފުނަދޫ ދާއިރާގެ ރަށްރަށުގެ ޕްރޮގްރާމު މިރޭ 21:00 އިން 23:00 އަށް ބޭއްވުމަށް ހަމަޖެހިފައިވަނީ ފުނަދޫ ސްކޫލު ހޯލުގައެވެ. މިލަންދޫ ދާއިރާގެ ޕްރޮގްރާމު ހިންގުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 އިން 11:00 އަށް މިލަންދޫގައެވެ. ކޮމަންޑޫ ދާއިރާގައި އެ ޕްރޮގްރާމު މާދަމާ މެންދުރުފަހު 14:30 އިން 16:30 އަށް ފޯކައިދޫގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާއިރު އެ ޕްރޮގްރާމު ކަނޑިތީމުދާއިރާގައި މާދަމާރޭ 21:00 އިން 23:00 އަށް ކަނޑިތީމުގައި ކުރިޔަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވެނީ 2016 މާޗް 6ވަނަ ދުވަހުގެ ކުރިން ށ.އަތޮޅުއޮފީހުން ނުވަތަ ށ.އަތޮޅުކައުންސިލް އިދާރާއިން އެއްގަމު ލައިސަންސް ފޮތް ހަދާފައިވާ ފަރާތްތަކަށް އެކަންޏެވެ. އެގޮތުން މި ޕްރޮގްރާމުގައި ބައިވެރިވުމަށް މިހާތަނަށް 427 މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް އަތޮޅުކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
މިޓީމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ރަފީޢު އާއި، ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ޙަލީމުގެ އިތުރުން އެ އޮތޯރިޓީގެ އިތުރު 3 މުވައްޒަފަކާއި، ށ.އަތޮޅުކައުންސިލް އިދާރާގެ ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ.