ރާއްޖޭގެ އުތުރުން 3ވަނައަށް އޮތް އަތޮޅުކަމުގައިވާ މިލަދުންމަޑުލުއުތުރުބުރިއަށް ނިސްބަތްވާ ށ.މަރޮއްޓަކީ އަތޮޅުގެ މެދު ތެރޭގައި އޮންނަ ރަށެކެވެ. ށ. އަތޮޅުގެ 10ވަނަ ރަށުގެ ގޮތުގައި އޮތް މަރޮށި އޮންނަނީ ގާތްގަޑަކަށް އުތުރުން "30 '12 06 ދަރަޖަ އަދި ދެކުނުން "40 '03 73 ދަރަޖައިގައެވެ. ރަށަށް ދެވިފައިވާ ކޯޑަކީ C-10 ކެވެ. ގާތްގަޑަކަށް 690 މީޓަރު ދިގު، 600 މީޓަރ ފުޅާ މިނުގައި ހުންނަ މަރޮއްޓާއި މާލެއާއި ދެމެދުގެ ދުރުމިނަކީ ގާތްގަޑަކަށް 230 ކިލޯމީޓަރ ( 124 ނޯޓިކަލް މޭލް) އެވެ. އަތޮޅުގެ ވެރިކަން ކުރާ ށ.ފުނަދުއާއި މަރޮއްޓާއި ދެމެދު ހުންނަނީ 14.10 ނޯޓިކަލްމޭލެވެ. މަރޮއްޓާއި އެންމެ ކައިރިގައި އޮތް ( 9.14 ނޯޓިކަލްމޭލު ދުރުގައި އޮތް ) މީހުން ދިރިއުޅޭ ރަށަކީ ށ. ފޯކައިދޫ އެވެ. ނަމަވެސް ޒަމާނުންސުރެން އެންމެ ގާތް ގުޅުމެއް މަރޮށީ މީހުން ބާއްވަނީ 9.34 ނޯޓިކަލްމޭލް ދުރުގައި އޮތް ށ.ކޮމަންޑު އާއި އެވެ. 2.40 ނޯޓިކަލްމެލް ދުރުގައި އޮތް މެދުކުބުރުދުއަކީ މަރޮއްޓާއި އެންމެކައިރީގައި އޮތްރަށެވެ. ސަރުކާރާއި ރަށަށް ހެޔޮއެދޭ ފަރާތްތަކުގެ އެހީ އާއި ރަށަށް އުފަން މަރޮށީ ހުސެން ކިލެގެ ފާނުގެ ( ޙުސައިން ޢަބުދުﷲ، މ. އަރީޖް) ދީލަތި އެހީފުޅާ އެކު ރައްޔިތުންގެ ބުރަމަސައްކަތުން 1998 ވަނަ އަހަރު ހެދިފައިވާ 125000 އަކަފޫޓްގެ ބަދަރު އޮންނަނީ ރަށުގެ ދެކުނު ފަރާތުގައެވެ. މިބަދަރަކީ ދެމޫސުމަށްވެސް ފަސޭހަ، އަމާން ބަދަރެކެވެ. މަރޮށީގެ ރައްޔިތުން ޢާއްމުކޮށް ޢާމުދަނީ ހޯދުމަށް ރަށުންބޭރުގައި މަސައްކަތް ކުރާއިރު، ރަށުގައިތިބެގެން ވިޔަފާރިއާއި މަސްވެރިކަމާއި ފަންގެވިނުން ފަދަ މަސައްކަތް ކުރެއެވެ.
އާދަޔާޚިލާފު ސިފަތަކެއް ލިބިފައިވާ "މަރޮށީ ކަރުހަކުރާއި ، ބޮޑު ކާނިގަހުގެ" ސަބަބުން މަރޮށި ވަނީ ރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައެވެ. ރާއްޖެ ޕޯޗްގީޒުންގެ އަތްދަށުން ސަލާމަތް ކުރުމަށް ގައުމީ ބަތަލް ކުރެއްވި އަގުހުރި ޖިހާދުގައި މަރޮށީ ރައިވެރިބޭ ކުރެއްވި ބުރަމަސައްކަތްތަކުގެ ހަދާންތައް އާވާ މަރޮށީ ކާނިގަހަކީ ( ކަޅުއޮށްފުއްމީގެ ރިޔާ ބޭއްވުމަށް ބޮޑުތަކުރުފާނު ޖެއްސެވި ތިން ކަޑައިން ކަޑައެއް) 451 އަހަރަށް ވުރެން ގިނަދުވަސްވެފައިވާ ތާރީޚީ ގަހެކެވެ. ދީނާއި ގައުމަށްޓަކައި ކުރެއްވި ޖިހާދުގައި މަރޮށީގެ ރައްޔިތުން އަދާކޮށްފައިވާ ދައުރު ރަމްޒުކޮށްދޭ އަގުހުރި ދިރުމެކެވެ. މިގަހަކީ ސަރުކާރުން ހިމާޔަތް ކުރައްވާފައިވާ ތާރީޚީ ތަރިކައެކެވެ. އަދި "ކަޅުއޮށްފުންމި" ދުސްމަނުންގެ ކިބައިން ފިލުމަށް މަރޮށީގެ އިރުމަތީ ފަރާތުގައި އޮންނަ ކުޅިއަށް ވަދެ ނިކުތުމަށް ހެދިފައިވާ ނެރަކީ ("ކަޅުއޮށްފުންމި ވަތްތަން") ވެސް ތާރީޚީ ތަނެއްގެ ގޮތުގައި ރައްޔިތުން ބަލަމުން އަންނަ ތަނެކެވެ.
ރަށާއިބެހޭ މައުލޫމާތު
ރަށުގެ ބޮޑުމިން | 41.4 | ރަށުގައި މީހުން ދިރިއުޅުމަށް ކުރާ މަސައްކަތް | މަސްވެރިކަން، ފަންގެވިނުން |
ރަށުގެ ކޯޑް | C10 | ރަށުގައި ބޭންކްގެ ޚިދުމަތް | ނެތް |
ރަށުގެ ޕޯސްޓަލް ކޯޑް | 03100 | ރަށުގައި ހުރި ޢާއްމު ވިޔަފާރި ކުރާ ތަންތަން | 13 |
ރަށުގައި ހޮޓާ ކެފޭ ރެސްޓޯރަންޓްގެ ޚިދުމަތް | 00 | ||
ރަށުގައި ލަފާފުރުމުގެ ފަސޭހަކަން | ބަނދަރުހެދިފައި | ރަށުގައި ހުރި މިސްކިތް | 02 |
ރަށުގައި ތަޢުލީމު ދެވޭ ފެންވަރު | ސާނަވީ | ރަށުގައި ހުރި ކުޑަކުދިންގެ ޕާކު | 01 |
ރަށުގައި ހުރި ޔުނިވާސިޓީ ކޮލެޖް ކެމްޕަސް | ނެތް | ރަށުގައި ހުރި ފުޓުބޯޅަ ދަނޑު | 01 |
ރަށުގައި ޞިއްޙީ ޚިދުމަތް | ޞިއްހީމަރުކަޒު | ރަށުގައި ހުރި ބަށި ކޯޓު | 01 |
ރަށުގައި ހުރި ފާމަސީ | 01 | ރަށުގައި ހުރި މާލެ ދަތުރުކުރާ ބޯޓު | 00 |
ރަށުގައި ކަރަންޓް ޚިދުމަތް | 24 ގަޑިއިއިރު، ފެނަކަ | ރަށުގައި ހުރި ސްޕީޑް ލާންޗް | 01 |
ރަށުގައި ސާފު ބޯފެނުގެ ނިޒާމް | ނެތް | ރަށުގައި ދޫކުރެވިފައިވާ ދަނޑުބިން | 00 |
ރަށުގައި ނަރުދަމާގެ ނިޒާމު | ނެތް | ރަށުގައި ތެލާއި ގޭހުގެ ވިޔަފާރި | 02 |
ރަށުގައި ކުނި ނައްތާލުމުގެ ނިޒާމު | ގާއިމްކުރެވިފައި | ރަށުގައި އުޅޭ ބިދޭސީން | 22 |
މަރޮށި ކައުންސިލްގެ އިދާރާ
ފޯން: 6540054
ފެކްސް: 6540054
އީމެއިލް: info@maroshi.gov.mv
ސޯޝަލް މީޑިއާ: Maroshi Council