މަދަދު


ތަޢާރަފް

މިއީ، ކުރިއްސުރެ އަތޮޅުގެ ތަރައްޤީގެ ޕްރޮގްރާމުގެ ތެރެއިން ހިންގަމުންދިޔަ ލުއިލޯންގެ ޕްރޮގްރާމް ފުޅައުކުރުމަށާއި، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ރައްޔިތުންގެ މާލިއްޔަތު އިތުރުކުރުމަށާއި، ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ މަޤުޞަދުގައި މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން “މަދަދު” ގެނަމުގައި އެކުލަވާލާ ޕްރޮގްރާމެކެވެ.

ށ.އަތޮޅު ކައުންސިލުން މިޕްރޮގްރާމް އެކުލަވާލާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ނަންބަރު 2010/7 ) ގެ 8ވަނަ މާއްދާގެ (ފ) އާއި (ދ) އިން ލިބިދީފައިއޮތް ބާރާއި މަސްޢޫލިއްޔަތުގެ މައްޗަށް ބިނާކޮށް އެޤާނޫނުގެ 73 ވަނަ މާއްދާއިން ލިބިދީފައިވާ އިޚްތިޔާރުގެ ދަށުންނެވެ. އަދި މިޕްރޮގްރާމް އުފައްދައި ހިންގުމުގެ ޤަވާޢިދު މިއެކުލަވާލެވެނީ މިކަމާއި ގުޅޭގޮތުން ށ.އަތޮޅު ކައުންސިލުން ފާސްކޮށްފައިވާ ސިޔާސަތާއި އެއްގޮތްވާ ގޮތުގެމަތީންނެވެ.

ޒިންމާއުފުލާ ފަރާތް

މި ޕްރޮގްރާމް ހިންގުމުގެ ހުރިހާ ޒިންމާއެއް އުފުލާނީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުންނެވެ. އަދި ޕްރޮގްރާމްގެ އިދާރާއަކީ ށ.އަތޮޅު ކައުންސިލްގެ އިދާރާއެވެ. މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާނީ ށ. އަތޮޅު ކައުންސިލް އިދާރާގެ ކަމާގުޅޭ ޔުނިޓްގެ މުވައްޒަފުންނެވެ.

މި ޕްރޮގްރާމްގެ ދަށުން ހިންގާ ޙަރަކާތްތަކާއި މުޢާމަލާތްތައް ހިންގާނީ މިއުޞޫލާއި އެއްގޮތަށް އަތޮޅުކައުންސިލުން އެކުލަވާލާ ކޯޑިނޭޓިންގ ކޮމެޓީއެއްގެ ބެލުމުގެ ދަށުން ކޮމެޓީގެ ކޯޑިނޭޓަރެވެ.

މި ޕްރޮގްރާމްގެ ޙަރަކާތްތަކާއި މުޢާމަލާތްތައް ހިންގުމުގައި ރަށުކައުންސިލްތަކުގެ އެއްބާރުލުން ހޯދުމަށާއި، ރަށު ފެންވަރުގައި ކުރަންބޭނުންވާ ކަންކަމަށް ރަށުކައުންސިލް އިދާރާތަކުގެ އެއްބާރުލުން ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލާ ދެމެދު ވެވިފައިވާ އެމް.އޯ.ޔޫ އާއި އެއްގޮތަށެވެ.

ރައުސުލްމާލު

މި ޕްރޮގްރާމުގެ ރައުސުލްމާލަކީ ވިޔަވަތި ޓްރަސްޓުގެ ދަށުން ކަނޑައެޅުނު -/3,600,000 ރުފިޔާ (ތިންމިލިއަން ހަސަތޭކަހާސް ރުފިޔާ) އެވެ.

މި ޕްރޮގްރާމް ފެށި، ހިނގަމުންދާއިރުވެސް ރައުސްމާލު އިތުރުކޮށް ފަންޑް މުއްސަނދި ކުރުމުގެ ގޮތުން ހިލޭއެހީ ހޯދުމަށް ކޯރޑިނޭޓިންގ ކޮމެޓީން މަސައްކަތްކުރަންވާނެއެވެ. މިގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ އިޚްތިޔާރު ކޯޑިނޭޓިންގ ކޮމެޓީއަށް ލިބިގެންވީ ނަމަވެސް ކުރެވޭކަންކަމުގެ މަޢުލޫމާތާއި ލިބޭނަތީޖާ ކައުންސިލާ ޙިއްޞާ ކުރާންވާނެއެވެ.

މިޕްރޮގްރާމަށް ކަނޑައަޅާފައިވާ ޖުމްލަ ރައުސުލްމާލުގެ މަދުވެގެން %5 ރިޒާރވްގެ ގޮތުގައި ބަހައްޓަން ވާނެއެވެ.

ލޯނުދެވޭ ދާއިރާތަކާއި ފަރާތްތައް

އާމްދަނީ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއެރުވުމަށާއި، އާމްދަނީ ހޯދުމަށް މަސައްކަތްތައް އަލަށްފަށައި ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށާއި، ލުއިސިނާޢަތްތައް ތަޢާރަފްކޮށް ކުރިއަރުވަން ބޭނުންވާ ކަންކަން ކުރުމަށާއި، ގެދޮރު ބިނާކުރުމަށާއި، ގެދޮރުގެ ފެންވަރު މަތިކުރުމަށާއި، ދިރިއުޅުމުގެ ފަސޭހަތަކަށް ބޭނުންވާ ތަކެއްޗާއި ޒަރޫރީ ވަޞީލަތް ހޯދުމަށާއި، އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމަށް ފަރުދުންނަށް ދޫކުރެވޭ ފައިސާގެ ލޯނު ނުވަތަ ތަކެތީގެ ލޯނު.

އިޖުތިމާޢީ ތަރައްޤީ އާއި، އިޤްޞާދީ ތަރައްޤީ އާއި، ރަށްވެހިކަމުގެ ތަރައްޤީއަށް މަގުފަހިކޮށްދޭ ކުދި މަޝްރޫޢުތައް ހިންގުމަށް ރަށުކައުންސިލްތަކަށާއި މަދަނީ ޖަމާޢަތްތަކަށް ދޫކުރެވޭ ފައިސާގެލޯނު ނުވަތަ ތަކެތީގެ ލޯނު.

ފަރުދުންނަށް ދޫކުރެވޭ ލޯނު ދޫކުރެވޭނީ މިލަދުންމަޑުލު އުތުރުބުރީގެ ރަށެއްގައި ރަށްވެހިވެފައިވާ ޢުމުރުން 18 އަހަރާއި، 60 އަހަރާ ދެމެދުގެ ފަރާތްތަކަށް.

ލޯނުގެ މިންވަރާއި މުއްދަތާއި ޚިދުމަތުގެ އަގު

ލޯނު އެހީ ދިނުމަށް ކަނޑައެޅިފައިވާ ދާއިރާގެ ތެރޭގައި ހިމެނޭ ކަމަކަށް، ރަހުނު ކުރުމެއްނެތި ފަރުދުންނަށް ދޫކުރެވޭނެ ލޯނުގެ އެންމެ ބޮޑު ޢަދަދަކީ -/15,000 (ފަނަރަހާސް ރުފިޔާ) އެވެ.

ލޯނު އެހީ ދިނުމަށް ކަނޑައެޅިފައިވާ ދާއިރާގެ ތެރޭގައި ހިމެނޭ ކަމަކަށް، ރަހުނާއެކު ފަރުދުންނަށް ދޫކުރެވޭނެ ލޯނުގެ އެންމެބޮޑު ޢަދަދަކީ -/50,000 (ފަންސާސްހާސް ރުފިޔާ) އެވެ.

ލޯނު އެހީ ދިނުމަށް ކަނޑައެޅިފައިވާ ދާއިރާގެ ތެރޭގައި ހިމެނޭ ކަމަކަށް، ރަށު ކައުންސިލްތަކަށް ދޫކުރެވޭނެ ލޯނުގެ އެންމެބޮޑު ޢަދަދަކީ -/100,000 (އެއްލައްކަ ރުފިޔާ)އެވެ. އަދި މަދަނީ ޖަމްޢިއްޔާތަކަށް ދޫކުރެވޭނެ ލޯނުގެ އެންމެބޮޑު ޢަދަދަކީ 50,000/- (ފަންސާސްހާސް ރުފިޔާ) އެވެ.

ލޯނުގެ ގްރޭސް ޕީރިއަޑްގެ ގޮތުގައި ދެވޭނެ އެންމެ ދިގު މުއްދަތަކީ 60 ދުވަހެވެ. ގްރޭސްޕީރިއަޑަށް ދެވޭ މުއްދަތުގައި، އިންސްޓޯލްމެންޓްގެ ގޮތުގައި ނުވަތަ ޚިދުމަތުގެ އަގަށް ނުވަތަ ޖޫރިމަނާއަކަށް ވިޔަސް އިތުރު ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. ގްރޭސްޕީރިއަޑްގެ މުއްދަތު ގުނަން ފަށާނީ ލޯނުގެ ފައިސާ ދޫކުރާ ދުވަހުން ފެށިގެންނެވެ.

ފަރުދުންނަށް ދޫކުރެވޭ ލޯނާއި، ރަށު ކައުންސިލްތަކަށާއި މަދަނީ ޖަމާޢަތްތަކަށް ދޫކުރެވޭ ލޯނު އަނބުރާ ދައްކާއިރު ލޯނަށް ދޫކުރެވޭ ޖުމްލަ ޢަދަދުގެ %15 ޚިދުމަތުގެ އަގުގެ ގޮތުގައި އިތުރުކުރެވޭނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ދޫކުރެވޭ ލޯނު ފައިސާ އަނބުރާ ދައްކަން ދެވޭނެ އެންމެ ދިގު މުއްދަތަކީ 36 މަސްދުވަހެވެ.

ޖޫރިމަނާކުރުން

ލޯނު ޖޫރިމަނާވާނީ ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތުގެ ތެރޭގައި ލޯނު ނުދައްކާ 90 ދުވަސް ހަމަވުމުންނެވެ. ޖޫރިމަނާ ފައިސާ ނަގަންވާނީ 91 ވަނަ ދުވަހުން ފެށިގެންނެވެ. ޖޫރިމަނާވުމަށްފަހު ފައިސާބަލައި ގަނެވޭނީ އެހާތަނަށް ދައްކަންޖެހި ނުދެއްކިވާ ފައިސާއާއި ޖޫރިމަނާއާއި އެކުގައެވެ. މިގޮތަށް ފައިސާ ނުދެއްކިއްޖެނަމަ ނުދެއްކިދާ ކޮންމެ މަހަކު ނުދެއްކިވާ ޢަދަދުން ޖޫރިމަނާ ކުރެވެމުންދާނެއެވެ. ޖޫރިމަނާ ނެގުމުގައި ބަލާނީ ގްރޭސް ޕީރިއަޑް ހަމަވާ ދުވަހުން ފެށިގެންނެވެ.

ލޯނު ނެގުމަށްފަހު ގްރޭސް ޕީރިއަޑް ހަމަވެ ޖޫރިމާނާވެއްޖެނަމަ ޖޫރިމަނާ ކުރާނީ ގްރޭސް ޕީރިއަޑްގެ 60 ދުވަސް ކެނޑުމަށްފަހު 90 ދުވަސް ހަމަވެ 91 ވަނަ ދުވަހުން ފެށިގެންނެވެ. މުއްދަތު ގުނާނީ ގްރޭސް ޕީރިއަޑް ހަމަވާ ދުވަހުން ފެށިގެންނެވެ.

ކަނޑައެޅިފައިވާ މުއްދަތަށް ލޯން ނުނިމިއްޖެނަމަ ލޯން ނެގި ފަރާތަށް އިތުރުކޮށް ދެވޭނީ ގިނަވެގެން 90 ދުވަހެވެ. އަދި އިތުރުކޮށްދެވޭ މުއްދަތަށް ޖޫރިމަނާގެ ގޮތުގައި ކަނޑައެޅިފައިވާ %5 ފައިސާ ނުދެއްކިވާ ޖުމްލައަށް ކޮންމެ މަހަކު އިތުރު ކުރެވޭނެއެވެ. އޭގެ ފަހުންވެސް ލޯނު ނުދައްކައިފިނަމަ އިތުރު ފުރުޞަތެއް ދިނުމަކާނުލައި ކޯޓް މެދުވެރިކޮށް ފައިސާ ހޯދުމަށް މަސައްކަތް ފެށޭނެއެވެ.

ލޯނުގެ ގްރޭސް ޕީރިއަޑް ހަމަވުމަށްފަހު، ފައިސާ ނުދައްކާ އިތުރު 180 ދުވަސް ހަމަވުމުން ފައިސާ ހޯދުމަށްޓަކައި ދާނީ ކޯޓަށެވެ. ކޯޓަށް ދިޔުމުގެ ކުރިން އެފަރާތަށް މަޢުލޫމާތު ދިނުމަށް ސިޓީ ފޮނުވަންވާނެއެވެ.

ރަހުނުކުރުން

ފަރުދުންނަށް ދޫކުރެވޭ ލޯނުގެ މިންވަރަކީ -/15,000 (ފަނަރަހާސް ރުފިޔާ) އިން ދަށުގެ ޢަދަދެއްނަމަ އެއްވެސް ރަހުނެއް ބަހައްޓާކަށް ނުޖެހޭނެއެވެ.

ފަރުދުންނަށް ދޫކުރެވޭ ލޯނުގެ މިންވަރަކީ -/15,000 (ފަނަރަހާސް ރުފިޔާ) އަށްވުރެ މަތީ ޢަދަދެއްނަމަ، މަދުވެގެން ލޯނާ އެއްވަރުގެ އަގުހުރި ރަހުނެއް ބަހައްޓަން ޖެހޭނެއެވެ. ރަހުނުގެ ގޮތުގައި ބެހެއްޓޭނީ ނުއުފުލޭ މުދަލާއި އުޅަނދު ފަހަރުފަދަ ތަކެއްޗެވެ. އަދި މިތަކެއްޗަކީ ލޯނުނަގާ ފަރާތުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ތަކެއްޗަށް ވާންޖެހޭނެއެވެ. ނުވަތަ އެހެން ފަރާތެއްގެ ނަމުގައިވާ އެއްޗެއް ރަހުނުކުރާނަމަ އެފަރާތުން އެކަމަށް އިޒުނަދީފައިވާ ކަމުގެ ލިއުމެއް އޮންނަން ޖެހޭނެއެވެ.

ކައުންސިލްތަކަށް ދޫކުރެވޭ ލޯނަކީ -/15,000 (ފަނަރަހާސް ރުފިޔާ) އަށްވުރެ ކުޑަ ޢަދަދެއްނަމަ ލޯނާބެހޭ އެންމެހާ ޒިންމާތައް އުފުލާނެކަމަށް ބަޔާންކޮށް ފާސްކޮށްފައިވާ ކައުންސިލްގެ ޤަރާރާއި، ޤަރާރު ފާސްކުރި ޖަލްސާގެ ޔައުމިއްޔާ ހުށަހެޅުމުން ފުދޭނެއެވެ. އަދި ލޯނުގެ މިންވަރަކީ -/15,000 (ފަނަރަހާސް ރުފިޔާ) އަށްވުރެ މަތީ ޢަދަދެއްނަމަވެސް ލޯނާބެހޭ އެންމެހާ ޒިންމާތައް އުފުލާނެކަމަށް ބަޔާންކޮށް ފާސްކޮށްފައިވާ ކައުންސިލްގެ ޤަރާރާއި، ޤަރާރު ފާސްކުރި ޖަލްސާގެ ޔައުމިއްޔާ ހުށައެޅުމާއިއެކު ލޯނާ އެއްވަރުގެ އަގުހުރި މުދަލެއް ރަހުނުގެ ގޮތުގައި ބަހައްޓަން ޖެހޭނެއެވެ.

މަދަނީ ޖަމާޢަތްތަކަށް ދޫކުރެވޭ ލޯނަކީ -/15,000 (ފަނަރަހާސް ރުފިޔާ) އަށްވުރެ ކުޑަ ޢަދަދެއްނަމަ ލޯނާބެހޭ އެންމެހާ ޒިންމާތައް އުފުލުމަށް ހިންގާކޮމެޓީއިން އެކަމަށް އިޤްރާރުވެފައިވާ ކަމުގެ ލިއުމަކާއި، އެއްވެސް ސަބަބަކާހުރެ އެ ޖަމްޢިއްޔާއަކުން ލޯން ނުދައްކައިފިނަމަ، ރަށުކައުންސިލުން ޒިންމާ އުފުލާނެކަމުގެ ޤަރާރަކާއި، ޤަރާރު ފާސްކުރި ޖަލްސާގެ ޔައުމިއްޔާ ހުށައަޅަން ވާނެއެވެ. އަދި ލޯނުގެ މިންވަރަކީ -/15,000 (ފަނަރަހާސް ރުފިޔާ) އަށްވުރެމަތީ ޢަދަދެއްނަމަ ލޯނާބެހޭ އެންމެހާ ޒިންމާތައް އުފުލާނެކަމަށް ބަޔާންކޮށް ފާސްކޮށްފައިވާ ޖަމްޢިއްޔާގެ ޤަރާރާއި، ޤަރާރު ފާސްކުރި ޖަލްސާގެ ޔައުމިއްޔާ ހުށައެޅުމާއިއެކު ލޯނާ އެއްވަރުގެ އަގުހުރި މުދަލެއް ރަހުނުގެ ގޮތުގައި ބަހައްޓަން ޖެހޭނެއެވެ.

ލޯނުގެ ރަހުނުގެ ގޮތުގައި ބެހެއްޓޭ މުދަލަކީ ލޯނު ނަގާފަރާތުގެ މިލްކުގައިވާ ތަކެތިނަމަ އެއެއްޗެއްގެ ރަޖިސްޓްރީ އަތޮޅު ކައުންސިލާ ޙަވާލުކޮށް ރަހުނުގެ ގޮތުގައި ބެހެއްޓުމުގެ އިޚްތިޔާރު އަތޮޅު ކައުންސިލަށް ލިބިދޭން ޖެހޭނެއެވެ. އަދި އެހެންފަރާތެއްގެ މުދަލެއް ރަހުނުކުރަން ހުށަހަޅާނަމަ ވެރިފަރާތުން އެކަމަށް އެއްބަސްވާކަމުގެ ލިއުމަކާއި އެއެއްޗެއްގެ ރަޖިސްޓްރީ އަތޮޅު ކައުންސިލަށް ޙަވާލުކޮށް ރަހުނުގެ ގޮތުގައި ބެހެއްޓުމުގެ ފުރިހަމަ އިޚްތިޔާރު އަތޮޅު ކައުންސިލަށް ލިބިދޭންޖެހޭނެއެވެ.

ލޯނަށް އެދުން

ކޮންމެ އަހަރަކުވެސް ކޯޑިނޭޓިންގ ކޮމެޓީން ކަނޑައަޅާ ގޮތެއްގެ މަތިން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލަންވާނެއެވެ. މިކަން ކުރާނީ އަތޮޅުގެ ހުރިހާ ރަށެއްގައި އާންމުކޮށް އިޢުލާން ކޮށްގެންނެވެ.

ލޯނަށް އެދޭފޯމް ރަށު ކައުންސިލްގެ އިދާރާއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އެރަށެއްގެ ރަށު ކައުންސިލް އިދާރާގެ ޒިންމާއެކެވެ.

ފޯމް ބަލައިގަންނާނީ އެރަށެއްގެ ރަށު ކައުންސިލް އިދާރާއަށެވެ.

ލޯނަށް އެދޭ ފަރާތްތަކުން ލޯނަށް އެދި ހުށައެޅުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 30 ދުވަހެވެ. އަދި ފޯމް ހުށައެޅުމުގެ މުއްދަތު ހަމަވާތާ 30 ދުވަހުގެ ތެރޭގައި ފޯމްތައް އަތޮޅު ކައުންސިލް އިދާރާއަށް ފޮނުވުމަކީ ރަށު ކައުންސިލްތަކުގެ ޒިންމާއެކެވެ. ރަށު ކައުންސިލްތަކުން ފޯމްތައް ފޮނުވަންޖެހޭ މުއްދަތުގެ ފަހުން މިއިދާރާއަށް ހުށަހަޅާ ފޯމް ބަލައި ގަނެގެން ނުވާނެއެވެ.

ޕްރޮޕޯސަލް ދިރާސާކޮށް ލޯނުލިބޭ ފަރާތްތައް ކަނޑައެޅުން

ލޯނަށްއެދި ހުށަހަޅާފައިވާ ކޮންމެ ޕްރޮޕޯސަލެއް ވަކިން ދިރާސާކުރެވޭނެއެވެ. މިކަން ކުރާނީ ޕްރޮގްރާމްގެ ކޯރޑިނޭޓިންގ ކޮމެޓީންނެވެ. އަދި ދިރާސާކުރުމުގައި ބަލާނެ ކަންކަމާއި ގެންގުޅޭނެ މިންގަނޑުތައް ކޯރޑިނޭޓިންގ ކޮމެޓީން އެކަށައަޅައި، ކައުންސިލުން ފާސްކޮށް ޢާންމުކޮށް ހާމަކުރެވެން ވާނެއެވެ. ލޯނު ދިރާސާ ކުރާނެގޮތުގެ ނަމޫނާއެއް (އިވިލުއޭޝަން ކްރައިޓީރިއާ) ޖަދުވަލުގައި ހިމެނިފައިވާނެވެ.

ލޯނަށްއެދި ހުށަހަޅާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު، ލޯނުދިނުމަށް ހޮވޭފަރާތްތަކަށް އެކަންސިޓީއަކުން އަންގަންވާނެއެވެ. އަދި ޕްރޮޕޯސަލް ބާޠިލްވާނަމަ އެކަންވެސް ސަބަބު ބަޔާންކޮށް ސިޓީއަކުން ޕްރޮޕޯސަލް ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

ލޯނުގެ ފައިސާ ދޫކުރުމުގެ ކުރިން ލޯނުގެ އެގްރީމެންޓާއި، ރަހުނު ރަޖިސްޓްރީކުރުން ފަދަ ޤާނޫނީގޮތުން ކުރާންޖެހޭ ކަންކަމާއި އިދާރީގޮތުން ކުރާންޖެހޭ ކަންކަން ފުރިހަމަކޮށް ނިންމުމުގެ މަސައްކަތް ލޯން ލިބޭފަރާތާއި އަތޮޅު ކައުންސިލްގެ އިދާރާއިން ވީހާ އަވަހަކަށް ނިންމުމަށް މަސައްކަތް ކުރާންޖެހޭނެއެވެ.

މާލީ މުޢާމަލާތާއި އިދާރީ ހިންގުމުގެ ހަމަތައް

ޕްރޮގްރާމްގެ އެންމެހާ މާލީ މުޢާމަލާތްތައް ހިންގަންވާނީ، މާލިއްޔަތާއިބެހޭ ޤާނޫނާއި، މާލީކަންކަން ހިންގުމާބެހޭ ޤަވާޢިދާ، މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުން ފާސްކުރާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތީންނެވެ.

ޕްރޮގްރާމްގެ ރައުސުލްމާލުގައި ހިމެނޭ ފައިސާ ހުންނަންވާނީ، ށ.އަތޮޅު ކައުންސިލުގެ ވިޔަވަތި ޓްރަސްޓް އެކައުންޓްގައެވެ. އަދި ލޯނުތަކަށް ދައްކާފައިސާ ޖަމާކުރާންވާނީވެސް ވިޔަވަތި ޓްރަސްޓްގެ އެކައުންޓަށެވެ.

ޕްރޮގްރާމްގެ ދަށުން ދޫކުރެވޭ ލޯނުގެ ފައިސާ ލޯނުނަގާ ފަރާތަށް ދޭނީ ޗެކުންނެވެ. ޗެކުން ފައިސާ ދޫކުރަންވާނީ ފުރިހަމަ ކުރާންޖެހޭ ހުރިހާކަމެއް ފުރިހަމަވެފައިވާކަން ކަށަވަރު ކުރުމަށްފަހުގައެވެ.

ލޯނު ނަގާފަރާތުން ބޭނުން ވެއްޖެނަމަ އެފަރާތުގެ އެކައުންޓަށް ފައިސާ ޖަމާކޮށްދެވިދާނެއެވެ. މިގޮތަށް ޖަމާކުރެވޭނީ އެފަރާތުން އެކަމަށްއެދި ރަށު ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުމުން ލޯނު ފައިސާއިން ކަމިޝަން ކަނޑާ ގޮތަށެވެ.

ލޯނަށް އަނބުރާ ދައްކާފައިސާ ދައްކާނީ ރަށުކައުންސިލް އިދާރާ މެދުވެރިކޮށެވެ. ރަށުކައުންސިލް އިދާރާތަކަށް ފައިސާ ބަލައިގަތުމަށްފަހު ފައިސާ ބަލައިގަތް ކަމުގެ ރަސީދު ދޫކުރާންވާނެއެވެ. ރަށުކައުންސިލްތަކަށް ބަލައިގަންނަ ފައިސާ މަހުންމަހަށް ބޭންކްގެ އެކައުންޓަށް ޖަމާކުރުމަށްފަހު ސްލިޕާއެކު ލޯނަށްލިބުނު ފައިސާގެ ރިޕޯރޓް އަތޮޅުކައުންސިލްގެ އިދާރާއަށް ކޮންމެ މަހެއްގެ 5 ވަނަ ދުވަހުގެ ނިޔަލަށް ފޮނުވަން ވާނެއެވެ.

ލޯނުތަކާބެހޭ ހުރިހާ މަޢުލޫމާތެއް ރިކޯރޑްކޮށް ކޯރޑިނޭޓިންގ ކޮމެޓީން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް އެއް އުޞޫލެއްގެ ދަށުން ރައްކައުތެރިކަމާއެކު ބެލެހެއްޓުމުގެ އިންތިޒާމު، ރަށުކައުންސިލްގެ އިދާރާތަކުންނާއި، އަތޮޅު ކައުންސިލް އިދާރާއިން ހަމަޖައްސަން ޖެހޭނެއެވެ.

ޕްރޮގްރާމްގެ އިދާރީ ކަންކަމާއި ގުޅޭގޮތުން ދެފަރާތުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ރަށުކައުންސިލް އިދާރާތަކާއި އަތޮޅުކައުންސިލްގެ އިދާރާއާއި ދެމެދު އެމްއޯޔޫއެއް ހެދިފައި އޮންނަންވާނެއެވެ.

ޕްރޮގްރާމް ހިންގައިގެން ލިބޭ ފައިދާއެއްގެ %25 އަކީ ރަށުކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބިދިނުމަށް ކަނޑައަޅާފައިވާ އެއްޗެކެވެ. މިފައިސާ ކައުންސިލްތަކަށް ދެވޭނީ އަހަރީ އޯޑިޓްކުރުމަށްފަހު އެވެ. އަދި އެކައުންސިލަކަށް ލިބޭ ޢަދަދު ކަނޑައެޅިގެންދާނީ އެރަށެއްގެ ނަމުގައި ދައުރުކުރާ ލޯނުތަކުން ލިބޭ ފައިދާއެއްގެ މައްޗަށެވެ.

މޮނިޓަރކުރުމާއި އޯޑިޓްކުރުން

މުޅި ޕްރޮގްރާމްގެ ކަންކަން ހުރިނެތްގޮތް ބަލައި ދިރާސާކުރުމުގެ ގޮތުން ކޯރޑިނޭޓިންގ ކޮމެޓީގެ ފަރާތުން ކޮންމެ ހަމަހަކުން އިންޓަރނަލް ކޮންޕްލައިންސް އޮޑިޓެއްހަދައި، ރިޕޯރޓެއް އެކުލަވާލުމަށްފަހު އަތޮޅުކައުންސިލަށް ހުށަހަޅާން ވާނެއެވެ. އަދި މިރިޕޯރޓް ކައުންސިލުން ފާސްކުރުމަށްފަހު ޢާންމުކޮށް ޝާއިޢުކުރެވޭނެއެވެ.

އަހަރުގެ ފަހު ހަމަހުގެ ކޮމްޕްލައިންސް އޮޑިޓް ރިޕޯރޓް ހިނގާ އަހަރުގެ ޖެނުއަރީ މަހުގެ 31 ކުރިން ކައުންސިލަށް ހުށަހަޅަން ޖެހޭނެއެވެ. އަދި މިރިޕޯރޓް ކައުންސިލުން ފާސްކުރުމަށްފަހު ޢާންމުކޮށް ޝާއިޢުކުރެވޭނެއެވެ.

މުޅި ޕްރޮގްރާމްގެ ކަންކަން ހުރިނެތްގޮތް ބަލައި ދިރާސާކުރުމުގެ ގޮތުން ކޯރޑިނޭޓިންގ ކޮމެޓީގެ ފަރާތުން އަހަރަކު އެއްފަހަރު މިޕްރޮގްރާމްގެ ސާފު އޮޑިޓެއް ހަދަން ވާނެއެވެ. މިރިޕޯރޓް ހަދަންވާނީ ކޯޑިނޭޓިންގ ކޮމެޓީން ކަނޑައަޅާ ޕެނަލެއް މެދުވެރިކޮށެވެ. އަދި މިރިޕޯރޓް ކައުންސިލުން ފާސްކުރުމަށްފަހު ޢާންމުކޮށް ޝާއިޢުކުރެވޭނެއެވެ.

ފިޔަވަޅުއެޅުން

އިންޓަރނަލް ކޮންޕްލައިންސް އޯޑިޓްގެ ތެރެއިން ނުވަތަ އަހަރީ އޯޑިޓްގެ ތެރެއިން ކަމެއް އިޞްލާޙުކޮށް ރަނގަޅު ކުރަންޖެހޭ ކަމަށް ފާހަގަ ކުރެވިއްޖެނަމަ އެކަމަކާއި ގުޅިގެން ލިބިފައިވާ މަޝްވަރާއާއި އެއްގޮތްވާ ގޮތުގެމަތީން އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅަންޖެހޭނެއެވެ.

ލޯނު ނަގާފައިވާ ފަރާތަކުން އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރަމުން ނުދާނަމަ ރަށު ކައުންސިލްގެ އިދާރާ މެދުވެރިކޮށް ނަޞޭޙަތްދީ ސިޓީއަކުން އެކަން އަތޮޅުކައުންސިލް އިދާރާއިން އެފަރާތަކަށް އަންގަންވާނެއެވެ. އަދި ނަޞޭޙަތް ޤަބޫލުނުކޮށް އެއްބަސްވުމާއި ތަކުރާރުކޮށް ޚިލާފުވާނަމަ މައްސަލަ ޝަރީޢަތަށް ހުށަހެޅޭނެއެވެ. އަދި މިފަދަ ފަރާތަކަށް އަލުން ޕްރޮގްރާމް މެދުވެރިކޮށް އެހީދިނުމުގެ ދޮރު ބަންދުކުރެވޭނެއެވެ.

ޕްރޮގްރާމްގެ ކަމަކާއިގުޅިގެން، މިޤަވާޢިދުގައި ނުވަތަ ލޯނުގެ އެއްބަސްވުމުގައި ހިމެނިފައިނުވާ ކަމެއްދިމާވެއްޖެނަމަ އެކަމެއް ޙައްލުކުރަން ފުރަތަމަ މަސައްކަތް ކުރާނީ މަޝްވަރާކޮށް ވާހަކަ ދައްކައިގެންނެވެ. އަދި މިގޮތުން ޙައްލެއް ނުފެނިއްޖެ ޙާލަތުގައި މައްސަލަ ނިންމާނީ ޝަރީޢަތުންނެވެ. ޝަރުޢީގޮތުން ޙުކުމެއް ކުރެވިއްޖެނަމަ ޝާމިލުވާ ހުރިހާ ފަރާތަކުންވެސް ޝަރުޢީ ޙުކުމަށް ބޯލަނބައި އެއަށް ޢަމަލުކުރުން ލާޒިމުވާނެއެވެ.

މި އުޞޫލުގައި ވަކިގޮތެއް ކަނޑައެޅިފައިނުވާ ކަންކަން ނިންމާނީ ކޯޑިނޭޓިންގ ކޮމެޓީންނެވެ. ކޯޑިނޭޓިންގ ކޮމެޓީން ނުނިންމޭ ވަރުގެ މައްސަލަތައް ނިންމާނީ ކައުންސިލުންނެވެ.