ތަޢާރުފް
މިއީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ޢިމާރާތްތައް ފުރިހަމަގޮތުގައި ބެލެހެއްޓުމުގެ މަޤްޞަދު ޙާޞިލުކުރުމަށާއި، މިވަޞީލަތްތައް ބޭނުންކޮށްގެން ވިޔަފާރީގެ އުޞޫލުން ޚިދުމަތް ދިނުމުގެ ނިޒާމެއް ޤާއިމުކުރުމަށާއި، ކައުންސިލަށް އާމްދަނީ ލިބޭނެ ގޮތަކަށް މިދާއިރާއިން އިތުރު ޚިދުމަތްތަކެއް ޤާއިމުކުރުމުގެ މަގުފަހި ކުރުމަށްޓަކައި، ށ.އަތޮޅު ކައުންސިލުން ކަނޑައަޅާފައިވާ ސިޔާސަތު ހިންގައި ތަންފީޛްކުރުމުގެ އަސާސްތަކާއި މިންގަނޑުތަކާއި ހަމަތައް ބަޔާންކުރާ އުޞޫލެވެ.
ޒިންމާއުފުލާ ފަރާތް
މިޚިދުމަތް ވިޔަފާރީގެ އުޞޫލުން ހިންގާ ބަލަހައްޓާނީ އަތޮޅު ކައުންސިލުން ކަނޑައަޅާ ކޯރޑިނޭޓިންގ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ. އަދި މިކަމާއިގުޅިގެން ކުރެވޭކަންކަން ކުރުމުގެ ޒިންމާއުފުލައި ވިލަރެސް ކުރުމަށް ކައުންސިލުން ކަނޑައަޅާ ކައުންސިލަރ އެޒިންމާ އުފުލާން ޖެހޭނެއެވެ.
މިޚިދުމަތާއި ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްކޮށް ބަލަހައްޓަންޖެހޭ ކަންކަން ބަލަހައްޓާނީ އިދާރާގެ ކަމާބެހޭ ޔުނިޓުންނެވެ.
މުދަލާއި ރައުސުލްމާލު
ޚިދުމަތް ވިޔަފާރީގެ އުޞޫލުން ދިނުމުގައި އެސެޓްގެގޮތުގައި ބޭނުންކުރެވޭނީ ށ.އަތޮޅު ކައުންސިލްގެ އިދާރާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިހުރި ޢިމާރާތްތަކެވެ. މިއުޞޫލުގެ ދަށުން މިވިޔަފާރި ފެށޭއިރު ބޭނުންކުރެވޭނެ ޢިމާރާތްތަކަކީ އަތޮޅުވެހީގެ ޢިމާރާތްތަކާއި، މިލައުތުރުކީސާ (ބޭންކް އޮފް މޯލްޑިވްސް ފުނަދޫ ބުރާންޗް މިހާރު ހިގަމުންގެންދާ) ޢިމާރާތާއި، ށ.އަތޮޅުކައުންސިލުން މިކަމަށް ކަޑައަޅާ ޢިމާރާތްތަކާއި، މިކަމަށްޓަކައި ހޯދޭ ތަންތަނެވެ.
ވިޔަފާރީގެ ކެޕިޓަލަކީ 100,837.10ރ. (އެއްލައްކަ އަށްސަތޭކަ ތިރީސްހަތްރުފިޔާ ދިހަލާރި) އެވެ.
ޚިދުމަތުގެ ދާއިރާތައް
ދައުލަތުގެ ބޭނުންތަކުގައި އަދި ފަރުދީ ބޭނުންތަކުގައި އަތޮޅަށް ޒިޔާރަތްކުރާ ފަރާތްތަކަށް މެހުމާންދާރީގެ ޚިދުމަތް ކުރުމުއްދަތަށް ނުވަތަ ދިގުމުއްދަތަށް ދިނުމުގެ އިންތިޒާމް ހަމަޖެއްސުމާއި އެކަމަށް މަގުފަހިކޮށްދިނުން.
އޮފީސްހިންގުމަށާއި، ޖަލްސާތަކާއި ސެމިނަރފަދަ ކަންކަން ހިންގުމަށް ބޭނުންވާ ވަޞީލަތްތަކުގެ ޚިދުމަތް ފޯރުކޮށްދިނުން.
ދިގުމުއްދަތުގައި އަގުއަދާކުރެވޭ ގޮތަށް ގެދޮރު ހޯދައިދީ ނުވަތަ މިފަދަކަންކަމުގެ މެދުވެރިއެއްގެ ދައުރު އަދާކޮށް ދިނުމާއި، މިގޮތުން ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޚިދުމަތްދިނުން.
ކޮޓަރި ކުއްޔަށް ދޫކުރުން
ކޮޓަރި ކުއްޔަށް ދޫކުރުމުގެ ކުރިން އެ ޢިމާރާތެއް ސާފުކޮށް ބެލެހެއްޓުމަށް ޙަވާލުވެހުރި މުވައްޒަފަކު ލައްވާ ކޮޓަރި ތައްޔާރުކުރުވަންވާނެއެވެ. އަދި ކޮޓަރި ދޫކޮށްލުމުން ވެސް ކޮޓަރި ސާފުކުރުވާ ތަކެތި ހަމަތޯ ބަލައި ޗެކުކުރަންވާނެއެވެ.
ކޮޓަރިން އެއްވެސް އެއްޗެއް މަދުނަމަ ނުވަތަ ގެއްލުމެއް ވެފައިވާނަމަ ލަސްނުކޮށް ކޯޑިނޭޓަރުގެ ލަފާގެ މަތިން އަޅަންޖެހޭ ފިޔަވަޅު އަޅަންވާނެއެވެ.
ދުވަހު ކުއްޔަށް ކޮޓަރި ދޫކުރެވުނު ގޮތުގެ މަޢުލޫމާތު ފުރިހަމައަށް ލިޔެބަލަހައްޓަން ވާނެއެވެ. އަދި ކަސްޓަމަރުން ޢަމަލުކުރަންޖެހޭ އުޞޫލުތަކުގެ މަޢުލޫމާތުދީ، ކަސްޓަމަރުންނަށް ތަނުން ދޭންޖެހޭ އިރުޝާދުތައް ކޮޓަރި ޙަވާލުކުރެވޭއިރު ކޮޓަރީގައި ފެންނަން ހުންނަންވާނެވެ.
ދުވަހުކުލީގެ ގޮތުގައި ކުއްޔަށް ހިފާ މުއްދަތު 15 ދުވަހަށްވުރެ އިތުރުވާނަމަ، ޚިދުމަތަށް އެދުނު ފަރާތުން އެދިއްޖެ ޙާލަތެއްގައި މިއުޞޫލުގެ 8ވަނަ މާއްދާ (ދިގު މުއްދަތަށް ކޮޓަރި ދޫކުރުން) ގައިވާ ގޮތަށް ޢަމަލުކުރަންވާނެއެވެ.
އަމިއްލަ ފަރާތްތަކަށް ދުވަހު ކުއްޔަށް ކޮޓަރި ދޫކުރުން
ދުވަހު ކުއްޔަށް ކޮޓަރިއެއް ހޯދުމަށް ލިޔުމަކުން، ނުވަތަ އަނގަބަހުންވެސް ހުށައެޅިދާނެއެވެ.
ދުވަހު ކުއްޔަށް ކޮޓަރި ހިފަން ބޭނުންވާ ފަރާތްތަކުން ކޮޓަރި ކުއްޔަށް ހޯދުމަށް އެދި ހުށައަޅާ ފޯރމް ފުރިހަމަކޮށް ހުށައަޅަންވާނެއެވެ.
އަމިއްލަ ފަރާތްތަކަށް ކުއްޔަށްދޫކުރެވޭނީ ހަމައެކަނި އަތޮޅުވެހީގެ ކޮޓަރިތަކުންނެވެ.
ކޮޓަރި ކުއްޔަށް ދޫކުރުމުގައި ދުވަސް ގުނާނީ މެންދުރު 12 އިން، ޖެހިގެން އަންނަ ދުވަހުގެ މެންދުރު 12 އަށެވެ. އެހެން ނަމަވެސް ކޮޓަރި ހިފާތާ 1 ގަޑިއިރަށްވުރެ ފަހުން ކޮޓަރި ދޫކޮށްލާނަމަ އެއްދުވަހަށްވާ ފައިސާ ނަގަންޖެހޭނެވެ. މީގެ އިތުރުން އެއްދުވަސްވެ ދެވަނަ ދުވަހުގެ މެންދުރު 12 ގެ ފަހުން 1 ގަޑިއިރަށްވުރެ އިތުރަށް މަޑުކުރާނަމަ 2 ދުވަހުގެ ފައިސާ ނަގަންވާނެއެވެ.
ދުވަހު ކުއްޔަށް ކޮޓަރި ހިފަން ބޭނުންވާ ފަރާތަކުން އެކަމަށްއެދި ށ.އަތޮޅުކައުންސިލް އިދާރާއަށް ހުށަހެޅުމުން، އެޚިދުމަތަކަށް ކަނޑައެޅޭ އަގު އެޑްވާންސަށް ނެގުމަށްފަހު ކޮޓަރި ދޫކުރާނީއެވެ. އެޑްވާންސަށް ފުރަތަމަ ފައިސާނަގާއިރު ތަޅުދަނޑީގެ ފީގެ ގޮތުގައި -/100ރ. (އެއް ސަތޭކަ) ޗާޖުކުރަންވާނެއެވެ.
ތަޅުދަނޑީގެ ފީގެ ގޮތުގައި ނަގާ ފައިސާ ތަޅުދަނޑި ޙަވާލުކުރުމުން އަނބުރާ ޙަވާލުކުރަންވާނެއެވެ.
ކޮންމެ ދުވަހެއްގެ މެންދުރު 12ގެ ކުރިން ކުރިއަށް އޮތްދުވަހުގެ ފައިސާ ނަގަންވާނެއެވެ.
ކޮންމެ ކޮޓަރިއެއްގައި ބޭތިއްބޭނީ އެކޮޓަރިއެއްގައި އެނދު ހުންނަ ގޮތަށް ބަލައި، ކޮންމެ ސިންގަލް އެނދަކަށް އެކެއް، އަދި ޑަބަލް އެނދަކަށް ދެ މީހުންގެ ރޭޓުންނެވެ. އެއްކޮޓަރީގައި މިއަށްވުރެ އިތުރަށް މީހުން ތިބޭނަމަ އިތުރުވާ ކޮންމެ މީހަކައް -/50 ރުފިޔާގެ ރޭޓުން ޗާޖުކުރެވޭނެއެވެ. މި މާއްދާގެ ދަށުން 5 އަހަރުން ދަށުގެ ކުޑަކުދިންނަށް ޗާޖެއް ނުކުރެވޭނެވެ.
ސަރުކާރުގެ އިދާރާތަކަށް ދުވަހު ކުއްޔަށް ކޮޓަރި ދޫކުރުން
ސަރުކާރު އިދާރާތަކަށް ދުވަހު ކުއްޔަށް ކޮޓަރި ދޫކުރެވޭނީ އެ އިދާރާއަކުން ލިޔުމަކުން އެކަމަށް އެދި ހުށައެޅުމުން އެޚިދުމަތަކަށް ކަނޑައެޅޭ އަގު ނުވަތަ ކޯޓޭޝަން އެޕްރޫވްކުރުމުންނެވެ.
ސަރުކާރު އިދާރާތަކަށް ކޮޓަރި ދޫކުރުމުގައި ވެސް ދުވަސް ގުނާނީ މެންދުރު 12 އިން، ޖެހިގެން އަންނަ ދުވަހުގެ މެންދުރު 12 އަށެވެ.
އަތޮޅުކައުންސިލްގެ ބޭނުމަށް ކޮޓަރި ކުއްޔަށް ނަގާނަމަ އެކަމަށް ބޭނުންވާ ޔުނިޓަކުން ބޭނުންވާ ތާރީޚް، ގަޑި، ބޭނުންވާ ޢަދަދާއި މުއްދަތު އެނގޭނެގޮތަށް ކަމާބެހޭ ޔުނިޓަށް މެމޯއަކުން އަންގަންވާނެއެވެ.
ސަރުކާރު އިދާރާތަކަށް ފަހުން ފައިސާދައްކާގޮތަށް ކޮޓަރި ދޫކުރެވިދާނެއެވެ.
ފަހުން ފައިސާ ދައްކާގޮތަށް ކުއްޔަށް ހިފާ ކޮޓަރިއެއް ދޫކޮށްލުމަށްފަހު ޖެހިގެން އަންނަ ރަސްމީ ދެ ދުވަހުގެތެރޭ އެ އިދާރާއަކަށް ނުވަތަ އެ ޔުނިޓަކަށް ބިލު ފޮނުވަން ވާނެއެވެ.
ދިގުމުއްދަތަށް ކޮޓަރިދޫކުރުން
ދިގު މުއްދަތަށް ކޮޓަރި ދޫކުރެވޭނީ ހަމައެކަނި އަތޮޅުވެހިންނެވެ.
ދިގުމުއްދަތަށް ކޮޓަރިއެއް ހިފަންބޭނުންނަމަ އެކަންބަޔާންކޮށް މުއްދަތު އެނގޭނެގޮތަށް މަދުވެގެން 48ގަޑިއިރު ކުރިން ލިޔުމަކުން އަތޮޅު ކައުންސިލަށް ހުށައަޅަންވާނެއެވެ.
ދިގުމުއްދަތަށް ކޮޓަރި ދޫކުރުމުގައި އަގު ކަޑައަޅާނީ ކުއްޔަށްހިފާބޭނުމާއި، ޙާލަތާއި، އަދި މުއްދަތަށް ބެލުމަށްފަހު ކޯޑިނޭޓިން ކޮމެޓީންނެވެ. ނަމަވެސް 1 އަހަރަށްވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރާނަމަ އަގު ކަނޑައަޅާނީ ކައުންސިލުންނެވެ.
ދިގުމުއްދަތަށް ކޮޓަރި ދޫކުރެވޭނެ އެންމެ ކުޑައަގަކީ ދުވާލަކަށް 250/-ރ. ގެ ރޭޓުންނެވެ.
ދިގުމުއްދަތައް ކޮޓަރި ދޫކުރުމުގެ އެއްބަސްވުމެއް އެކުލަވާލާ ކޯޑިނޭޓިންގ ކޮމެޓީން ފާސްކުރަންވާނެވެ.
ސެމިނަރ ރޫމް ކުއްޔަށް ދޫކުރުން
ދުވަހު ކުއްޔަށް ސެމިނަރޫމް ދޫކުރެވޭނީ ހޯލުގައި ހިންގަންބޭނުންވާ ޙަރަކާތަކާއި މުއްދަތު ބަޔާންކޮށް ލިޔުމަކުން އެކަން ހުށައެޅުމުންނެވެ.
ދުވަހުކުލީގެ ގޮތުގައި ސެމިނަރ ރޫމްދޫކުރެވޭނީ ދުވާލަކަށް 500/-ރ. ގެ ރޭޓުންނެވެ. މިގޮތުން ދޫކުރެވޭނީ ގިނަވެގެން 15 ދުވަހުގެ މުއްދަތަށެވެ.
ދުވަހު ކުލީގެ ގޮތުގައި ސެމިނަރ ރޫމް ދޫކުރެވޭނެ އެންމެ ކުޑަ އަގަކީ ދުވާލަކަށް 350/-ރ. ގެ ރޭޓުންނެވެ.
15ދުވަހަށް ވުރެއިތުރަށް ސެމިނަރ ރޫމް ކުއްޔަށް ދޫކުރެވޭނީ ހޯލުގައި ހިންގާ ޙަރަކާތަކަށްބަލާ ކޯޑިނޭޓިންގ ކޮމެޓީން ކަނޑައަޅާ އަގަކަށެވެ.
އަމިއްލަފަރާތްތަކަށް ސެމިނަރ ރޫމް ދޫކުރެވޭނީ ސެމިނަރ ރޫމް ކުއްޔަށް ނެގުމަށް އެދި ހުށައަޅާ ފޯރމުން ހުއްދައަށް އެދި ހުށައެޅުމުން އެޑްވާންސަށް ފައިސާ ނެގުމަށްފަހުއެވެ.
ސަރުކާރު އިދާރާތަކަށް ބިލުކުރާގޮތައް ސެމިނަރ ރޫމް ދޫކުރެވިދާނެއެވެ.
ސަރުކާރު އިދާރާއަކުން ކުއްޔަށް ހިފާ ބޭނުމެއް ނިމުމުން ޖެހިގެން އަންނަ ރަސްމީ ދެ ދުވަހުގެތެރޭ އެ އިދާރާއަކަށް ނުވަތަ އެ ޔުނިޓަކަށް ބިލު ފޮނުވަން ވާނެއެވެ.
ދިގުމުއްދަތަށް ކުއްޔަށް ދޫކުރުމަށް އެއްބަސްވުމެއް އެކުލަވާލައި ކޯޑިނޭޓިންގ ކޮމެޓީން ފާސްކޮށްފައި އޮންނަންވާނެއެވެ.
ޢިމާރާތްތައް ކުއްޔަށް ދޫކުރުން
ކައުންސިލުގެ ބެލެމުގެ ދަށުގައިވާ އިމާރާތެއް އެކުގައި ކުއްޔަށް ދޫކުރެވޭނީ ކައުންސިލަށް ހުށައަޅާ ކައުންސިލުން ނިންމާ ނިންމުންތަކަށް ރިޢާޔަތްކޮށް ކޯޑިނޭޓިން ކޮމެޓީންނެވެ.
މާލީ އަދި އިދާރީ ކަންކަން
މި ޚިދުމަތުގެ ތެރެއިން ފޯރުކޮށްދޭ ކޮންމެ ޚިދުމަތެއްވެސް ވާންޖެހޭނީ، އަދި ވަޞީލަތެއް ނުވަތަ ތަނެއް ބޭނުން ކުރަންޖެހޭނީ، އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ޤަވާޢިދުތަކާ ޚިލާފުނުވާ ކަންކަން ކުރުމަށެވެ.
މި ވިޔަފާރިއަށް ލިބޭފައިސާ ޖަމާކުރާނީ އަތޮޅު ކައުންސިލް އިދާރާގެ ޓްރަސްޓް ފަންޑުގެ އެކައުންޓަށެވެ. އަދި މިޕްރޮގްރާމުގެ އާމްދަނީ ފައިސާ ބަލައިގަތުމާއި، އެކިފަރާތްތަކަށް ދޭންޖެހޭ ފައިސާ ދިނުމުގެ މަސައްކަތްކޮށް، ކަމާއިގުޅޭ ހިސާބު ބަލަހައްޓާނީ ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުންނެވެ. އަދި ކަމާގުޅޭ އެންމެހާ އިދާރީ މުޢާމަލާތްތައް ހިންގާންވާނީ މާލީ ޤަވާޢިދާއި، މި އިދާރާގެ ހިންގުމުގެ އުޞޫލުތަކާއި އެއްގޮތަށެވެ.
މި ވިޔަފާރި ހިންގުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ކުރާނީ ވިޔަފާރިން ލިބޭއާމްދަނީއިންނެވެ. އަދި މިކަމުގައި ބޭނުންކުރާ ތަންތަން މަރާމާތުކޮށް ބަލަހައްޓާނީ ވިޔަފާރީން ލިބޭ އާމްދަނީއާއި، ކައުންސިލުގެ ބަޖެޓުންނެވެ.
ޚިދުމަތްތަކަށް ބިލުހެދުމުގެ އިންތިޒާމާއި ލިބެންވާ ފައިސާ މުއްދަތަށް ލިބޭތޯބަލައި ޗެކްކޮށް މިކަން ބަރާބަރަށް ހިންގުމުގެ އިދާރީ އިންތިޒާމްތައް ކުރުމަކީ ކަމާބެހޭ ޔުނިޓުގެ ޒިންމާއެކެވެ.
ވިޔަފާރީގެ ފައިދާއާއި ގެއްލުން ދެނެގަތުމަށްޓަކައި ކޮންމެ ތިންމަހަކުން ރިޕޯރޓެއް އެކުލަވާލުމަށްފަހު އަތޮޅުކައުންސިލަށް ހުށަހަޅަން ޖެހޭނެއެވެ. މިރިޕޯރޓް އެކުލަވާލާނީ ކަމާބެހޭ ޔުނިޓުންނެވެ. އަދި ކޮންމެ އަހަރެއް ނިމުމާއެކު ކޯރޑިނޭޓިންގ ކޮމެޓީގެ ފަރާތުން އިންޓަރނަލް އޮޑިޓެއްކޮށް އަހަރީ ރިޕޯރޓް އެކުލަވާލައި ކައުންސިލަށް ހުށަހަޅަން ވާނެއެވެ.
ކޯޑިނޭޓަރ ރަށުންބޭރުގައި ނުވަތަ ޗުއްޓީއެއްގައި ހުންނަވާއިރު މިޕްރޮގްރާމާއި ވަގުތީގޮތުން ހަވާލުވެ ހުންނަވަނީ ކޮން ބޭފުޅެއްކަން ލިޔުމުން ކަމާބެހޭ ޔުނިޓަށް އަންގަންވާނެވެ.
ކޮޓަރި ކުއްޔަށް ދޫކުރުމުގެ ކުރިން ޕްރޮގްރާމްގެ ކޯޑިނޭޓަރގެ އެޕްރޫވަލް ހޯދަންވާނެވެ.
މި އުޞޫލުގެ ދަށުން ކޮޓަރި ކުއްޔަށް ދޫކުރުމަށްފަހު އެކަމުގެ މައުލޫމާތު އެވަގުތަކު ކައުންސިލް ހިންގެވުމާއި ޙަވާލުވެހުންނަވާ ވެރިޔަކަށް އެންގުމަކީ ޕްރޮގްރާމްގެ ކޯޓިނޭޓަރގެ ޒިންމާއެވެ.
އެހެނިހެން ކަންކަން
ކުލި ނުނަގާގޮތަށް އެއްވެސް ފަރާތެއް ބަހައްޓަން ކައުންސިލަރަކު ބޭނުންވެއްޖެ ހިނދެއްގައި ބެހެއްޓޭނީ ޕްރޮގްރާމާ ޙަވާލުވެހުންނަވާ ކޯޑިނޭޓަރެއްގެ ހުއްދައާއެކު ކަމާބެހޭ އިދާރީ ޔުނިޓާ މަޢުލޫމާތު ހިއްސާކުރެވިގެންނެވެ. އަދި މިގޮތަށް މީހަކު ބެހެއްޓޭނީ ގިނަވެގެން 1 ދުވަހުގެ މުއްދަތަށެވެ. މިގޮތަށް މީހަކު ބަހައްޓާނަމަ ބެހެއްޓޭނީ އަތޮޅުގޭގެ 6،7 ނަންބަރު ކޮޓަރީގައެވެ.
ރަށު ކައުންސިލްތަކުން ރަސްމީ ބޭނުންތަކުގައި ފުނަދުއަށް ޒިޔާރަތްކުރައްވާ ކައުންސިލަރުންނާއި މުވައްޒިފުން ތާޒާވެލުމަށް އަތޮޅުގޭގެ 6 ނަންބަރު ކޮޓަރި ރަސްމީ ކޮންމެ ދުވަހަކުވެސް ހުޅުވާފައި ހުންނަންޖެހޭނެއެވެ.
ސަރުކާރުގެ އިދާރާއަކުން އެދިގެން ކުއްޔަށް ބަދަލުގެނެސް ނުވަތަ ކުލި ނުނަގާ ގޮތަށް ފަރާތެއް ބެހެއްޓޭނީ ކޯޑިނޭޓިންގ ކޮމެޓީގެ ނިންމުމަކުންނެވެ. މިގޮތުން ދޫކުރެވޭނީ އަތޮޅުގޭގެ 6،7 ނަންބަރު ކޮޓަރިއެވެ. ނަމަވެސް 15 ދުވަހަށް ވުރެ އިތުރުވާނަމަ އެކަން ކައުންސިލަށް ހުށައަޅާ ކައުންސިލުން ނިންމާ ނިންމުމަކަށް ޢަމަލު ކުރަންވާނެއެވެ.
މިއުޞޫލުގައި ނުހިމެނޭ ހާލަތެއްދިމާވެއްޖެނަމަ އެކަމުގައި އަމަލުކުރާނެ ގޮތެއް ނިންމާނީ ނަފާވެހި ޕްރޮގްރާމް ހިންގުމާއި ހަވާލުވެ ހުންނަވާ ކޯޑިނޭޓަރަކާއި އަދި ކައުންސިލް ހިންގަވަން އެވަގުތަކު ހުންނަވާ ބޭފުޅެއްގެ މަޝްވަރާގެ މަތިންނެވެ.