ށ.އަތޮޅުގެ ފެރީ ދަތުރުތަކާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދައިފި


ށ.އަތޮޅު ފެރީދަތުރުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކާއި، އެކަންކަން ޙައްލުކުރެވިދާނެ ގޮތުގެ ޚިޔާލު ށ.އަތޮޅު ކައުންސިލާއި، ފުނަދޫ ކައުންސިލާ ބައްދަލުކުރައްވައި އެމް.ޓީ.ސީ.ސީން ހޯއްދަވައިފިއެވެ.

އޭޕްރީލް 20 ވަނަ ދުވަހު ށ.އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މި ބައްދަލުވުމުގައި އެމް.ޓީ.ސީ.ސީގެ ޓްރާންސްޕޯޓް ސަރވިސް ހިންގުމާ ޙަވާލުވެ ހުންނެވި ޖެނެރަލް މެނޭޖަރ އިބްރާހީމް ލަޠީފް ވިދާޅުވީ  މި ދަތުރުގެ ބޭނުމަކީ މި ސަރަހައްދުގެ ދަތުރުފަތުގެ ނިޒާމު ކުރިޔަށްދާގޮތް ބަލާލުމާއި، އެ ކުންފުނީގެ ފަރާތުން ށ. އަތޮޅުގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭތާ ހަ މަސްދުވަސް ވެފައިވާއިރު، އެ ހަ މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ ޚިޔާލު ބެލިފައި ނެތުމާއި، އަތޮޅު ކައުންސިލާއި، ރަށުކައުންސިލަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ފަރާތްތަކަށްވާތީ، ރައްޔިތުންގެ ހުރިހާ ޝަކުވާއެއް، ޚިޔާލެއް ކައުންސިލާ ހަމައަށް އައިސްފައި އޮންނާނެތީ އެ ޚިޔާލުބަދަލުކުރުމަށާއި، އޭގެ އިތުރުން އެމް.ޓީ.ސީ.ސީގެ ފެރީ ޚިދުމަތާ ބެހޭގޮތުންނާއި، ފެރީތަކުން ދޭ ޚިދުމަތުގެ ފެންވަރު ބަލާލުން ކަމަށެވެ.   

ފެރީގެ ދަތުރުތަކާ ބެހޭގޮތުން  ށ.އަތޮޅު ކައުންސިލާއި، ފުނަދޫ ކައުންސިލަށް ޢާއްމުންގެ ފަރާތުން ލިބިފައިވާ ޝަކުވާތައް ޓީމުގެ ބޭފުޅުންނާ ޙިއްސާކުރައްވައި، އަތޮޅު ފެރީ ހދ. ކުޅުދުއްފުއްޓަށް ގޮސް މަޑުކުރަންޖެހޭ ވަގުތު އިތުރުކުރުމަށާއި، އަތޮޅުތެރެއިން ފުނަދުއަށް ޒިޔާރަތްކޮށް ހޭދަކުރަންޖެހޭ ވަގުތު އިތުރުކުރުމަށްޓަކައި ދުވެލި ބާރު އުޅަނދުފަހަރު ފެރީކުރުމުގައި ބޭނުންކުރުމަށް ޓީމުގެ ބޭފުޅުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.