ށ.ފުނަދޫގައި ހުންނަ މީރާ ކަލެކްޝަން ސެންޓަރ މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މީރާގެ މި ކަލެކްޝަން ސެންޓަރ ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޓެކްސޭޝަން އަލްފާޟިލް ޔަޒީދު އަޙްމަދާއި، ށ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޢާރިފުއެވެ.
ކީރިތީ ޤުރުއާނުގެ ބަރަކާތުން މި ރަސްމިއްޔާރު ފައްޓަވައިދެއްވީ ށ.ފުނަދޫ ސްކޫލުގެ ދަރިވަރު ދަޙްލާން މުޙައްމަދު ރިޟާއެވެ.
ކޮމިޝަނަރގެ ވާހަކަފުޅުގައި ފުނަދޫގައި މިއަދު ހުޅުވިގެން މިދާ އޮފީހަކީ މާލޭގައި ހުރި މީރާގެ އޮފީހެކޭ އެއްވަރަށް ޚިދުމަތް ލިބެމުންދާ އޮފީހަކަށް ހެދުމަށްޓަކައި އެ އަމާޒަށް ދަތުރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރާނެކަމަށް ވިދާޅުވިއެވެ. އަދި 2010 އިން ފެށިގެން މީރާގެ އޮފީސް ހުޅުވުމާ ހިސާބަށް ޓެކްސް ބަލައިގަތުމަށް ށ.އަތޮޅުކައުންސިލުގެ މުވައްޒަފުން ކޮށްދެއްވާފައިވާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ.
އެމަނިކުފާނުގެ އިތުރުން ށ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޢާރިފްވެސް ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް މީރާ ކަލެކްޓިންގ ސެންޓަރެއް ށ.އަތޮޅުގައި ޤާއިމުކުރެއްވި ކަމީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއް ކަމަށާއި، އެކަމަށްޓަކައި މީރާގެ ވެރިން ޝުކުރު އަދާކުރައްވައި އިތުރަށް ވިދާޅުވީ މިހާރަށްވުރެވެސް ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މީރާއިން ވިސްނުން ބެހެއްޓުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިރަސްމިއްޔާތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއުގެ އޮތޯރިޓީގެ އިސްވެރިންގެ އިތުރުން ފުނަދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ށ.އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުންނާއި، މީރާ ކަލެކްޝަން ސެންޓަރގެ މުވައްޒަފުންނާއި، ފުނަދޫގެ ޢާއްމު ރައްޔިތުން ބައިވެރިވެފައިވެއެވެ.