ށ. އަތޮޅު


މިލަދުންމަޑުލު އުތުރުބުރި ނުވަތަ ށ.އަތޮޅަކީ، އުތުރުން ތިން ވަނަ އަތޮޅެވެ. އަތޮޅަށް ދެވިފައިވާ އިނގިރޭސި އަކުރަކީ C އެވެ. އަތޮޅުގެ ޕޮޒިޝަނަކީ އިރުން 73 ދަރަޖަ އުތުރުން6 ދަރަޖައެވެ. އަތޮޅުގެ ބޮޑުމިނަކީ 37 މޭލެވެ. މި އަތޮޅުގައިވާ 50 ރަށުގެ ތެރެއިން މީހުން ދިރިއުޅެނީ 14 ރަށުގައެވެ. އެއީ، ކަނޑިތީމާއި ނޫމަރާ އާއި، ގޮއިދޫ އާއި، ފޭދޫ އާއި، ފީވަކާއި، ބިލެތްފައްސާއި ފޯކައިދޫއާއި، ނަރުދޫ އާއި، މަރޮށްޓާއި ޅައިމަގާއި ކޮމަންޑޫ އާއި، މާއުނގޫދޫ އާއި، ފުނަދޫ އަދި މިލަންދޫއެވެ.

އަތޮޅުގެ މަރުކަޒީ ރަށަކީ ފުނަދޫއެވެ. އަތޮޅުގެ މަރުކަޒީ ރަށާއި، މާލެއާ ދެމެދުގައިވާ ދުރުމިނަކީ 123 މޭލެވެ.

2016ވަނަ  އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިއަތޮޅުގެ އާބާދީއަކީ 17685 އެވެ. އެއީ، 8650 އަންހެނުންނާއި، 9035 ފިރިހެނުންނެވެ .އަތޮޅުގެ ހުރިހާ ރަށެއްގައި ސެކަންޑްރީ ތަޢުލީމު ދެވެއެވެ. މީގެއިތުރުން ކަނޑިތީމުގައި ހުންނަ އަތޮޅު މަދްރަސާއިންނާއި، ކޮމަންޑޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒާއި، ފުނަދޫ ސްކޫލާއި، މިލަންދޫ ސްކޫލުން ހަޔަރ ސެކަންޑްރީ ތަޢުލީމު ދެވެއެވެ. އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ޞިއްޙީ މަރުކަޒު ޤާއިމުކުރެވި، ޑަކްޓަރުންނާއި، ނަރުހުންގެ ޚިދުމަތް ލިބެމުންދެއެވެ. އަތޮޅުގެ ޞިއްޙީ ޚިދުމަތުގެ މައި މަރުކަޒަކީ ފުނަދޫގައި ހުންނަ ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލެވެ.

މިއަތޮޅުގެ ރައްޔިތުންގެ ތެރެއިން އެންމެ ގިނަބަޔަކު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ މަސްވެރިކަމާއި، ދަނޑުވެރިކަމެވެ. މީގެ އިތުރުން ޢިމާރާތްކުރުމުގެ މަސައްކަތާއި، ފަތުރުވެރިކަމުގެ ދާއިރާގައިވެސް އާމްދަނީ ހޯދުމުގެ ގޮތުން އަތޮޅުގެ ގިނަ ޢަދަދެއްގެ ޒުވާނުން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ މަސައްކަތް އަތޮޅުގެ ތިން ރަށެއްގައި ދަނީކުރެވެމުންނެވެ. އެއީ، ދޮޅިޔަދޫ އާއި ގާކޮށިންބާއި ކަނބާލިފަރެވެ. މީގެއިތުރުން މަޑިދޫ އާއި ރިނބުދޫ އާއި ކުރެއްދޫ އާއި ކުނބުރުދޫގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރެއެވެ. އަދި ނަލަންދޫ އާއި އެރިޔަދޫގައި އެކުއަރކަލްޗަރ ކޮށްގެން ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ކުރެއެވެ. މަސްވެރިކަމުގެ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކީކިމިނި ވަނީ ތަރައްޤީކުރެވިފައެވެ.