ތަޢާރަފް
މިއީ، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ކަނޑާއި، އެއްގަމު އުޅަނދު ފަހަރު ބޭނުންކޮށްގެން ވިޔަފާރީގެ އުޞޫލުން އަދި ކައުންސިލަށް އާމްދަނީ ލިބޭނޭ ފަދަޔަކުން ކަންކަން ކުރުމަށްޓަކައި ކައުންސިލުން ކަނޑައަޅައި އެންމެހާ އުޞޫލުތަކާއި މިންގަނޑުތަކާއި ހަމަތައް ބަޔާންކުރާ އުޞޫލެވެ.
ޒިންމާއުފުލާ ފަރާތް
މިވިޔަފާރި ހިންގާ ބެލެހެއްޓުމުގެ އުޞޫލުތައް ކަނޑައަޅާނީ އަތޮޅު ކައުންސިލުން ކަނޑައަޅާ “ދުވެލި ކޯޑިނޭޓިންގ ކޮމެޓީ” އިންނެވެ. އަދި މިކަމާއި ގުޅިގެން ކުރެވޭ ކަންކަން ވިލަރެސް ކުރުމަށް ކައުންސިލުން ކޯޑިނޭޓަރަކު އައްޔަންކުރާން ވާނެއެވެ.
އިދާރީގޮތުން މި ވިޔަފާރީގެ ކަންކަން ބަލަހައްޓާނީ ކައުންސިލް އިދާރާގެ ކަމާބެހޭ ޔުނިޓުންނެވެ.
މުދަލާއި ރައުސުލްމާލު
މި ވިޔަފާރީގައި އެސެޓްގެ ގޮތުގައި ބޭނުންކުރެވޭނީ ށ.އަތޮޅު ކައުންސިލް އިދާރާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައި ހުރި ނުވަތަ މިކަމަށް ހޯދޭ ކަނޑުގައި ދުއްވާ އުޅަނދާއި އެއްގަމުގައިދުއްވާ އުޅަނދުފަހަރެވެ.
މި ވިޔަފާރި އަލަށް ފަށައި ހިންގުމަށްޓަކައި ކަނޑައެޅި ރައުސުލްމާލަކީ 100,000/-ރ. (އެއްލައްކަ ރުފިޔާ) އެވެ.
ވިޔަފާރީގެ ދާއިރާ
ވިޔަފާރީގެ ތެރެއިން ދެވޭނެ މައިގަނޑު ޚިދުމަތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކަނޑު ދަތުރުކުރުމާއި ކަނޑައެޅޭ ވަކިމުއްދަތުތަކަށް އުޅަނދުފަހަރު ކުއްޔަށްދިނުމާއި އެއްގަމު ދަތުރުގެ ޚިދުމަތްދިނުމެވެ.
ދަތުރުފަތުރުގެ ޚިދުމަތުގެ ދާއިރާއިން ފާހަގަކުރެވޭ އިތުރު ޚިދުމަތްތައް ފަށައި ނުވަތަ ކައުންސިލަށް ނަފާ ލިބެނިވި ގޮތުގައި އެޖެންޓްކަން ކުރުންފަދަ ކަންކަން ހޯދައި ލިބިގަތުމާއި، އެހެނިހެން ކުންފުނިތަކާއި ގުޅިގެން މުޢާމަލާތްތައް ހިންގުމުގެ ކަންކަމަށް މި ވިޔަފާރީގެ ތެރެއިން ފުރުޞަތު ތަނަވަސް ކުރެވިދާނެއެވެ.
މި ވިޔަފާރީގެ ތެރެއިން ފެރީގެ ޚިދުމަތް ޤާއިމުކޮށް ރާވައި ހިންގުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރަންޖެހޭ މުޢާމަލާތްތައް ހިންގިދާނެއެވެ.
ޚިދުމަތް ދިނުން
ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދެވޭނީ އެކަމަށްއެދި އިދާރާއަށް ހުށަހެޅުމުން، އެޚިދުމަތަކަށް ކަނޑައެޅޭ އަގު ނުވަތަ ކޯޓޭޝަން އެޕްރޫވްކުރުމުންނެވެ. ކޯޓޭޝަންގައި ޚިދުމަތުގެ ފުރިހަމަ އަގާއި، އިތުރު ޗާޖުތަކާއި، ޕޭމަންޓް ޓަރމްސް ބަޔާން ކުރެވިފައި އޮންނަން ވާނެއެވެ.
ޚިދުމަތާއި ބެހޭގޮތުން ހެދޭ ކޯޓޭޝަންގައި ބުނެފައިވާ އަގާއި، ޕޭމަންޓް ޓަރމްސްއާމެދު ދެފަރާތުން އެއްބަސްވެވިގެން މެނުވީ ޚިދުމަތްދީގެންނުވާނެއެވެ. އަދި ޚިދުމަތްދީ ނިމުމާއެކު އެޚިދުމަތަކަށް ބިލުކޮށް ބިލުގައިވާ ގޮތުގެމަތީން ފައިސާ ހޯދުމަށް ބާރުއަޅާ މަސައްކަތް ކުރާންވާނެއެވެ. ޚިދުމަތް ހޯދި ފަރާތަކުން އަދާކުރަންޖެހޭ ޕޭމަންޓެއް އޮއްވައި އެފަރާތަކަށް އިތުރު ޚިދުމަތެއް، އިސްތިސްނާ ޙާލަތެއް މެދުވެރިވެގެން މެނުވީ ނުދެވޭނެއެވެ.
ޚިދުމަތުގެއަގު ކަނޑައެޅުން
ޚިދުމަތްތަކުގެ އަގުކަނޑައަޅައި ޓެރިފް ތައްޔާރުކޮށް ކައުންސިލަށް ހުށަހަޅައި ފާސްކުރަންޖެހޭނެއެވެ. އަދި އެއަށްފަހު ތެލާއި ތަކެތީގެ އަގަށް އަންނަ ބަދަލުތަކަށް ބިނާކޮށް ޓެރިފްއަށް ބަދަލުގެންނަން ފެނިއްޖެނަމަ އެބަދަލުތައް ގެނައުމަށްޓަކައި ކޯޑިނޭޓިން ކޮމެޓީން ފާސްކޮށް ކައުންސިލަށް މަޢުލޫމާތު ދޭންވާނެއެވެ.
ހައިސްޕީޑް ލޯންޗާއި ދޯނީގައިކުރާ ކަނޑު ދަތުރުގެ އަގު ކަނޑައަޅާނީ ދަތުރުގެ ދިގުމިނާއި، މަޑުކުރުމަށް ކަނޑައަޅާ ވަގުތާއި ޙާލަތުގެ މައްޗަށެވެ. އަދި އެއްގަމު ދަތުރުގެ އަގު ކަނޑައަޅާނީ ޓްރާންސްޕޯރޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކާއި ޚިލާފުނުވާ ގޮތެއްގެ މަތިންނެވެ.
މާލީ އަދި އިދާރީ ކަންކަން
މި ވިޔަފާރިއަށް ލިބޭފައިސާ ޖަމާކުރާނީ އަތޮޅު ކައުންސިލް އިދާރާގެ ވިޔަވަތި ޓްރަސްޓް އެކައުންޓަށެވެ. މި ވިޔަފާރިން ލިބޭފައިސާ ބަލައިގަނެ އެކިފަރާތްތަކަށް ދޭންޖެހޭ ފައިސާ ދިނުމުގެ މަސައްކަތްކޮށް ކަމާއިގުޅޭ ހިސާބު ބަލަހައްޓާނީ ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުންނެވެ. އަދި ކަމާގުޅޭ އެންމެހައި އިދާރީ މުޢާމަލާތްތައް ހިންގަންވާނީ އިދާރާގެ ހިންގުމުގެ އުޞޫލުތަކާއި އެއްގޮތަށެވެ.
މި ވިޔަފާރި ހިންގުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ކުރާނީ ވިޔަފާރިން ލިބޭ އެއްޗަކުންނެވެ. އަދި މިކަމުގައި ބޭނުންކުރާ ތަކެތި މަރާމާތުކޮށް ބަލަހައްޓާނީވެސް ވިޔަފާރީން ލިބޭ އެއްޗަކުންނެވެ. މި ވިޔަފާރީގެ ތެރެއިން ކުރާ ދަތުރުތަކުގައި، އުޅަނދުފަހަރުގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް ދޭންޖެހޭ ދަތުރު އެލަވަންސާއި ކޮއްތުފައިސާ ދޭނީވެސް ލިބޭ އާމްދަނީގެ ތެރެއިންނެވެ.
ޚިދުމަތްތަކަށް ބިލުހެދުމުގެ އިންތިޒާމާއި ލިބެންވާ ފައިސާ މުއްދަތަށް ލިބޭތޯބަލައި ޗެކްކޮށް މިކަން ބަރާބަރަށް ހިންގުމުގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމަކީ މަސައްކަތް ޙަވާލުކުރެވިފައިވާ ޔުނިޓުގެ ޒިންމާއެކެވެ.
ވިޔަފާރީގެ ފައިދާ އާއި ގެއްލުން ދެނެގަތުމަށްޓަކައި ކޮންމެ ތިން މަހަކުން ރިޕޯރޓެއް އެކުލަވާލުމަށްފަހު އަތޮޅުކައުންސިލަށް ހުށަހަޅަން ޖެހޭނެއެވެ. މިރިޕޯރޓް އެކުލަވާލާނީ މަސައްކަތް ޙަވާލުކުރެވިފައިވާ ޔުނިޓުންނެވެ. އަދި ކޮންމެ އަހަރެއް ނިމުމާއެކު ކޯރޑިނޭޓިންގ ކޮމެޓީގެ ފަރާތުން އިންޓަރނަލް އޮޑިޓެއްކޮށް އަހަރީ ރިޕޯރޓް އެކުލަވާލައި ކައުންސިލަށް ހުށަހަޅަން ވާނެއެވެ.
ވިޔަފާރީގައި ބޭނުންކުރާ އުޅަނދުފަހަރާއި ތަކެތި މަރާމާތުކޮށް ބެލެހެއްޓުމުގެ އިންތިޒާމާއި، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރެވޭނެ އިންތިޒާމު، ޒިންމާއުފުލާ ފަރާތުން ރާވައި ބަލަހައްޓަން ވާނެއެވެ.
ޢާންމުކޮށް ކަނޑުދަތުރުތައް ކުރަންވާނީ ދުވާލުގެ ވަގުތުތަކުގައެވެ. ނަމަވެސް ކޮންމެހެން ދަތުރެއްކުރަން ޖެހިއްޖެނަމަ ކޯޑިނޭޓަރގެ އިޒުނަ ލިބިގެން އެނޫން ވަގުތުތަކުގައިވެސް ދަތުރުކުރެވޭނެއެވެ. އަދި އުޅަނދު ފަހަރުގައި ކުރެވޭ ދަތުރުތަކުގެ ލޮގް ލިޔެ ބަލަހައްޓަން ވާނެއެވެ.